ގޫގުލް.
'ޕްރައިވެޓް މޯޑް ޓްރެކިންގް' ދައުވާ ކޯޓުން ބޭރުގައި ގޫގުލް އިން ނިންމާލައިފި
ކަސްޓަމަރުން "ޕްރައިވެޓް މޯޑުގައި" އިންޓަނެޓު ބޭނުން ކުރާ އިރު ވެސް ގޫގުލް އިން އެމީހުންގެ ހަރަކާތްތައް ބަލާ (ޓްރެކު ކުރާ) ކަމަށް ބުނެ އެމެރިކާގައި އުފުލާފައިވާ ދައުވާއެއް ކޯޓުން ބޭރުގައި ގޫގުލް އިން ނިންމައިފި އެވެ.
'ކްލާސް އެކްޝަން' މި ދައުވާގައި ދުނިޔޭގެ އެންމެ ވަރުގަދަ ސާޗް އިންޖީން ކަމުގައިވާ ގޫގުލްގެ ފަރާތުން 5 ބިލިއަން ޑޮލަރު ޖޫރިމަނާގެ ގޮތުގައި ނަގާދިނުމަށް ކޯޓުގައި އެދިފައިވެ އެވެ.
ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުގެ ހަރަކާތްތައް ހުންނަ ގޮތުން ދުނިޔޭގެ އެކި ހިސާބުތަކުން އެ ކުންފުނިތަކަށް ފާޑުކިޔުން އަންނަނީ އަމާޒުވަމުން ނެވެ.
މި މައްސަލަ ކޯޓުން ބޭރުގައި ނިންމުމަށް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ދެ ފަރާތުގެ ވަކީލުން ހާމަކުރުމާ ގުޅިގެން އެެމެރިކާގެ ޑިސްޓްރިކްޓް ކޯޓުގެ ގާޒީ ޔްވޮނީ ގޮންޒާލޭޒް ރޮޖާސް ވަނީ މި މައްސަލައިގެ އަޑުއެހުންތަކުގެ ތާވަލް މަޑުޖައްސާލައްވާފަ އެވެ.
މި މައްސަލަ ކޯޓުން ބޭރުކޮށްލުމަށް ގޫގުލް އިން ކުރިން މަސައްކަތް ކުރި ނަމަވެސް ގާޒީ ރޮޖާސް ވަނީ އެ ކަމަކަށް އިންކާރު ކުރައްވާފަ އެވެ. ކަސްޓަމަރުންގެ ހަރަކާތްތައް ޕްރައިވެޓް މޯޑުގައި ތިއްބައި ގޫގުލް އިން ބެލުމަށް ކަސްޓަމަރުން ރުހޭނެ ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށް ގާޒީ ރޮޖާސް އެ ނިންމުމާ މެދު ވިދާޅުވެފައިވެ އެވެ.
ކޯޓުން ބޭރުގައި މި މައްސަލަ ނިންމާލުމަށް އެއްބަސްވެފައި ވަނީ ކޮން ގޮތަކަށް ކަމެއް އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ފެބްރުއަރީ 2024ގެ ކުރިން މި އެއްބަސްވުމުގެ ޝަރުތުތައް ކޯޓަށް ހުށައަޅަން ޖެހޭނެ އެވެ.
ގޫގުލްއާ ދެކޮޅަށް މި މައްސަލަ ކޯޓަށް ހުށައަޅާފައި ވަނީ 2020 ވަނަ އަހަރު ބޮއީސް ޝިލާ ފްލެކްސްނާ ވަކީލުންގެ ޓީމުން ނެވެ. ގޫގުލް ކްރޯމް "އިންކޮގްނިޓޯ" [ޕްރައިވެޓް] މޯޑަށް ލުމުން ވެސް ގޫގުލް އިން ކަސްޓަމަރުންގެ އަމަލުތައް ބަލަމުން ދިޔަ ކަމަށާއި އަދި އެހެން ބްރައުޒާތައް ވެސް މި މޯޑަށް ލުމުން ގޫގުލް އިން މިކަން ކުރަމުން ދިޔަ ކަމަށް ދައުވާގައި ބުނެފައިވެ އެވެ.
އަދި މީގެ ސަބަބުން ހުއްދަ ނެތް އެތައް މައުލޫމާތުތަކެއް ގޫގުލް އިން އެއްކުރި ކަމަށާއި މީގެ ތެރޭގައި ކަސްޓަމަރުންނާ ބެހޭ ލަދުވެތި ކަންކަން ވެސް ހިމެނޭ ކަމަށް ދައުވާގައި ބުނެފައިވެ އެވެ.
ގޫގުލްގެ މައްޗަށް އެމެރިކާގެ ކޯޓުގައި އިތުރު މައްސަލަތަކެއް ވެސް އަންނަނީ ކުރިއަށް ދަމުން ނެވެ. މީގެ ތެރޭގައި އެ ކުންފުނިން އިސްތިހާރު ކުރުމަށް ގެންގުޅޭ ޑިޖިޓަލް ގޮތްތަކާ މެދު ވާދަވެރިން ހުށައަޅާފައިވާ މައްސަލަތައް ހިމެނެ އެވެ.
އަދި އެންޑްރޮއިޑް އާލާތްތަކުގައި ހުންނަ ޕްލޭސްޓޯރުގައި ވާދަވެރި އެޕްތަކަށް އޮތް ފުރުސަތުތައް ގޫގުލް އިން ކަނޑުވާލަމުން ދާކަމަށް ބުނެ އުފުލި ދައުވާއެއްގެ މައްސަލަ ނިންމާލުމަށް 700 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދައްކާނެ ކަމަށް މިމަހު ގޫގުލް އިން ހާމަކޮށްފައިވެ އެވެ.