ފްރާންސްގައި ހުންނަ ހުއާވޭގެ މައި އޮފީސް.
ފްރާންސްގެ ޕްރޮސެކިއުޓަރުން ހުއާވޭގެ އޮފީސް އިމާރާތް ފާސްކޮށްފި
ފަރަންސޭސިވިލާތުގައި ހުންނަ ހުއާވޭ ކުންފުނީގެ އޮފީހަށް ޕްރޮސެކިއުޓަރުން ވަދެ ފާސްކޮށްފައިވާކަމާއި ފަރަންސޭސި އިދާރާތަކަށް ފުރިހަމައަށް އެއްބާރުލުން ދެމުން އަންނަކަން ހުއާވޭ ކުންފުނިން ހުކުރު ދުވަހު ހާމަކޮށްފި އެވެ.
ފްރާންސްގެ ޝަރުއީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅަކު ސީއެންއެންއަށް ވިދާޅުވިގޮތުގައި ފްރާންސްގެ މާލީ ޕްރޮސެކިއުޓަރުން ހުއާވޭގެ އިމާރާތް ރެއިޑުކޮށްފައި ވަނީ ކޮރަޕްޝަނާއި ނުފޫޒު ފޯރުވުން އަދި ވިޔަފާރީގެ އިހްލާސްތެރިކަމާ ގުޅިފައިވާ މަައްސަލަތަކެއްގެ އިބްތިދާއީ ތަހްގީގަކަށެވެ.
މި ތަހްގީގާ ބެހޭ އިތުރު މައުލޫމާތެއް ހާމަކޮށްފައި ނުވި ނަމަވެސް އިބްތިދާއީ ތަހްގީގުތަކަކީ ގޯހެއް ހަދާފައިވާކަން ކަށަވަރު ކޮށްދޭ ކަމެއް ނޫނެވެ.
ޗައިނާގެ ޝެންޒެންއަށް ނިސްބަތްވާ ހުއާވޭ އިން ބުނި ގޮތުގައި އެ ކުންފުނީގެ ފްރާންސް އޮފީސް ބަލާ ފާސްކޮފައި ވަނީ އަންގާރަ ދުވަހު އެވެ.
"ހުއާވޭ ފްރާންސްގައި އުޅޭތާ 20 އަހަރު ދުވަސް ވެއްޖެ. އަދި އަމަލުކޮށްފައި ވާނީ އެ ގައުމުގެ ގަވާއިދުތަކާއި ގާނޫނުތަކަށް ފެތޭ ގޮތަށް. ކުރިއަށްދާ ތަހްގީގަކާ ބެހޭގޮތުން ހުއާވޭ ފްރާންސް އިން އެއްޗެއް ބުނަން ބޭނުންނުވި ނަމަވެސް މިކަން ނިމިގެންދާނެ ގޮތާ މެދު ކުންފުންޏަށް ޔަގީންކަން އެބަ އޮތް،" ހުއާވޭގެ ތަރުޖަމާނެއް ވިދާޅުވި އެވެ.
ފްރާންސްގައި 200 މިލިއަން ޔޫރޯ އިންވެސްޓުކޮށް އަހަރަކު 1 ބިލިއަން ޔޫރޯގެ އަގު ހުރި ވަޔަލަސް މުވާސަލާތީ ސާމާނު އުފައްދާ ކާރުހާނާއެއް ގާއިމު ކުރާނެކަން ހުއާވޭ އިން ވަނީ 2020ގައި އިއުލާނު ކޮށްފަ އެވެ. ނަމަވެސް އޭގެ ފަހުން ޔޫރަޕުގެ ގިނަ ގައުމުތަކަކުން ވަނީ އެ ގައުމުތަކުގެ ނެޓްވޯކުތަކުން ހުއާވޭ ބޭރުކޮށްލާފަ އެވެ.
ފްރާންސްގެ ޕަބްލިކް ރޭޑިއޯއަށް ޑިސެމްބަރު މަހު ދެއްވި އިންޓަވިއުއެއްގައި ހުއާވޭ ފްރާންސްގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު މިންގްގަންގް ޝާންގް ވިދާޅުވެފައިވާ ގޮތުގައި ފްރާންސްގައި އަޅާ ކާރުހާނާގެ އޮޕަރޭޝަން އަލްސާޗޭ ސަރަހައްދުގައި 2025ގެ ފަހުކޮޅު ފަށާނެ އެވެ.
"ކޮންމެ އަހަރަކު ދިރާސާ ކުރުމަށް ފްރާންސްގައި 80 މިލިއަން ވަރަކަށް ޔޫރޯ އަހަރެމެން އިންވެސްޓް ކުރަން. ފްރާންސްގައި އޮތް ޓެކްނޮލޮޖީ މާހައުލު ވަރަށް އީޖާދީ އަދި އަވަސްއަވަހަށް ބަދަލުވަމުންދޭ،" ފްރާންސް އިންޓާއަށް ޝާންގް ވިދާޅުވި އެވެ.
ޝާންގް އިތުރަށް ވިދާޅުވިގޮތުގައި ފްރާންސްގައި ގާއިމު ކުރާ ކާރުހާނާއިން ޔޫރަޕަށް ބޭނުންވާ 5ޖީގެ ހުރިހާ އިކުއިޕްމަންޓެއް ސަޕްލައިކޮށް، 500 އެއްހާ ވަޒީފާގެ ފުރުސަތު އުފައްދާނެ އެވެ.