އެކްސްގެ ވެރިޔާ އީލޮން މަސްކު.

އީލޮން މަސްކް އޯޕެންއޭއައި ކުންފުންޏާ ދެކޮޅަށް ކޯޓަށް މައްސަލައެއް ވައްދަވައިފި

މަސްކު އެ ދައުވާ އުފުއްލަވާފައިވަނީ އެ ކުންފުނި އުފެއްދި އަސްލު ވައުދުތަކާ ހިލާފަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެ

އިންސާނިއްޔަތަށް ފައިދާވާ ގޮތަށް މަސައްކަތް ކުރުމަށް ވީ ވައުދުތަކާ ހިލާފުވެފައިވާ ކަމަށް ތުހުމަތުކުރައްވައި، އޯޕެންއޭއައި ކުންފުންޏާއި އެ ކުންފުނީގެ ސީއީއޯގެ މައްޗަށް ބިލިއަނަރު އީލޮން މަސްކު ދައުވާ އުފުއްލަވައިފި އެވެ.

އޯޕެންއޭއައި އިން މި ވައުދުތަކާ ހިލާފުވެފައި ވަނީ މައިކްރޮސޮފްޓާ އެކު އެތައް ބިލިއަން ޑޮލަރެއްގެ އަގުހުރި އިއްތިހާދެއް ހަދާ، މަދަނީ ފައިދާއަށް މަސައްކަތް ކުރާނެ ކަމަށް ފުރަތަމަ ބުނެ، މިހާރު ފައިދާ ހޯދުމަށް މަސައްކަތް ކުރުމުން ކަމަށް މަސްކު ތުހުމަތު ކުރައްވާފައި ވެ އެވެ.

އަދި މިއީ ކޮންޓްރެކްޓާ ހިލާފުވުން ކަމަށް ވެސް، އެމެރިކާގެ ސެން ފްރެންސިސްކޯގެ ކޯޓަކަށް ބުރާސްފަތި ދުވަހު މަސްކު ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވެފައި ވެ އެވެ.

މަސްކުގެ ވަކީލުން ވިދާޅުވިގޮތުގައި، އޯޕެންއޭއައި ކުންފުނިން ވަނީ އެ ކުންފުނިން އުފެއްދި އެންމެ ބާރުގަދަ 'ޖީޕީޓީ-4' އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މޮޑެލްގެ ޑިޒައިން ސިއްރުކޮށްފަ އެވެ.

މަސްކު އަކީ މީގެ އަށެއްކަ އަހަރު ކުރިން ވުޖޫދުވި އޯޕެންއޭއައި ކުންފުނީގެ އެއް ބާނީ އެވެ. ނަމަވެސް އޭނާ ވަނީ 2018ގައި އެ ކުންފުނީގެ ބޯޑުން އިސްތިއުފާ ދެއްވާފަ އެވެ. 

އޯޕެންއޭއައި އިން 2022ގެ ނޮވެމްބަރު މަހު ނެރުނު ޗެޓްޖީޕީޓީ ވެގެން ގޮސްފައި ވަނީ ދުނިޔޭގެ ތާރީހުގައި ވެސް އެންމެ ހަލުވިކަމާ އެކު ގިނަ ބަޔަކު ބޭނުންކުރި ސޮފްޓްވެއާ އަށެވެ. މި ލަގަބު ޗެޓްޖީޕީޓީއަށް ލިބިފައި ވަނީ އެންމެ ހަ މަސް ދުވަސް ތެރޭގަ އެވެ.

މަސްކުގެ އެހެނިހެން ވިޔަފާރި މަސްލަހަތުތަކުގެ ތެރޭގައި އިލެކްޓްރިކް އުޅަނދު އުފައްދާ ޓެސްލާ، ޖައްވީ ކުންފުނި ސްޕޭސްއެކްސް އަދި ސޯޝަލް މީޑިއާ ކުންފުނި އެކްސް ހިމެނެ އެވެ.

ކޮމެންޓް (1)

މަގޭ ހުސޭނު

2 މާރިޗު 2024
ދައުވާ އުފުއްލަވައިފި. ސަހަރޯ. ހަމްދާންގެ ލިޔުންތަކުގަ ވަރަށް ފެނޭ މިކަހަލަ ލިޔުމުގެ ހަމަޔާ ހިލާފަށް ހުންނަތަންތަން. ރަނގަޅުކޮށްލުން އެދެން.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް