އެޕަލްގެ %27 ކޮމިޝަނަށް ސްޕޮޓިފައި އިން ފާޑުކިޔައިފި
އެމެރިކާގެ މާކެޓުގައި އެޕަލް އިން ނަގަން އިއުލާންކުރި %27 ޓްރާންސެކްޝަން ފީއާ ގުޅިގެން ސްޕޮޓިފައި އިން ފާޑުކިޔައިފި އެވެ.
އެޕަލްގެ އަމިއްލަ އެޕް ސްޓޯރު ނޫން އެހެން ތަންތަނުގައި އެޕް ޑިވެލޮޕަރުންނަށް އެއްޗެހި ވިއްކިދާނެ ކަމަށާއި ނަމަވެސް އެއީ އެޕަލްއަށް ކޮމިޝަން ދައްކާ ނަމަ ކަމަށް ބުނެ އެޕަލް އިން ވަނީ ބުދަދުވަހު އިއުލާނެއް ނެރެފަ އެވެ.
ރައްދުގައި މިއީ 'ހައްދު ފަހަނައަޅާފައިވާ' ނިންމުމެއް ކަމަށާއި، އެޕަލް އިން އަމިއްލަ ފައިދާތައް ހިމާޔަތް ކުރަން 'ނުކުރާނެ ކަމެއް ނެތް' ކަމަށް ބުނެ ސްޕޮޓިފައި އިން ވަނީ ފާޑުކިޔައިފަ އެވެ.
އެމެރިކާގެ މާކެޓަށް އެޕަލް އިން ތައާރަފްކުރި މި އާ ބަދަލު އިނގިރޭސިވިލާތުގެ މާކެޓުގައި ތައާރަފް ވިޔަ ނުދިނުމަށް އިނގިރޭސި ސަރުކާރަށް ސްޕޮޓިފައި އިން ގޮވާލި އެވެ.
އެޕަލްއިން އާ ފީތަކެއް ތައާރަފްކޮށްފައި މިވަނީ ފޯޓްނައިޓް ގޭމް އުފައްދާ އެޕިކް ގޭމްސްއާ ދެކޮޅަށް އެމެރިކާގެ ކޯޓެއްގައި ކުރިއަށް ދިޔަ މައްސަލަ ނިމުނު ގޮތުގެ މައްޗަށް ރިއާޔަތްކޮށެވެ.
އެ މައްސަލައިގަައި ހިމެނޭ ގިނަ ކަންކަން ނިމުނީ އެޕަލްއާ އެއްކޮޅަށެވެ. އެޕަލްގެ އެޕް ސްޓޯރު ނޫން އެހެން ތަންތަނުން ޑިވެލޮޕަރުންނަށް ކަސްޓަމަރުންގެ އަތުން ފައިސާ ނެގުމުގެ ހުއްދަ ދޭން ޖެހޭ ކަމަށް ކޯޓުން ނިންމި އެވެ.
އެޕް ސްޓޯރު ނިޒާމު ބޭނުންކުރާ ބޮޑެތި ޑިވެލޮޕަރުންގެ އަތުން %30 ފީއެއް އަދި ކުދި ޑިވެލޮޕަރުންގެ އަތުން ގާތްގަނޑަކަށް %15 ފީއެއް އެޕަލް އިން އަންނަނީ ނަގަމުންނެވެ. އަދި %85 ޑިވެލޮޕަރުން އަތުން އެޕަލް އިން އެއްވެސް ފީއެއް ނުނަގަ އެވެ.
ކޯޓުގައި ނިމުނު އެޕިކް ގޭމްސް މައްސަލައާ ގުޅިގެން އެމެރިކާގެ މާކެޓުގައި އެޕަލްގެ އެޕް ސްޓޯރު ބޭނުންނުކޮށް ކަސްޓަމަރުންނަށް އިސްތިރާކު ދެއްކުމުގެ ފުރުސަތު އެޕަލް އިން މިވަނީ ފަހިކޮށްފަ އެވެ. ނަމަވެސް ޑިވެލޮޕަރުންގެ އަތުން %27 ފީއެއް ނަގަން އެޕަލް އިން ވަނީ ނިންމާފަ އެވެ.
މި ކޮމިޝަން ނަގަނީ އެޕް ސްޓޯރު ބޭނުން ކުރުމުން ޑިވެލޮޕަރުންނަށް ހިދުމަތްތަކުން ފައިދާތަކެއް ލިބޭތީ ކަމަށް އެޕަލް އިން ބުނެ އެވެ. މީގެ ތެރޭގައި އެޕަލްގެ ޕްލެޓްފޯމް ހަރުދަނާވެފައި އިތުބާރު ބޮޑުވުން ހިމެނޭ ކަމަށް އެޕަލް އިން ކޯޓަށް ހުށައެޅި ލިޔެކިޔުންތަކުގައި ފާހަގަކުރި އެވެ.
މީގެ އިތުރުން ވެސް ޑިވެލޮޕަރުންނަށް ލިބޭ މާކެޓިން އާއި އިތުރު އިސްތިހާރު ކުރުމާއި، ކަސްޓަމަރުންނަށް އެޕްތައް ގަނެ، ބޭނުންކޮށް އަދި ޑައުންލޯޑު ކުރުމަށް ލިއްބައިދީފައިވާ ރައްކާތެރި މާހައުލް ވެސް އެއީ ފައިދާތައް ކަމަށް އެޕަލް އިން ފާހަގަކުރި އެވެ.
ރައްދުގައި ސްޕޮޓިފައި އިން ބުނީ މިއީ ވާދަވެރިކަން ބޮޑު ކުރުމުގެ ނިޔަތުގައި ކޯޓުން ކަނޑައެޅި ނިޔާ އެޕަލް އިން ބޮލާލައި ޖެހުން ކަމަށެވެ.