ގޫގުލް އަދި އަލްފަބެޓްގެ ސީއީއޯ ސުންދަރް ޕިޗާއީ.
ލަނޑުދަނޑިތައް ހާސިލް ކުރަން އަދިވެސް މުވައްޒަފުން މަދުކުރަން ޖެހޭ: ގޫގުލްގެ ސީއީއޯ
މި އަހަރު ތެރޭ އަދިވެސް އިތުރަށް މުވައްޒަފުން މަދުކުރާނެ ކަމަށް ގޫގުލްގެ ސީއީއޯ ސުންދަރު ޕިޗާއީ އިންޒާރު ދެއްވައިފި އެވެ.
ކުންފުނީގެ މުވައްޒަފުންނަށް އިއްޔެ ފޮނުއްވި "2024ގައި އިސްކަންދޭނެ ކަންތައްތައް އަދި މި އަހަރުގެ ކުރިމަގު" ގެ ސުރުހީ ޖަހާފައިވާ މެމޯއެއް ބުނާ ގޮތުން ވަރުގަދަ ލަނޑުދަނޑިތަކެއް ހާސިލް ކުރުމަށް އެ ކުންފުނިން ވަނީ މި އަހަރު އަމާޒު ހިފައިފަ އެވެ.
މި އަހަރު ހާސިލުކުުރުމަށް ވިސްނާފައި ހުރި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާ ގުޅޭ އަދި އެހެނިހެން ލަނޑުދަނޑިތައް ވެސް ގޫގުލްގެ ލީޑަޝިޕުން މުވައްޒަފުންނާ މި ހަފްތާގައި ހިއްސާކުރަން ތައްޔާރުވަމުން އަންނަ ކަމަށް ވެސް އެ މެމޯގައި ބުނެ އެވެ.
"ހަގީގަތަކީ މި އިންވެސްޓްމަންޓަށް ބޭނުންވާ ކެޕޭސިޓީ އުފެއްދުމަށް އުނދަގޫ ނިންމުންތަކެއް އަހަރުމެން ނިންމަން ޖެހެ އެވެ،" ޕިޗާއީ ލިއުއްވި އެވެ. މީގެ މާނައަކީ ބައެއް ޓީމުތަކުން ވަޒީފާ އުވާލައި، މަސައްކަތްތައް ހަލުވިކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
ގޫގުލް އިން ވަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހު 12،000 މުވައްޒަފުން ވަކިކޮށްފަ އެވެ. އިންޖިނިއަރިން، ހާޑްވެއާ އަދި އިސްތިހާރު ކުރުމާ ބެހޭ ޑިވިޝަންތަކުން ގޫގުލް އިން މި މަހު ވެސް އެތައް ސަތޭކަ މުވައްޒަފުން ވަކިކުރި އެވެ.
ޕިޗާއީ ވިދާޅުވި ގޮތުގައި ވާދަވެރިކަމުގައި ދެމި އޮތުމަށް ގޫގުލްގެ ބައެއް ޓީމުތަކުން ރަނގަޅު ގޮތުގައި ވަސީލަތްތައް ބޭނުންކުރަން ފިޔަވަޅުތައް އަޅަމުން ގެންދާނެ އެވެ. ނަމަވެސް މިދިޔަ އަހަރު މުވައްޒަފުން މަދުކުރި މިންވަރަށް މި އަހަރު މަދުނުކުރާނޭ ކަމަށާއި، ހުރިހާ ޓީމަކަށް މީގެ ސަބަބުން އަސަރު ނުކުރާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
އޭއައިއާ ގުޅިގެން ގޫގުލްގެ ވެރި އަލްފަބެޓް ކުންފުނީގެ ހިއްސާގެ އަގު ވަނީ މިދިޔަ އަހަރު %55 މައްޗަށް ޖެހިލާފަ އެވެ. އަދި ޑިޖިޓަލް އިސްތިހާރު މާކެޓުގެ ވިޔަފާރި ރަނގަޅުވެ މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރުގައި ކުންފުންޏަށް ލިބިފައިވާ އާމްދަނީ %10 އަށް ވުރެ މައްޗެވެ.
ގޫގޫލް އިން ލޯންޗުކުރި އެންމެ ބޮޑު އަދި އެންމެ ގާބިލް އޭއައި މޮޑެލް 'ޖެމިނައި' ލޯންޗުކޮށްފައި ވަނީ މިދިޔަ މަހު އެވެ. މިހާތަނަށް ހަދާފައިވާ ބައެއް ޓެސްޓުތަކުގެ ނަތީޖާ ދެއްކި ގޮތުގައި ޗެޓްޖީޕީޓީ-4 އަށް ވުރެ ޖެމިނައިގެ ގާބިލުކަން ވަރުގަދަ އެވެ.