ސްނެޕް.
ސްނެޕް އިން %10 މުވައްޒަފުން މަދުކުރަނީ
ސޯޝަލް މީޑިއާ ސިނާއަތުގައި ބިޔަ ކުންފުންޏެއް ކަމުގައިވާ ސްނެޕް އިން މުވައްޒަފުންގެ %10 މަދުކުރުމަށް ނިންމާ އެކަން އިއުލާންކޮށްފި އެވެ.
ސްނެޕް ކުންފުނީގައި ޖުމްލަ 5،000 އެއްހާ މުވައްޒަފުން މަސައްކަތް ކުރަމުން ގެންދާކަމަށް އެ ކުންފުނިން ވަނީ ނޮވެމްބަރު މަހު ބުނެފަ އެވެ. އެހެންކަމުން މިފަހަރު 500 މުވައްޒަފުންގެ މަދުކުރާނެ ކަމަށް ބެލެވެ އެވެ.
ސްނެޕް އިން މުވައްޒަފުން މަދުކުރާކަން ހާމަކޮށްފައި މިވަނީ މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ހާމަކުރުމަށް އެއް ދުވަހަށް ވެފައި ވަނިކޮށެވެ. މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ވަނީ 368 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިފަ އެވެ.
މުވައްޒަފުން މަދުކުރުމުގެ ސަބަބުން ދެން ތިބި މުވައްޒަފުންގެ މެދުގައި އެކުގައި މަސައްކަތް ކުރުމަށް ހިތްވަރު ލިބިގެންދާނެ ކަމަށް ސްނެޕް އިން ބުނެ އެވެ.
"އަހަރެމެންނާ ވަކިވެގެންދާ ޓީމް މެމްބަރުންނަށް ސަޕޯޓު ދޭނަން އަދި ސްނެޕްއަށް އެމީހުން ކޮށްދިން ބުރަ މަސައްކަތްތަކަށް އަހަރެމެން ޝުކުރުވެރިވަން،" ބީބީސީއާ ވާހަކަދެއްކި ކުންފުނީގެ ތަރުޖަމާނަކު ވިދާޅުވި އެވެ.
މިއީ ސްނެޕް އިން މިހާ ގިނަ އަދަދަކަށް މުވައްޒަފުން މަދުކުރާ ދެވަނަ ފަހަރެވެ. މީގެ ދޮޅު އަހަރު ކުރިން 2022ގެ އޯގަސްޓު މަހު ސްނެޕް އިން ވަނީ މުވައްޒަފުންގެ %20 ވަކިކޮށްފަ އެވެ.
ސްނެޕްގެ އިތުރުން ޓެކްނޮލޮޖީ ސިނާއަތުގައި އޮޕަރޭޓު ކުރަމުން އަންނަ މެޓަ، ގޫގުލް އަދި މައިކްރޮސޮފްޓް ފަދަ ބިޔަ ކުންފުނިތަކުން ވެސް ދަނީ މުވައްޒަފުން މަދުކުރަމުންނެވެ.
ޓެކްނޮލޮޖީ ސިނާއަތުން މިދިޔަ އަހަރު އެކަނި ވެސް 232،000 މުވައްޒަފުން ވަކިކޮށްފައިވާ ކަމަށް މި އަދަދުތައް ބަލަހައްޓަމުން ގެންދާ ލޭއޮފްސް.އެފްވައިއައި ވެބްސައިޓުގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.