ގޫގުލް
ގޫގުލް އިން ގިނަ މުވައްޒަފުންތަކެއް ވަކިކޮށްފި
އެންމެ މުހިންމު އުފެއްދުންތަކަށް ހާއްސަ ސަމާލުކަމެއް ދީ ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ގޫގުލް އިން ގިނަ މުވައްޒަފުންތަކެއް ވަޒީފާ އިން ވަކިކޮށްފައިވާކަން އެ ކުންފުނިން ހާމަކޮށްފި އެވެ.
މި ނިންމުގެ ސަބަބުން މައިގަނޑު ގޮތެއްގައި އަސަަރު ކުރާނީ ހާޑްވެއާ އާއި ސެންޓްރަލް އިންޖިނިއަރިން ޓީމްތަކާއި ގޫގުލް އެސިސްޓަންޓް ޑިވިޝަންގެ މުވައްޒަފުންނަށެވެ. އަދި އިތުރު އެހެން ޑިވިޝަންތަކަށް ވެސް ކޮންމެވެސް ވަރަކަށް އަސަރު ކުރާނެ އެވެ.
މި ނިންމުމާ ގުޅިގެން ގޫގުލްގެ ހިއްސާގެ އަގު ވަނީ %1 ދަށަށް ވެއްޓިފަ އެވެ.
ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ގިނަ އަދަދަކަށް އާ މުވައްޒަފުން ނެގި ގޫގުލް އިން މިހާރު ގެންދަނީ މުވައްޒަފުން ދޭތެރެ ދޭތެރެއިން މަދު ކުރަމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު ވެސް 12،000 މީހުން ނުވަތަ ޖުމްލަ މުވައްޒަފުންގެ %6 ވަކިކޮށްފައި ވެ އެވެ.
އެއަށް ފަހު، އަލަށް މުވައްޒަފުން ނެގުމާ ބެހޭ ޑިވިޝަނާއި ހަބަރާ ބެހޭ ޑިވިޝަނުން ވެސް މިދިޔަ އަހަރު ތެރޭ މުވައްޒަފުން މަދުކޮށްފައި ވެ އެވެ.
މުވައްޒަފުން މަދު ކުރުމުގެ އިތުރުން ގޫގުލް އިން ވަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފަދަ ދާއިރާތަކަށް ހާއްސަ ސަމާލުކަމެއް ދޭން ނިންމާފަ އެވެ. މީގެ ތެރޭގައި ގޫގުލް އިން ލޯންޗުކޮށްފައިވާ 'ބާޑް' ޗެޓް ބޮޓާއި އެ ކުންފުނިން ބިނާ ކުރަމުން އަންނަ 'ޖެމިނައި'ގެ ނަންދީފައިވާ ލާޖް ލެންގުއޭޖް މޮޑެލް ތަރައްގީ ކުރުމަށް ސަމާލުކަން ދިނުން ހިމެނެ އެވެ.
އޭއައި ސިނާއަތުގައި ގޫގުލްއާ ވަރުގަދައަށް ވާދަކުރަމުން އަންނަ ބިޔަ ކުންފުނިތަކުގެ ތެރޭގައި މައިކްރޮސޮފްޓް އާއި އެމެޒޯން ހިމެނެ އެވެ.