ނެޓްފްލިކްސް
ޕާސްވޯޑް ޝެއާކުރުން މަނާކުރުމާ އެކު ނެޓްފްލިކްސްގެ ފައިދާ މައްޗަށް
ކަސްޓަމަރުންގެ މެދުގައި ޕާސްވޯޑް ޝެއާ ކުރުން މަނާކުރުން ފަދަ ފިޔަވަޅުތަކާ ގުޅިގެން މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ފައިދާ ވަރަށް ބޮޑުތަން މައްޗަށް ގޮސްފައިވާ ކަމަށް ނެޓްފްލިކްސް އިން ބުނެފި އެވެ.
ވީޑިއޯ ސްޓްރީމް ކުރުމާ ބެހޭ ސިނާއަތުގައި ދުނިޔޭގެ އެންމެ މަގްބޫލު އެއް ކުންފުނި ކަމުގައިވާ ނެޓްފްލިކްސް އިން ބުނިގޮތުގައި، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 9.3 މިލިއަން ކަސްޓަމަރުން ވަނީ އިތުރަށް ލިބިފަ އެވެ. މިއާ އެކު ނެޓްފްލިކްސްގެ ޖުމްލަ ކަސްޓަމަރުންގެ އަދަދު އުޅެނީ 270 މިލިއަންއާ ގާތް ކުރާ އަދަދެއްގަ އެވެ.
މީގެ އިތުރުން ފުރަތަމަ ކުއާޓަރުގެ ފައިދާ 2.3 ބިލިއަން ޑޮލަރަށް ވުރެ މައްޗަށް ގޮސްފައިވާ ކަމަށާއި އަންނަ އަހަރުން ފެށިގެން ކަސްޓަމަރުންގެ އަދަދުތައް ހާމަކުރުން ހުއްޓާލާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އަހަރުން އަހަރަށް އަޅާބަލާއިރު ނެޓްފްލިކްސް އަށް ލިބުނު އާމްދަނީ ވެސް ވަނީ ގާތްގަނޑަކަށް %15 މައްޗަަށް ގޮސްފަ އެވެ. މީގެ މައިގަނޑު ސަބަބެއް ކަމަށް އެ ކުންފުނިން ބުނެފައި ވަނީ 'ގްރިސެލްޑާ' ފަދަ ޑްރާމާތަކެވެ.
ނެޓްފްލިކްސް ޕެކޭޖުތަކުގެ ތެރެއިން އެންމެ މަގުބޫލު 'ސްޓޭންޑަޑް' ޕެކޭޖުގެ އަގު އެންމެ ފަހުން ބޮޑުކޮށްފައި ވަނީ 2022ގަ އެވެ. އެ ފިޔަވަޅާ އެކު ގިނަ އަދަދެއްގެ ކަސްޓަމަރުން ނެޓްފްލިކްސް އިން ވަކިވެ، އިންވެސްޓަރުންގެ މެދުގައި ކަންބޮޑުވުންތައް އުފެދުނެވެ.
ނަމަވެސް އޭގެ ފަަހުން، އިޝްތިހާރު ހިމެނޭ އަގުހެޔޮ ޕެކޭޖެއް ތައާރަފުކޮށް، ކަސްޓަމަރުންގެ މެދުގައި ޕާސްވޯޑް ޝެއާކުރުން ހުއްޓުވައި ކުޅިވަރާއި ގޭމާ ބެހޭ ކޮންޓެންޓު ފަދަ ދާއިރާތަކަށް ނެޓްފްލިކްސް އިން ވަނީ ވަންނަން ފަށާފަ އެވެ.
މި އަހަރު މިހާތަނަށް ނެޓްފްލިކްސް ކުންފުނީގެ ހިއްސާގެ އަގު ވަނީ %30 މައްޗަށް ގޮސްފަ އެވެ.