ޗައިނާގައި ކަސްޓަމަރުންތަކެއް އައިފޯން ވިއްކާ ފިހާރައެއްގައި
ޗައިނާގައި އައިފޯންގެ ވިޔަފާރި ދަށަށް، ހުއާވޭގެ ވިޔަފާރި މައްޗަށް: ރިޕޯޓް
މިދިޔަ އަހަރުގެ ފުރަތަމަ ހަ ހަފްތާއާ އަޅާބަލާ އިރު މި އަހަރުގެ ފުރަތަމަ ހަ ހަފްތާގައި ޗައިނާގައި އައިފޯން ވިކިފައިވާ މިންވަރު %24 ދަށަށް ގޮސްފައިވާ ކަމަށް ދިރާސާތައް ހިންގާ ކައުންޓަޕޮއިންޓްއިން ރިޕޯޓުކޮށްފި އެވެ.
ކައުންޓަޕޮއިންޓްގެ އެންމެ ފަހުގެ ދިރާސާ ނެރެފައި މިވަނީ ޗައިނާގައި އެޕަލްއަށް ކުރިމަތިވެފައި އޮތް ވާދަވެރިކަން އިންތިހާއަށް މައްޗަށް ގޮސްފައިވާ ދަނޑިވަޅެއްގަ އެވެ.
ކައުންޓަޕޮއިންޓް އިން ނެރެފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ހަ ހަފްތާގައި ޗައިނާގައި ސްމާޓް ފޯން އުފައްދަމުން އަންނަ ހުއާވޭގެ ވިޔަފާރި ވަނީ %64 މައްޗަށް ގޮސްފަ އެވެ.
އަގު ބޮޑު ސްމާޓްފޯނުތަކުގެ މާކެޓުގައި ހުއާވޭ އިން އެޕަލްއާ ވާދަކުރަން ވިއްދާފައި އޮތް އިރު، މެދު ފަންތީގެ ސްމާޓްފޯނު މާކެޓުގައި އޮއްޕޯ، ވީވޯ އަދި ޝާއުމީ އިން ވެސް އެޕަލްގެ ވިޔަފާރިއަށް ގޮންޖަހަމުން އަންނަ ކަމަށް ކައުންޓަޕޮއިންޓް ރިސާޗްގެ މެންގްމެންގް ޗަންގް ވިދާޅުވި އެވެ.
އެޕަލްގެ އެންމެ ބޮޑު އެއް މާކެޓު ކަމުގައިވާ ޗައިނާގައި ވިޔަފާރި ދަށަށް ދިޔުމުގެ އިތުރުން އެޕަލްގެ ބައިނަލްއަގްވާމީ ވިޔަފާރި ވެސް ވަނީ ކުރީ އަހަރާ އަޅާބަލާ އިރު %7 ދަަށަށް ގޮސްފަ އެވެ.
އެމެރިކާ ސަރުކާރުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އަހަރުތަކެއް ވަންދެން ހުއާވޭއަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވި ނަމަވެސް އެ ކުންފުނީގެ ވިޔަފާރި ކުއްލިއަކަށް ރަނގަޅުވާން ފަށާފައި މިވަނީ މިދިޔަ އަހަރު އޯގަސްޓު މަހު ނެރުނު މޭޓް 60 ސީރީސްގެ 5ޖީ ސްމާޓްފޯނުތަކާ އެކު އެވެ.
ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ޗިޕު އުފެއްދުމަށް ބޭނުންވާ މުހިންމު ޓެކްނޮލޮޖީތަކާއި 5ޖީ ޓެކްނޮލޮޖީތަކަށް ފުރުސަތު ހަނިވެފައި އޮތް ހުއާވޭއިން މޭޓް 60 ސީރީސް މިދިޔަ އަހަރު ލޯންޗު ކުރުމާ އެކު ގިނަ ބަޔަކަށް ހައިރާންކަން ލިބުނެވެ.
ކައުންޓަޕޮއިންޓްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ޗައިނާގައި ސްމާޓްފޯން ވިއްކަމުން އަންނަ ގަދަ ފަސް ބްރޭންޑުގެ ތެރެއިން ހުއާވޭ ފިޔަވައި ދެން ވިޔަފާރީގެ ކުރިއެރުން ލިބިފައިވާ ހަމައެކަނި ކުންފުންޏަކީ އޮނޯ އެވެ. އޮނޯއަކީ 2020ގައި ހުއާވޭއިން ވިއްކާލި ސްމާޓްފޯން ކުންފުންޏެކެވެ.
ޗައިނާގެ ސްމާޓް ފޯން މާކެޓުގައި އެޕަލްއަށް އޮތް ހިއްސާ %19 އިން %15.7 އަށް ދަށްވެފައި ވާއިރު، މި މާކެޓުގައި އެންމެ ކުރީގައި އުޅެނީ ވީވޯ އެވެ.
އެޕަލް އިން އެންމެ ފަހުން ޝާއިއުކުރި މާލީ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެޕަލްގެ ޗައިނާ ވިޔަފާރި ހުރީ 20.82 ބިލިއަން ޑޮލަރުގަ އެވެ. މި އަދަދު އޭގެ ކުރީ އަހަރުގެ ފަހު ކުއާޓަރުގައި ހުރީ 23.9 ބިލިއަން ޑޮލަރުގަ އެވެ.