ހެކު ކުރުމުގެ ކެމްޕެއިންތަކެއް ހިންގި ކަމަށް އެމެރިކާ އިން ތުހުމަތުކުރާ ހަތް މީހުން.

ޗައިނާ

ހެކްކުރި ކަމަށް އެމެރިކާ އާއި އިނގިރޭސިވިލާތުން ކުރި ތުހުމަތުތަކަށް ޗައިނާއިން ރައްދުދީފި

ނިއު ޒީލެންޑުން ވެސް ވަނީ ޗައިނާއިން ސައިބާ ހަމަލާތަކެއް ދިން ކަމަށް މި ހަފްތާގައި ތުހުމަތުކޮށްފައި

ޗައިނާ ސަރުކާރާ ގުޅުން އޮންނަ ބަޔަކު ހުޅަނގުގެ ބައެއް ގައުމުތަކުގެ އެތައް މިލިއަން ބަޔަކަށް އަމާޒުކޮށް ހެކިން ކެމްޕެއިންތަކެއް ކުރިއަށް ގެންދިޔަ ކަމަށް އެމެރިކާ އާއި އިނގިރޭސިވިލާތުން ކޮށްފައިވާ ތުހުމަތުތަކަށް ބެއިޖިންގް އިން ރައްދު ދީފި އެވެ.

ބެއިޖިންގްގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނެއް މިކަމަށް ރައްދު ދެއްވާ ވިދާޅުވީ، ހުޅަނގުން އަމިއްލައަށް ދެމުންދާ ސައިބާ ހަމަލާތައް ހުއްޓާލަން ޖެހޭ ކަމަށާއި ހުޅަނގުގެ ގައުމުތަކުން "ސިޔާސީ ނުފޫޒު" ފޯރުވާ ކަމަށެވެ. 

އަދި އިނގިރޭސިވިލާތުގެ އިލެކްޝަންސް ކޮމިޝަނާއި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ޗައިނާއިން ހެކު ކުރި ކަމަށް ބުނެ އިނގިރޭސި ސަރުކާރަށް އެކަށީގެންވާ ހެއްކެއް ދެއްކިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޗައިނާއިން ދެމުން ގެންދާ ކަމަށް ތުހުމަތު ކުރެވިފައިވާ ސައިބާ ހަމަލާތަކާ ގުޅޭ (ވީޑިއޯ/ސްކައި ނިއުސް)

އެމެރިކާ އާއި އިނގިރޭސިވިލާތުން ވަނީ ޗައިނާ ސަރުކާރުން ހިންގާ ސައިބާ ޔުނިޓަކުން ހެކްކުރުމުގެ ހަރަކާތްތަކެއް ހިންގަމުންދާ ކަމަށް ތުހުމަތުކޮށްފަ އެވެ.

އަދި ޗައިނާގެ ދެ މީހަކަށާއި ކުންފުންޏެއްގެ މައްޗަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް އިނގިރޭސި ސަރުކާރުން ވަނީ އިއްޔެ ބުނެފަ އެވެ. މި ފިޔަވަޅުތަކާ އެކު ޗައިނާގެ އެ ކުންފުނީގެ އެސެޓުތައް ގަނޑުކޮށް، އިނގިރޭސި ރައްޔިތުންނާއި ވިޔަފާރިތަކަށް އެ ކުންފުންޏާ އެކު ވިޔަފާރި ކުރުން މަނާވެގެން ދާނެ އެވެ. އަދި ތުހުމަތުކުރެވޭ ދެ މީހުން އިނގިރޭސިވިލާތަށް ވަނުން ވެސް މަނާވާނެ އެވެ.

އެމެރިކާގެ ސަރުކާރުން ވެސް އިއްޔެ ވަނީ ވަނީ ޗައިނާގެ ހަތް މީހެއްގެ މައްޗަށް، ސައިބާ ހަމަލާތައް ދިންކަމުގެ ތުހުމަތު ކޮށްފަ އެވެ. އެމެރިކާ ސަރުކާރުން ހާމަކުރި ގޮތުގައި ޗައިނާ ސަރުކާރުން ސަައިބާ ހަމަލާތައް ދިނުމަށް ހިންގާ ޓީމަކަށް ނިސްބަތްވާ މި ހަތް މީހުން ވަނީ 14 އަހަރު ވަންދެން ހެކިންގެ ހަރަކާތްތައް ހިންގާފަ އެވެ.

ނަމަވެސް ޗައިނާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު ލިން ޖިއާން ވަނީ މި ހުރިހާ ތުހުމަތުތަކެއް ދޮގުކުރައްވައިފަ އެވެ.

"ސައިބާ ސެކިއުރިޓީއާ ގުޅޭ މައްސަލަތައް ސިޔާސީ ނުކުރުމަށް އަހަރެމެން އެމެރިކާ އަށާއި އިނގިރޭސިވިލާތަށް ބާރުއަޅަން. ޗައިނާގެ އަގުވައްޓާލަން ކުރާ މަސައްކަތްތައް ހުއްޓާލާ. އަދި ޗައިނާއަށް ދަތިކުރުމުގެ ފިޔަވަޅުތަައް އެޅުން ވެސް ހުއްޓާލާ. ޗައިނާއަށް އަމާޒުކޮށް އެމީހުން ދޭ ސައިބާ ހަމަލާތައް ވެސް ހުއްޓާލާ،" އާންމުކޮށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ލިން ވިދާޅުވި އެވެ.

އަދި އިނގިރޭސިވިލާތުން މި ތުހުމަތުތަކާ ގުޅޭގޮތުން ހޯދަން އެދުނު މައުލޫމާތުތައް ޗައިނާއިން ފޯރުކޮށްދީފައިވާ ކަމަށާއި އޭގެ ފަހުން އިނގިރޭސީންގެ ހަބަރެއް ނުވާ ކަމަށް ވެސް ލިން ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ ގައުމުގެ ގާނޫނީ ހައްގުތަކާއި މަސްލަހަތުތައް ރައްކާތެރި ކުރުމަށް ޗައިނާއިން ފިޔަވަޅު އަޅާނެ ކަމަށެވެ.

އޯގަސްޓު 2021 އިން އޮކްޓޯބަރު 2022 އަށް އިނގިރޭސިވިލާތުގެ އިންތިހާބުތަކާ ބެހޭ ކޮމިޝަނަށް އަމާޒުކުރި ސައިބާ ހަމަލާތަކަކީ އިނގިރޭސިވިލާތަށް އަމާޒުކޮށް މިހާތަނަށް ދީފައިވާ މިފަދަ އެންމެ ވަރުގަދަ އެއް ހަމަލާ އެވެ. މި ހަމަލާގައި މީހުންގެ ނަމާއި އެޑްރެސްގެ މައުލޫމާތުތައް ހުރި ޑޭޓާބޭސްތަކަށާއި އިންތިހާބާ ގުޅޭ މައުލޫމާތުތައް ހިއްސާކޮށްފައި ހުރި އީމެއިލްތަކަކަށް ވެސް ހެކަރުން ވަދެފައި ވެ އެވެ.

ޗައިނާއިން ސައިބާ ހަމަލާތަކެއް ދިން ކަމަށް ނިއު ޒީލެންޑުން ކުރި ތުހުމަތުތަކާ ގުޅޭ (ވީޑިއޯ/ސްކައި ނިއުސް އޮސްޓްރޭލިއާ)

އެމެރިކާ އާއި އިނގިރޭސިވިލާތުގެ އިތުރުން ނިއު ޒީލެންޑުގެ ސަރުކާރުން ވެސް ވަނީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް އަމާޒުކޮށް ޗައިނާގެ ހެކަރުން ހަމަލާތަކެއް ދީފައިވާ ކަމަށް މި ހަފްތާގައި ތުހުމަތު ކޮށްފަ އެވެ. ނަމަވެސް މިކަމާ ގުޅިގެން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަކީ ސަރުކާރުގެ ގާނޫނީ އެޖެންޑާ ނޫން ކަމަށް ނިއު ޒީލެންޑުން ވަނީ ބުނެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް