ޗައިނާގެ ޓެކްނޮލޮޖީ ކުންފުނި އޮނޯއިން މި އަހަރު ފޯލްޑް ކުރެވޭ ސްމާޓް ފްލިޕް ފޯނެއް ލޯންޗު ކުރާނެ.

ސްމާޓްފޯން

އޮނޯ އިން ސެމްސަންގްއާ ވާދަކުރުމަށް ފްލިޕް ފޯނެއް ލޯންޗުކުރަނީ

ސެމްސަންގް އާއި އެޕަލް ފަދަ ކުންފުނިތަކާ ވާދަކުރުމަށް އޮނޯ އިން ވަނީ އަޒުމު ހިފާފައި
29 ފެބްރުއަރީ 2024

ހުއާވޭގެ ދަށުން ކުރިން ހިންގަމުން އައި ސްމާޓްފޯނު އުފައްދާ އޮނޯ ކުންފުނިން ލައްޕާލެވޭ (ފްލިޕް) ފޯނެއް މި އަހަރު ލޯންޗު ކުރުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނީގެ ސީއީއޯ ސީއެންބީސީއަށް ވިދާޅުވެއްޖެ އެވެ.

މިއީ ސެމްސަންގް އާއި މޮޓޮރޯލާ ފަދަ ބްރޭންޑުތަކުން އަތްގަދަ ކޮށްފައިވާ، މަތިން ތިރިއަށް ފަށްޖަހާލެވޭ ސްމާޓްފޯނު މާކެޓަށް ވަންނާނެކަން އޮނޯ އިން ހާމަކުރި ފުރަތަމަ ފަހަރެވެ.

މިވަގުތު ދެ ވައްތަރެއްގެ ފްލިޕް ފޯނު ބާޒާރުގައި ލިބެން އެބަހުއްޓެވެ. އެއީ މަތިން ތިރިއަށް ލައްޕާ ފޯނުތަކާއި ހުރަހަަށް ލައްޕާ ފޯނުތަކެވެ.  

ސެމްސަންގް އާއި އެޕަލް ފަދަ ކުންފުނިތަކާ ވާދަކުރުމަށް އަޒުމު ކަނޑައަޅާފައިވާ އޮނޯއިން ފްލިޕް ފޯނެއް ލޯންޗު ކޮށްފި ނަމަ އަގު ބޮޑު ޕްރިމިއަމް ފޯނުތަކުގެ މާކެޓަށް ވަނުމުގެ ފުރުސަތު އެ ކުންފުންޏަށް ހުޅުވިގެން ދާނެ އެވެ.

"މި އަހަރު ފްލިޕް ފޯނެއް ލޯންޗު ކުރުމަށް އަހަރެމެން މިދަނީ ތައްޔާރުވަމުން - [ކުންފުނީގެ] އެތެރޭގައި މި މަސައްކަތް އޮތީ ފަހު މަރުހަލާގައި،" ބާސެލޯނާގައި އޮތް މޯބައިލް ވޯލްޑް ކޮންގްރެސް އިވެންޓުގައި އޮނޯގެ ސީއީއޯ ޖޯޖް ޖާއޯ ސީއެންބީސީއަށް ވިދާޅުވި އެވެ.

"ލައްޕާލެވޭ ފޯނުތަކުގެ މުސްތަގުބަލާ މެދު އަހަރުމެންނަށް އޮތް އުއްމީދު ބޮޑު."

އޮނޯއިން މިހާރު ވެސް އަންނަނީ ލައްޕާލެވޭ ފޯނު ވިއްކަމުންނެވެ. އެ ކުންފުނިން އެންމެ ފަހުން ނެރުނު ފްލިޕް ފޯނު ކަމުގައިވާ އޮނޯ މެޖިކް ވީ2 ލޯންޗު ކުރީ މިދިޔަ އަހަރެވެ. ނަމަވެސް އޮނޯ އިން މިހާރު ވިއްކަމުން އަންނަ ހުރިހާ ފްލިޕް ފޯނުތަކަކީ ހުރަހަށް ލައްޕާ ފޯނުތަކެވެ.

އޮނޯ އިން އެންމެ ފަހުން ލޯންޗުކުރި 'އޮނޯ މެޖިކް ވީ2' ފޯނުގެ ތައާރަފެއް (ވީޑިއޯ/އޮނޯ)

އިތުރު އާޓިކަލް

އިތުރު އާޓިކަލް