ޝާއުމީ އިން ނެރޭ ފުރަތަމަ އިލެކްޓްރިކް ކާރު އެސްޔޫ 7 މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ދައްކާލަނީ.

ޓެސްލާގެ މޮޑެލް 3 އަށް ވުރެ އަގުހެޔޮކޮށް ޝާއުމީގެ އިލެކްޓްރިކް ކާރު ލޯންޗުކޮށްފި

ޝާއުމީގެ ފުރުތަމަ ކާރު ޓެސްލާ ކާރަށް ވުރެ މާ ރަނގަޅުކަމަށް އެ ކުންފުނިން ބުނޭ

އިލެކްޓްރިކް ކާރު އުފައްދާ ކުންފުނިތަކުގެ މެދުގައި ވާދަވެރިކަން ވަރަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި ޗައިނާގެ ފޯނު އުފައްދާ މަޝްހޫރު ޝާއުމީ ކުންފުނިން އުފެއްދި ފުރަތަމަ ކާރު، ޓެސްލާގެ މޮޑެލް 3 ކާރަށް ވުރެ އަގުހެޔޮކޮށް ވިއްކަން ފަށައިފި އެވެ.

ޝާއުމީ އިން ލޯންޗުކުރި އެސްޔޫ-7 ކާރުގެ އަގަކީ 30،408 އެމެރިކާ ޑޮލަރެވެ. މިއީ ޓެސްލާގެ މޮޑެލް 3 އަށް ވުރެ 4،000 ޑޮލަރު ދަށް އަގެއް ކަމުގައި ވާއިރު، މި އަގުގައި ކާރު ވިއްކަމުން ދާނީ ގެއްލުމުގައި ކަމަށް އެ ކުންފުނީގެ ސީއީއޯ ލެއި ޖުން ވިދާޅުވި އެވެ.

ޓެސްލާ މޮޑެލް 3ގެ %90 ސްޕެސިފިކޭޝަންތަކަށް ވުރެ އެސްޔޫ7ގެ ސްޓޭންޑަޑް މޮޑެލްގެ ސްޕެސިފިކޭޝަންތައް މަތިވާނެ ކަމަށާއި، ބާކީ ހުރި ސްޕެސިފިކޭޝަންތައް ވަރުގަދަ ކުރުމަށް ތިން އަހަރާއި ފަސް އަހަރުގެ މުއްދަތެއް ނަގާނެ ކަމަށް ލެއި ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް ޓެސްލާގެ މޮޑެލް 3ގެ ރާސްތާ 606 ކިލޯމީޓަރުގައި ހުރި  އިރު އެސްޔޫގެ ރާސްތާ ހުންނާނީ 700 ކިލޯމީޓަރުގައި ކަމަށް ލެއި ފާހަގަކުރެއްވި އެވެ.

ޝާއުމީ އިން އެސްޔޫ7 މޮޑެލް ވިއްކަން ފަށާފައިވަނީ ރޭ ބެއިޖިންގް ގަޑިން 10 ޖެހި އިރު އެވެ. ފުރަތަމަ 27 މިނެޓު ތެރޭ 50،000 ކާރު ވިކިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ލެއި ވިދާޅުވި ގޮތުގައި މި ކާރުތައް ޑެލިވަރީ ކުރަން ފަށަން ހަމަޖެހިފައި ވަނީ މި ފެށޭ އޭޕްރިލް މަހުގެ ފަހުކޮޅު އެވެ. ކޮންމެ 76 ސިކުންތަކުން ކާރެއް އުފެއްދުމުގެ ގާބިލުކަން ޝާއުމީގެ ކާރުހާނާއަށް ލިބިގެންވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ޝާއުމީއިން ފުރަތަމަ އިލެކްޓްރިކް ކާރު ވިއްކަން ފެށުމާ ގުޅޭ (ވީޑިއޯ/ވިއޯން)

އިލެކްޓްރިކް އުޅަނދުތަކާ ބެހޭ އޮޓޯހޯމް ވެސްބައިޓުގައި ވާގޮތުން 600 ކިލޯމީޓަރުގެ ރޭންޖެއް ހުންނަ 5 ލައްކަ ޔުއާން (69 ހާސް ޑޮލަރު) އަށް ވުރެ ދަށުން ލިބެން ހުރި ކާރުތަކުގެ ތެރެއިން އާންމުންގެ ތެރޭ އެންމެ މަގްބޫލުކަން ބޮޑީ ޓެސްލާގެ މޮޑެލް 3 އަށެވެ.

ޗައިނާގެ އިލެކްޓްރިކް ކާރު މާކެޓުގައި ޓެސްލާ އާއި ޝާއުމީގެ އިތުރުން ބީވައިޑީ، އެކްސްޕެންގް އަދި ނިއޯ ކުންފުނިން އަންނަނީ ވާދަކުރަމުންނެވެ.

ކޮމެންޓް (1)

ފވރތފތ

31 މާރިޗު 2024
ބަޔަކު އެއްޗެއް ހަދާއިރަށް ކޮޕީކުރަން ތިބޭނެ ތިޔަ ޝާއުމީ
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް