އެޕަލްގެ ސީއީއޯ ޓިމް ކުކް.

އެޕަލް އިން އިންޑިއާގައި އުފައްދާ އައިފޯންގެ އަދަދު ދެގުނަ މައްޗަށް: ރިޕޯޓް

އެޕަލް އިން ނިމިދިޔަ މާލީ އަހަރު އިންޑިއާގައި 14 ބިލިއަން ޑޮލަރުގެ އައިފޯން އުފައްދާފައިވާ ކަމަށް ބްލޫމްބާގް އިން ބުދަ ދުވަހު ރިޕޯޓުކޮށްފި އެވެ.

ފާއިތުވެ ދިޔަ ދެތިން އަހަރު ތެރޭ ޗައިނާ އާއި އެމެރިކާއާ ދެމެދު އޮތް ގުޅުންތައް ހީނަރުވަމުން ދިޔުމާ ގުޅިގެން އެޕަލް އިން އަންނަނީ ޗައިނާއަށް ވެފައި އޮތް ބަރޯސާވުން ކުޑަކޮށް ވިއެޓްނާމް އާއި އިންޑިއާ ފަދަ ގައުމުތަކުގައި އުފެއްދުންތައް އިތުރު ކުރުމަށް މަސައްކަތް ކުރަމުން ނެވެ. 

މިއީ ޒަމާނުއްސުރެ ޗައިނާއަށް ބަރޯސާވަމުން އައިސްފައިވާ އެޕަލްއަށް ވަރަށް ބޮޑު ބަދަލެކެވެ. 

ބްލޫމްބާގްގެ ރިޕޯޓުގައިވާ ގޮތުން ދުނިޔޭގެ ބާޒާރަށް ނެރޭ އެޕަލް އައިފޯންގެ %14 މިހާރު އުފައްދަމުން އަންނަނީ އިންޑިއާގަ އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު ދެގުނަ އިތުރު އަދަދެކެވެ. އިންޑިއާގައި އުފައްދާ އައިފޯންތަކުގެ ތެރެއިން %67 އުފައްދަނީ  ފޮކްސްކޮން ކުންފުނިން ނެވެ. އަދި %17 ޕެގަޓްރޮން ކުންފުނިން އުފައްދަމުން އަންނަ އިރު ބާކީ ބައި އުފައްދަނީ ވިސްޓްރޯން ކުންފުނިން ނެވެ.

މިދިޔަ އަހަރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި އެޕަލްގެ ސީއީއޯ ޓިމް ކުކް އާއި އެމެރިކާގެ ޓެކްނޮލޮޖީ ސިނާއަތުގެ އެހެން ބައެއް ލީޑަރުން ވަނީ ވައިޓްހައުސްގައި މޯދީއާ ބައްދަލު ކުރައްވާފަ އެވެ. އެ ބައްދަލުވުމަށް ފަހު ސީއެންބީސީ ނޫހަށް މައުލޫމާތު ދެއްވަމުން ކުކް ވިދާޅުވީ އިންޑިއާ އަކީ އެޕަލް އަށް އޮތް "ވަރަށް ބޮޑު ފުރުސަތެއް" ކަމަަށެވެ. 

އެޕަލް އިން ވަނީ ފުރަތަމަ ފަހަރަށް މިދިޔަ އަހަރު އިންޑިއާގައި ރީޓެއިލް ފިހާރަތަކެއް ވެސް ހުޅުވާފަ އެވެ.

އިންޑިއާގައި އުފައްދާ އައިފޯންގެ އަދަދު ދެގުނަ މައްޗަށް ދިޔުމާ ގުޅޭ (ވީޑިއޯ/ބްލޫމްބާގް ޓެލެވިޝަން)

ޗައިނާ އަކީ އަދިވެސް އެޕަލްއަށް މުހިންމު މާކެޓެކެވެ. ނަމަވެސް މިއަހަރު މިހާތަނަށް އައި އިރު އެޕަލްގެ ޗައިނާ ވިޔަފާރި އަދި މާ ރަނގަޅަށް ގޮސްފައެއް ނުވެ އެވެ. ކައުންޓަ ޕޮއިންޓް ރިސާޗް އިން މިދިޔަ މަހު ނެރުނު ރިޕޯޓެއްގައިވާ ގޮތުން އެޕަލްގެ ޗައިނާ ވިޔަފާރި މިއަހަރުގެ ފުރަތަމަ 6 ހަފްތާގައި ވަނީ %24 ދަށަށް ވެއްޓިފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް