ޖަޕާންގެ ޖައްވީ އުޅަނދުގެ ފޮޓޯއެއް. ޖަޕާނަކީ ހަނދުގައި އުޅަނދެއް ޖެއްސި 5 ވަނަ ގައުމު.

ޖައްވީ އުޅަނދާ ގުޅުން ގާއިމް ކުރެވި ޖަޕާނުގެ ހަނދުގެ މިޝަން ކުރިއަށް

ހަނދުގައި ކާމިޔާބު ކަމާ އެކު އުޅަނދެއް ޖެއްސި 5 ވަނަ ގައުމަށް ޖަޕާނުން ވަނީ ވެފައި

ޕަވާ ސަޕްލައިގެ މައްސަލައެއް ދިމާވެ ހަފްތާއެއް ވަންދެން ހުއްޓުމަކަށް އައި ޖަޕާނުން ހަނދަށް ފޮނުވި ޖައްވީ އުޅަނދު އަލުން އޮޕަރޭޓު ކުރަން ފަށައިފި އެވެ.

'ދަ ޖަޕާން އެރޮސްޕޭސް އެކްސްޕްލޮރޭޝަން އެޖެންސީ' (ޖާޒާ) އިން މައުލޫމާތު ދިން ގޮތުގައި މި އުޅަނދާ މުވާސަލާތީ ގުޅުން އަލުން ގާއިމު ކުރެވިފައި ވަނީ އާދިއްތަ ދުވަހުގެ ރޭ އެވެ. 

އަދި މުވާސަލާތީ ގުޅުން ގާއިމް ކުރެވުނީ މި އުޅަނދުގައި ހުރީ ސޯލާ ސެލްތަކަށް އިރުގެ އަލިކަން އަލުން ލިބެން ފެށުމުން ކަމަށް އެ އެޖެންސީ އިން ބުނެފައިވެ އެވެ.

މި އުޅަނދު ހަނދުގައި ޖައްސާފައި ވަނީ 20 ޖަނަވަރީގަ އެވެ. ނަމަވެސް އުޅަނދު ޖެއްސި އިރު ސޯލާ ސެލްތައް އިރުގެ އައްޔާ ދިމާލަށް އެނބުރިފައި ނެތުމުން އޮޕަރޭޝަންތައް ހުއްޓުމަކަށް އަ އެވެ.

'ސްމާޓް ލޭންޑާ ފޮ އިންވެސްޓިގޭޓިންގް މޫން (ސްލިމް) ގެ ނަންދީފައިވާ މި އުޅަނދު ހަނދަށް ޖެއްސުމާ އެކު ޖަޕާނުގެ ވެގެން ގޮސްފައި މިވަނީ ހަނދަށް ކާމިޔާބު ކަމާ އެކު އުޅަނދެއް ޖެއްސި 5 ވަނަ ގައުމަށެވެ. އެއީ އެމެރިކާ، ރޫސީވިލާތް، ޗައިނާ އަދި އިންޑިއާ އަށް ފަހު އެވެ.

ހަނދަށް ޖެއްސުމާ އެކު ޖަޕާނުގެ ޖައްވީ އިދާރާއިން ވަނީ މި އުޅަނދު ގިނަ ގަޑީރުތަކެއް ވަންދެން ބެޓެރީގެ ބާރުން ހިފަހައްޓާފަ އެވެ. ނަމަވެސް އިރުގެ އަލިކަން އެހެން މިސްރާބަކުން ލިބެން ފެށުމުން މައްސަލަ ހައްލުވާނެ ކަމަށް ދެކި މި އުޅަނދު ވަނީ ނިއްވާލެވިފަ އެވެ.

ޖާޒާއިން މައުލޫމާތު ދިން ގޮތުގައި 'ސްލިމް' ބޭނުންކޮށް ހަނދު އުފެދިފައިވާ ގޮތާ މެދު ދިރާސާތަކެއް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ ހަފްތާއެއް ކުރިން ޖަޕާންގެ ޖައްވީ އުޅަނދު ހަނދުގައި ޖެއްސުމާ ގުޅޭ (ވީޑިއޯ/އޭބީސީ ނިއުސް)

ތަފާސްހިސާބުތަކަށް ބަލާއިރު ހަނދުގައި އުޅަނދެއް ކާމިޔާބު ކަމާ އެކު ޖެއްސުމަކީ ފަސޭހަކަމެއް ނޫނެވެ. މިހާތަނަށް ހަނދަށް ފޮނުވި ދެބައި ކުޅަ އެއްބައި މިޝަންތައް ވަނީ ފޭލުވެފަ އެވެ.

އެގޮތުން މިމަހު އެމެރިކާގެ ޕްރިވެޓް ކުންފުންޏަކުން ކުރިއަށް ގެންދިޔަ މިފަދަ މިޝަން އެއް ފޭލުވެފައި ވާއިރު މިދިޔަ އަހަރު ރަޝިޔާއިން ލޯންޗު ކުރި މިޝަން އެއް ވެސް ފޭލުވެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް