ޝާއުމީގެ އެސްޔޫ 7 މަރުކާގެ އިލެކްޓްރިކް ކާރު.

ފޯނު އުފައްދާ ޗައިނާގެ ޝާއުމީ ކުންފުނިން އިލެކްޓްރިކް ކާރު ވިއްކަން ފަށަނީ

ދުނިޔޭގެ އެންމެ ބޮޑު 5 ކާރު ކުންފުނީގެ ތެރޭގައި ހިމެނުމަށް ޝާއުމީ އިން ވަނީ އަމާޒު ހިފާފައި

މޯބައިލް ފޯނު އުފައްދާ ޗައިނާގެ ޝާއުމީ ކުންފުނިން އުފެއްދި ފުރަތަމަ އިލެކްޓްރިކް ކާރު މި މަހު ވިއްކަން ފަށާނެ ކަމަށް އެ ކުންފުނިން އިއުލާންކޮށްފި އެވެ.

ޝާއުމީ އިން އުފެއްދި މި ކާރުގެ އަގު ހާމަކުރަން ހަމަޖެހިފައި ވަނީ މި މަހުގެ 28 ގަ އެވެ.

ޗައިނާގައި ފަސް ވަނައަށް އެންމެ ގިނަ އަދަދަކަށް ސްމާޓްފޯން އުފައްދަމުން އަންނަ ޝާއުމީ އިން ބުނީ މި ކާރު ގަންނަން ބޭނުންވާ ކަސްޓަމަރުން ޗައިނާގެ 29 ސިޓީއެއްގައި ހުރި ކުންފުނީގެ 59 ފިހާރައަކުން ހިދުމަތް ހޯދޭނެ ކަމަށެވެ.

ޝާއުމީއިން އިލެކްޓްރިކް އުޅަނދު އުފައްދާ ސިނާއަތަށް ވަދެފައި މިވަނީ ޗައިނާ މާކެޓުގައި އޮޕަރޭޓު ކުރަމުން އަންނަ އެމެރިކާގެ ޓެސްލާ ކުންފުންޏާއި ޗައިނާގެ ބީވައިޑީ ކުންފުންޏާ ދެމެދު އޮތް ވާދަވެރިކަން ބޮޑުވެފައި އޮތް ދަނޑިވަޅެއްގަ އެވެ.

ޝާއުމީއިން ވިއްކަން ފަށާ 'ސްޕީޑް އަލްޓްރާ 7' (އެސްޔޫ7) މަރުކާގެ ކާރެއް ދައްކާލަމުން އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް ލެއި ޖުން މިދިޔަ އަހަރު ވިދާޅުވީ ދުނިޔޭގައި ކާރު އުފައްދާ އެންމެ ބޮޑު ފަސް ކުންފުނީގެ ތެރޭގައި ހިމެނުމަށް ޝާއުމީއިން އަމާޒު ހިފާފައިވާ ކަމަށެވެ.

އިލެކްޓްރިކް ވެހިކަލް ވިޔަފާރިއަށް ކުރިއަށް އޮތް 10 އަހަރު ތެރޭ 10 ބިލިއަން ޑޮލަރު އިންވެސްޓް ކުރާނެ ކަމަށް ޝާއުމީއިން ވަނީ ބުނެފަ އެވެ.

ޝާއުމީ އިން ވިއްކާ ސްމާޓްފޯނުތަކުގައި ހުންނަ އޮޕަރޭޓިން ސިސްޓަމް ކާރުތަކުގައި ވެސް ހުރުމަކީ ކަސްޓަމަރުން ކާރު ގަންނަން ގަޔާވާނޭ ކަމެއް ކަމަަށް އެ ކުންފުނިން ދެކެ އެވެ.

ޗައިނާގެ އިލެކްޓްރިކް ކާރު އުފައްދާ ސިނާއަތަށް ވަނުމަށް ގިނަ ކުންފުނިތަކަކުން މަސައްކަތް ކުރަމުން އަންނަ އިރު، ޗައިނާގެ އިދާރާތަކުން އަންނަނީ މި ސިނާއަތް ރައްކާތެރި ކުރުމަށް މަސައްކަތް ކުރަމުންނެވެ.

ޝާއުމީއިން އިލެކްޓްރިކް ކާރު އުފައްދަން ފެއްޓުމާ ގުޅޭ (ވީޑިއޯ/ރޮއިޓާސް)

ޝާއުމީ އިން ވިއްކަން ފަށާ އެސްޔޫ7 މަރުކާގެ ކާރު އުފައްދަން އެ ކުންފުނިން ހަމަޖައްސާފައި ވަނީ ޗައިނާ ސަރުކާރުގެ ކާރު އުފައްދާ ބީއޭއައިސީ ގްރޫޕުގެ ބެއިޖިންގްގައި ހުންނަ ކާރުހާނާއެއްގަ އެވެ. އަހަރަކަށް ދެ ލައްކަ ކާރު އުފެއްދުމުގެ ގާބިލުކަން މި ކާރުހާނާއަށް ލިބިފައިވެ އެ އެވެ.

ޝާއުމީ އިން ކާރު ވިއްކަން ފަށާ ހަބަރާ އެކު އެ ކުންފުނީގެ ހިއްސާގެ އަގު ވަނީ ހޮންގްކޮންގް ހިއްސާގެ ބާޒާރުގައި %10 މައްޗަށް ޖެހިލައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް