އާޓިފިޝަލް އިންޓެލިޖެންސްއާ ބެހޭ އެއްބަސްވުމެއްގައި އެމެރިކާ އާއި އިނގިރޭސިވިލާތުން ސޮއިކުރަނީ.

އެމެރިކާ އާއި އިނގިރޭސިވިލާތުން އާޓިފިޝަލް އިންޓެލިޖެންސްގެ ރައްކާތެރިކަމާ ބެހޭ އެއްބަސްވުމެއް ހަދައިފި

ރައްކާތެރި ގޮތަކަށް އޭއައި ތަރައްގީ ކުރުމަކީ މުޅި ދުނިޔެއިން ވެސް ކުރަން ޖެހޭ ކަމެއް ކަމަށް އިނގިރޭސި ވަޒީރު ވިދާޅުވި

އެޑްވާންސްޑް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެސްޓުކުރުމަށް އެކުގައި މަސައްކަތް ކުރުމަށް އެމެރިކާ އާއި އިނގިރޭސިވިލާތުން ތާރީހީ އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފި އެވެ.

މިއީ ދެ ގައުމެއްގެ މެދުގައި މިފަދަ ކަމެއް ކުރުމަށް ހެދި މިފަދަ ފުރަތަމަ އެއްބަސްވުމެވެ.

އޭއައިގެ ޓޫލްތަކާއި އެފަދަ ނިޒާމުތަކުގެ ރައްކާތެރިކަން ދެނެގަންނާނެ "ހަރުދަނާ" ގޮތްތަކެއް ގާއިމު ކުރުމުގެ މި އެއްބަސްވުމާ ބެހޭގޮތުން ވާހަކަ ދެއްކެވި އިނގިރޭސި ޓެކްނޮލޮޖީ ވަޒީރު މިޝެލް ޑޮނެލަން ވިދާޅުވީ އޭއައި އަކީ މި ޖީލުގެ އެންމެ އީޖާދުކުރަނިވި ޓެކްނޮލޮޖީ ކަމަށެވެ.

"ރައްކާތެރި ގޮތަކަށް އޭއައި ތަރައްގީ ކުރުމަކީ މުޅި ދުނިޔެއިން ވެސް ކުރަން ޖެހޭނެ ކަމެއް ކަމަށް އަހަރެމެން އަބަދުވެސް ބުނަމުން މި ދަނީ،" އޭނާ ވިދާޅުވި އެވެ.

"މި ޓެކްނޮލޮޖީއާ ގުޅޭ ބިރުތަކާ ކުރިމަތިލުމަށާއި މިއިން ލިބެން ހުރި ބޮޑެތި ފައިދާތައް ހޯދާ، އަހަރެމެން އެންމެންނަށް ފަސޭހަ އަދި ދުޅަހެޔޮ ދިރިއުޅުމެއް ހޯދެން އޮތީ ގުޅިގެން މަސައްކަތް ކޮށްގެން."

ޑޮނެލަން އިތުރަށް ވިދާޅުވީ، މި އެއްބަސްވުން ބިނާކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހު ބްލެޗްލީ ޕާކުގައި ބޭއްވި އޭއައި ސޭފްޓީ ސަމިޓުގައި ނިންމި ކަންތައްތަކުގެ މައްޗަށް ކަމަށެވެ. 

މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ޗެޓްޖީޕީޓީ އުފެއްދި އޯޕެންއޭއައި ކުންފުނީގެ ބާނީ ސޭމް އޯލްޓްމަން، ގޫގުލްގެ ޑީޕްމައިންޑްގެ ޑެމިސް ހަސާބިސް އަދި ޓެކްނޮލޮޖީ ބިލިއަނަރު އީލޮން މަސްކު ބައިވެރިވެވަޑައިގެންނެވި އެވެ.

އޭއައި ބޭނުންކޮށްގެން އިންސާނިއްޔަތަށް ގެއްލުމެއް ކުރިމަތި ކުރުވަފާނެ ފަދަ ކަންތައްތަކެއް ކޮށްފާނެ ކަމުގެ ބިރު ސިޔާސީ ވެރިންނާއި ޓެކްނޮލޮޖީ މާހިރުންނާއި އިލްމުވެރިންގެ މެދުގައި ވަނީ އުފެދިފަ އެވެ.

"ކެމިކަލް ސައިންސް، ނިއުކްލިއާ ސައިންސް އަދި ބައޮލޮޖިކަލް ސައިންސް ބޭނުންކޮށް އޭއައި ވެސް ހަތިޔާރެއް ގޮތަށް ރަނގަޅު ކަންކަމަށާއި ގޯސް ކަންކަމަށް ބޭނުން ކުރެވިދާނެ،" ޔުނިވާސިޓީ އޮފް އޮކްސްފޮޑްގެ ޕްރޮފެސަރު ނައިޖެލް ޝެޑްބޮލްޓް ބީބީސީއަށް ވިދާޅުވި އެވެ.

ނަމަވެސް އޭއައިގެ ސަބަބުން އިންސާނިއްޔަތު ނެތި ފަނާވެގެން ހިނގައިދާނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުން އަންނަނީ މާ ބޮޑަށް ވެސް ހިޔާލީ ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި އޭއައި ސިނާއަތުގެ ވަރުގަދަ ކުންފުނިތަކުން މި ޓެކްނޮލޮޖީގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދިރާސާކުރުމަށް ކުރިއަށް ގެންދާ މަސައްކަތްތަކަށް ތާއީދުކޮށް އެހީތެރިވެދޭން ޖެހޭކަން ޝެޑްބޮލްޓް ފާހަގަ ކުރެއްވި އެވެ.

"މި މޮޑެލްތަކުގައި ހުރި ނިކަމެތި ކަންތައްތަކާއި އެއަށް ލިބިގެންވާ ހަގީގީ ބާރު އަހަރެމެން ދެނެގަންނަން ޖެހޭ،" ޝެޑްބޮލްޓް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް