ވަޒީފާ ދޭނެކަމަށް ބުނެ ޖައްސާ ސްކޭމް މަޅިތަކުގައި ދެކުނު އިރުމަތީ އޭޝިއާގެ އެތައް ލައްކަ ބަޔަކު ވަނީ ޖެހިފައި.
ކެމްބޯޑިއާގެ ސްކޭމް ފެކްޓަރީތަކުން އިންޑިއާގެ ގިނަ ބަޔަކު ސަލާމަތްކޮށްފި
ކެމްބޯޑިއާގައި އޮންލައިން ސްކޭމްތައް ހިންގުމަށް މަޖުބޫރުކޮށްފައި ތިބި އިންޑިއާގެ 250 ރައްޔިތުން އިންޑިއާ ސަރުކާރުން ސަލާމަތްކޮށްފި އެވެ.
އިންޑިއާގެ ހާރިޖީ ވުޒާރާއިން ބުނިގޮތުގައި، ވަޒީފާ ދޭނެކަމުގެ ދަޅަ ދައްކައިގެން އިންޑިއާ މީހުން ކެމްބޯޑިއާއަށް ގެންގޮސް އެމީހުން ލައްވާ "މަޖުބޫރު ކުރުވާފައި ވަނީ ގާނޫނާ ހިލާފު ސައިބާ މަސައްކަތްތައް" ކުރުމަށެވެ.
މިފަހުން ނެރެފައިވާ ރިޕޯޓުތައް ބުނާގޮތުން، ސައިބާ ފްރޯޑް ސްކީމުތަކުގައި މަސައްކަތް ކުރުމަށް މަޖުބޫރުވެގެން ތާށިވެފައިވާ އިންޑިއާ މީހުންގެ އަދަދު 5،000 އަށް ވުރެ ގިނަ ވާނެ އެވެ.
ދެކުނު އިރުމަތީ އޭޝިއާގެ އިންސާނުން ޓްރެފިކް ކުރާ ފަރާތްތަކުން ހިންގާ ވަޒީފާގެ ސްކޭމްތަކުގެ މަޅީގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ލައްކަ ބަޔަކު ޖެހިފައިވާ ކަމަށް ވަނީ އަންދާޒާ ކުރެވިފަ އެވެ.
އާންމުކޮށް މިފަދަ މަޅިތަކުގައި ޖެހެނީ ޒުވާން އަދި ޓެކްނޮލޮޖީއާ ރަހުމަތްތެރި މީހުން ނެވެ. މިފަދަ މީހުންނަށް ވަޒީފާ ދޭނެކަމަށް ބުނެ އެމީހުން ގެންގޮސް އޮންލައިންކޮށް އެކި ކަހަލަ ސްކޭމްތައް ހިންގާ މަރުކަޒުތަކުގައި މަސައްކަތް ކުރުމަށް ގަދަބާރުން މަޖުބޫރު ކުރުވަ އެވެ.
އދ. އިން މިދިޔަ އަހަރުގެ އޯގަސްޓު މަހު ނެރެފައިވާ ރިޕޯޓެއް ބުނާގޮތުން، މިޔަންމާގައި މިފަދަ ސްކޭމުތައް ހިންގުމަށް މަޖުބޫރު ކުރުވާފައިވާ މީހުންގެ އަދަދު މަދުވެގެން 120،000 އަށް އަދި ކެމްބޯޑިއާގައި މިއަދަދު ލައްކައަކަށް އަރާނެ އެވެ.
މިދިޔަ މަހު ކުރީކޮޅު ފިލިޕީންސްގެ ފުލުހުން ވެސް ވަނީ ސްކޭމް ސެންޓަރުތަކުގައި މަސައްކަތް ކުރުމަށް މަޖުބޫރުކޮށްފައި ތިބި އެތައް ސަތޭކަ ބަޔަކު ސަލާމަތް ކޮށްފަ އެވެ. މި ސްކޭމް ސެންޓަރުން ކުރަމުން ދިޔަ މައިގަނޑު މަސައްކަތަކީ ލޯބީގެ މަޅިތަކުގައި އެކި މީހުން ޖައްސާ އެމީހުން އަތުން ފައިސާ ހޯދަމުން ދިޔުމެވެ.
ޗައިނާއިން ވެސް ވަނީ މިއަހަރު އެ ގައުމުގެ އެތައް ސަތޭކަ ރައްޔިތުންނެއް މިޔަންމާގެ ސްކޭމް ސެންޓަރުތަކުން ސަލާމަތްކޮށްފަ އެވެ.
އިންޑިއާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު ރަންދީރް ޖައިސްވާލް ވިދާޅުވިގޮތުގައި، އިންޑިއާ ސަރުކާރުން އަންނަނީ ކެމްބޯޑިއާ ސަރުކާރާ ގުޅިގެން ފްރޯޑް ސްކީމްތައް ޖެއްސި ފަރާތްތައް ހޯދުމަށް މަސައއްކަތް ކުރަމުން ނެވެ.
އިންޑިއާގެ ރައްޔިތުން ކެމްބޯޑިއާގައި މަޖުބޫރުކޮށްގެން ހިފަހައްޓާފައިވާ ކަމުގެ 130 ޝަކުވާއެއް އެގައުމުގައި ހުންނަ އިންޑިއާގެ އެމްބަސީއަށް ހުށައަޅާފައިވާ ކަމަށް އިންޑިއަން އެކްސްޕްރެސް ނޫހުން މިދިޔަ މަހު ރިޕޯޓުކޮށްފަ އެވެ.
އަދި މިގޮތަށް ހިފަހައްޓާ އިންޑިއާ މީހުން ލައްވާ އިންޑިއާގައި ތިބޭ އާންމުންގެ މައްޗަށް ސްކޭމްތައް ޖެއްސުމަށް މަޖުބޫރު ކުރުވަ އެވެ. މިފަދަ ސްކޭމްތަކުގައި ހަ މަސް ދުވަހުގެ ތެރޭ އިންޑިއާގެ އާންމުން އަތުން 59 މިލިއަން ޑޮލަރު ސްކޭމަރުން ހޯދާފައިވާ ކަމަށް އިންޑިއަން އެކްސްޕްރެސް ނޫހުގެ ރިޕޯޓުގައި ބުނެފައިވެ އެވެ.