ޓައިވާނަށް ނިސްބަތްވާ ޓީއެސްއެމްސީ އަކީ ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް ޗިޕު އުފައްދަމުން އަންނަ ކުންފުނި.
ޗިޕު އުފައްދާ ޓީއެސްއެމްސީ އިން ޖަޕާނުގައި ދެވަނަ ކާރުހާނާއެއް އަޅަނީ
ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް ސެމީކޮންޑަކްޓާސް (ޗިޕު) އުފައްދަމުން އަންނަ ޓައިވާނުގެ ޓީއެސްއެމްސީ ކުންފުނިން ޖަޕާނުގައި ދެވަނަ ކާރުހާނާއެއް އެޅުމަށް ނިންމައިފި އެވެ.
ޓީއެސްއެމްސީ އިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މި ކާރުހާނާ އެޅުމަށް ނިންމީ "އިތުރުވަމުން އަންނަ ކަސްޓަމަރުންގެ ޑިމާންޑާ" ގުޅިގެންނެވެ.
ޖަޕާނުގައި ގާއިމު ކުރާ ކާރުހާނާގެ ކޮންސްޓްރަކްޝަން މަސައްކަތްތައް ޓީއެސްއެމްސީގެ ހިއްސާ އޮންނަ ޖަޕާން އެޑްވާންސްޑް ސެމީކޮންޑަކްޓާ މެނުފެކްޗަރިން (ޖޭއޭއެސްއެމް) ކުންފުނިން ފެށުމަށް ހަމަޖައްސާފައި ވަނީ މި އަހަރު ނިމުމުގެ ކުރިންނެވެ.
ޖޭއޭއެސްއެމްއާ އެކު ޓީއެސްއެމްސީ އިން ޖަޕާނުގައި ގާއިމު ކުރި ފުރަތަމަ ކާރުހާނާގެ އޮޕަރޭޝަންތައް ފެށުމަށް ހަމަޖެހިފައި ވަނީ ވެސް މި އަހަރުގެ ތެރޭގަ އެވެ. އަދި ދެވަނަ ކާރުހާނާއާ އެކު، ޖަޕާނުގައި ޓީއެސްއެމްސީ އިން ކޮށްފައިވާ އިންވެސްޓްމަންޓުތަކުގެ އަގު 20 ބިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާނެ އެވެ.
ޖަޕާނުގެ ސަރުކާރުގެ ވަރުގަދަ އެއްބާރުލުމަކާ އެކު ޓީއެސްއެމްސީ އިން ގާއިމު ކުރާ ދެވަނަ ކާރުހާނާގެ ޕްރޮޖެކްޓުގައި ޓޮޔޯޓާ ކުންފުންޏާއި ސޮނީ ކުންފުނިން ވެސް އިންވެސްޓް ކުރުމަށް ވަނީ ނިންމާފަ އެވެ.
ޓީއެސްއެމްސީ އިން ބުނި ގޮތުގައި މި ޕްރޮޖެކްޓާ އެކު ހުނަރުވެރި 3،400 މީހަކަށް ވަޒީފާގެ ފުރުސަތުތައް ހުޅުވިގެން ދާނެ އެވެ.
ޓީއެސްއެމްސީ އިން ޖަޕާނުގައި ދެވަނަ ކާރުހާނާއެއް އެޅުމަށް ނިންމާފައި މިވަނީ އެމެރިކާގެ އެރިޒޯނާގައި އެ ކުންފުނިން ގާއިމް ކުރަމުން އަންނަ ކާރުހާނާގެ މަސައްކަތަށް ގޮންޖެހުންތަކެއް ކުރިމަތިވެފައި ވަނިކޮށެވެ.
ޓައިވާނުގެ ހްސިންޗޫ އަށް ނިސްބަތްވާ ޓީއެމްސީ އަކީ ދުނިޔޭގެ ބާޒާރަށް ބޭނުންވާ ސުޕާ-އެޑްވާންސްޑް ޗިޕުތަކާއި ސާމާނުގެ %90 ސަޕްލައި ކުރަމުން އަންނަ ކުންފުންޏެވެ. އެ ކުންފުނީގެ ކަސްޓަމަރުންގެ ތެެރޭގައި އެޕަލް އާއި އެންވިޑިއާ ހިމެނެ އެވެ.