ޗައިނާ އާއި އެމެރިކާއާ ދެމެދު ވަރުގަދަ ޓެކްނޮލޮޖީ ހަނގުރާމައެއް ވަނީ ފެށިފައި.

ޓެކްނޮލޮޖީ

ޗައިނާ ސަރުކާރު ކޮމްޕިއުޓަރުތަކުގައި އެމެރިކާގެ ޗިޕު ބޭނުންކުރުން މަނާކުރަނީ

ޗައިނާ އާއި އެމެރިކާގެ ޓެކްނޮލޮޖީ ހަނގުރާމަ ވަނީ ފާއިތުވެދިޔަ ދެތިން އަހަރުގެ ތެރޭ އިތުރަށް ހޫނުވެފައި

ޗައިނާ ސަރުކާރުގެ ކޮމްޕިއުޓަރުތަކާއި ސާވާތަކުގައި އެމެރިކާގައި އުފައްދާފައިވާ ޗިޕު ބޭނުންކުރުން ނިމުމަކަށް ގެންނާނެ ގަވާއިދުތަކެއް ބެއިޖިންގް އިން ތައާރަފްކޮށްފި ކަމަށް ފައިނޭންޝަލް ޓައިމްސް (އެފްޓީ) ނޫހުން އާދިއްތަ ދުވަހު ރިޕޯޓުކޮށްފި އެވެ.

ބެއިިޖިންގް އިން ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އިއުލާނު ކުރި މި ގަވާއިދުތައް ޗައިނާ ސަރުކާރުން މިހާރު ވަނީ ތަންފީޒު ކުރަން ފަށާފަ އެވެ. މި ފިޔަވަޅުތަކާ ގުޅިގެން މައިކްރޮސޮފްޓް ވިންޑޯސް އޮޕަރޭޓިން ސިސްޓަމް އަށާއި ބޭރު ގައުމުތަކުން އުފައްދާފައިވާ ޑޭޓާބޭސް ސޮފްޓްވެއާތަކަށް ވެސް އަަސަރު ކުރާނެ ކަމަށް އެފްޓީގެ ރިޕޯޓުގައި ވެ އެވެ.

އެފްޓީއިން ބުނީ ޗައިނާ ސަރުކާރުގެ މަތީ އިދާރާތަކުން "ރައްކާތެރި އަދި އިތުބާރު ހިފޭ" ޕްރޮސެސާ ޗިޕުތަކާއި އޮޕަރޭޓިން ސިސްޓަމްތައް ހޯދުމަށް ބެއިޖިންގް އިން އަމުރު ކޮށްފައިވާ ކަމަށެވެ.

ބޭރު ގައުމުތަކުގެ ޓެކްނޮލޮޖީތަކަށް ބަރޯސާވެފައި އޮތް މިންވަރު ކުޑަކޮށް ޗައިނާގެ އަމިއްލަ ސެމީކޮންޑަކްޓާ (ޗިޕު އުފައްދާ) ސިނާއަތް ވަރުގަދަކުރުމަށް ބެއިޖިންގް އިން ވަނީ މަސައްކަތް ފަށާފަ އެވެ. ސްމާޓްފޯނާއި ސިއްހީ ފަރުވާ ދޭ ސާމާނު ފަދަ އާލާތްތަކުގައި ބޭނުން ކުރަމުން އަންނަ ޗިޕު އުފައްދާ ސިނާއަތަކީ ބެއިޖިންގް އާއި ވޮޝިންޓަނާ ދެމެދު މިހާރު ހޫނުވަމުންދާ ޓެކްނޮލޮޖީ ހަނގުރާމައިގެ މުހިންމު ތަނބެކެވެ.

ޗައިނާ ސަރުކާރުގެ ކޮމްޕިއުޓަރުތަކުގައި އެމެރިކާގެ ޗިޕު މަނާކުރުމާ ގުޅޭ (ވީޑިއޯ/ވިއޯން)

ވަރުގަދަ ޗިޕުތަކާއި އެފަދަ ޗިޕުތައް އުފެއްދުމަށް ބޭނުންކުރާ ޓެކްނޮލޮޖީތައް ޗައިނާއަށް އެކްސްޕޯޓު ކުރުން މަނާކުރާ ހަރުކަށި ފިޔަވަޅުތަކެއް ވޮޝިންޓަނުން ވަނީ މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭ ތައާރަފް ކޮށްފަ އެވެ. އަދި ހުއާވޭ ފަދަ ޗައިނާގެ ޓެކްނޮލޮޖީ ސިނާއަތުގައި އޮޕަރޭޓު ކުރަމުން އަންނަ ބޮޑެތި ކުންފުނިތަކުގެ މައްޗަށް ވެސް އެމެރިކާ ސަރުކާރުން ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފަ އެވެ.

އެމެރިކާގެ މި ފިޔަވަޅުތަކާ އެކު، ޗައިނާގެ އެތެރޭގައި އޮޕަރޭޓު ކުރާ ޗިޕު އުފައްދާ ކުންފުނިތަކުގެ ވިޔަފާރި ވަނީ މައްޗަށް ޖެހިފަ އެވެ. ޝަންހާއީގައި ހުންނަ ސީއައިއެންއެންއޯ ދިރާސާ ގްރޫޕުން ބުނާ ގޮތުގައި، ޗައިނާގައި ޗިޕު އުފައްދާ އެންމެ ބޮޑު 10 ކުންފުނީގެ އާމްދަނީ މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ވަނީ %39 މައްޗަށް ގޮސްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް