އޮޑީސިއަސް އަކީ 54 އަހަރު ތެރޭ ހަނދުގައި ޖެއްސި އެމެރިކާގެ ފުރަތަމަ އުޅަނދު
ބައި ގަރުނު ތެރޭ ފުރަތަމަ ފަހަރަށް އެމެރިކާގެ ޖައްވީ އުޅަނދެއް ހަނދުގައި ޖައްސައިފި
އެމެރިކާގެ ޓެކްސަސް ސްޓޭޓަށް ނިސްބަތްވާ ޕްރައިވެޓް ކުންފުންޏަކުން ކާމިޔާބުކަމާ އެކު ހަނދުގައި ޖައްވީ އުޅަނދެއް ލޭންޑުކޮށްފި އެވެ.
އެމެރިކާ ސަރުކާރުގެ ޖައްވީ އިދާރާ ނާސާގެ މާލީ އެހީތެރިކަމާ އެކު އިންޓުއިޓިވް މެޝިންސް ކުންފުނިން އުފެއްދި މި އުޅަނދު ހަނދުގެ ސައުތު ޕޯލުގައި ޖައްސާފައި ވަނީ އިއްޔެ ޖީއެމްޓީ ގަޑިން 23:23ގަ އެވެ.
އޮޑީސިއަސްގެ ނަން ދީފައިވާ މި އުޅަނދު ހަނދަށް ޖައްސަން އުޅުމުގެ ތެރޭގައި ނެވިގޭޝަން ސިސްޓަމަށް މައްސަލަތަކެއް ކުރިމަތިވެފައި ވެ އެވެ. ނަމަވެސް އިންޖިނިއަރުން ވަނީ ކުރިން ޓެސްޓުކޮށްފައި ނުވާ ލޭންޑިން ނިޒާމެއް ބޭނުންކޮށް އޮޑީސިއަސް ހަނދަށް ތިރިކޮށްފަ އެވެ.
އިންޓުއިޓިވް މެޝިންސްގެ މި މިޝަން ނާސާގެ އެޑްމިނިސްޓްރޭޓަރު ބިލް ނެލްސަން ފާހަގަކުރެއްވީ "މުޅި އިންސާނިއްޔަތަށް ލިބުނު ކާމިޔާބީއެއް" ގޮތަށެވެ. އަދި "ސައިންސް އާއި އިޖާދު ކުރުމާއި ޖައްވުގައި އޮތް އެމެރިކާގެ ލީޑަޝިޕްގެ އާ މަރުހަލާއެއް" މި މިޝަންގެ ސަބަބުން ހުޅުވިގެން ގޮސްފައިވާ ކަމަށް ވެސް ނެލްސަން ވިދާޅުވި އެވެ.
"މިއަދު، ބައި ގަރުނު ތެރޭ ފުރަތަމަ ފަހަރަށް އެމެރިކާއިން އެނބުރި ހަނދަށް ހިނގައްޖެ،" ސޯޝަލް މީޑިއާ ވީޑިއޯއެއްގައި ނެލްސަން ވިދާޅުވެ އެވެ.
"މިއަދު އިންސާނީ ތާރީހުގައި ފުރަތަމަ ފަހަރަށް، ވިޔަފާރި ކުންފުންޏަކުން، އެމެރިކާގެ ކުންފުންޏަކުން، [މިޝަންއެއް] ލޯންޗުކޮށް [ހަނދަށް] ގޮސްފައި މިވަނީ. އަދި ނާސާގެ ވިޔަފާރި ޕާޓްނަޝިޕްތަކުގައި ހުރި އުއްމީދާއި ބާރު މިއަދު ފެނިގެންދޭ."
އިންޓުއިޓިވް މެޝިންސްގެ މި މިޝަން ކާމިޔާބު ވެފައި މިވަނީ އެމެރިކާގެ ވިޔަފާރި އެހެން ކުންފުންޏެއް ކަމުގައިވާ އެސްޓްރޮބޮޓިކް ޓެކްނޮލޮޖީ އިން ވެސް މިފަދަ މިޝަންއެއް ހިންގުމަށް މިދިޔަ މަހު މަސައްކަތް ކޮށް ފޭލުވެފައި ވަނިކޮށެވެ.
އެމެރިކާގެ ޖައްވީ އުޅަނދެއް އެންމެ ފަހުން ހަނދުގައި ޖައްސާފައި ވަނީ 1972 ވަނަ އަހަރު އެވެ. އެފަހަރު ނާސާގެ ޖައްވީ އުޅަނދު އެޕޯލޯ 17 ގައި ދެ ފަޅުވެރިއަކު ވެސް ހަނދަށް ގޮސްފައި ވެ އެވެ.
އެމެރިކާގެ އިތުރުން ހަނދަށް ކާމިޔާބުކަމާ އެކު އުޅަނދުތައް ޖައްސާފައި ވަނީ ހަތަރު ގައުމަކުންނެވެ. މި ލިސްޓަށް އެންމެ ފަހުން އިތުރުވި ގައުމަކީ ޖަޕާނެވެ. ޖަޕާނުގެ 'މޫން ސްނައިޕާ' އުޅަނދު ހަނދަށް ޖައްސާފައި ވަނީ މިދިޔަ މަހު އެވެ. މި ލިސްޓުގައި ދެން ހިމެނޭ ގައުމުތަކަކީ ކުރީގެ ރޫސީވިލާތް، ޗައިނާ އަދި އިންޑިއާ އެވެ.
އިންޓުއިޓިވް މެޝިންސްގެ ޖައްވީ އުޅަނދު އޮޑީސިއަސް ހަނދުގައި އޮޕަރޭޓު ކުރުމަށް ހަމަޖެހިފައި ވަނީ އެންމެ ހަފްތާއެއްހާ ދުވަހަށެވެ. އަދި އެއަށް ފަހު ހަނދަށް ވެރިވާ އަނދިރިކަމާ އެކު ސޯލާ ހަކަތައިން އޮޕަރޭޓު ކުރާ މި އުޅަނދު ހުއްޓުމަކަށް އަންނާނެ އެވެ.