ފޯޓްނައިޓް.
ގޫގުލްގެ މައްޗަށް އުފުލި ދައުވާ އެޕިކް ގޭމްސް އިން ކާމިޔާބުކޮށްފި
ވާދަވެރި އެޕްލިކޭޝަން ސްޓޯރުތަކަށް ވުރެ ގޫގުލްގެ ޕްލޭ ސްޓޯރު ވަރުގަދަކުރުމަށް ގޫގުލް އިން ގާނޫނާ ހިލާފަށް މަސައްކަތް ކުރި ކަމަށް އެމެރިކާގެ ކޯޓަކުން ކަނޑައަޅައިފި އެވެ.
ގޫގުލް އިން އެޕްލިކޭޝަން ބެހުމުގައި އާއި އެޕްލިކޭޝަން ތެރެއިން ފައިސާ ބިލް ކުރުމަށް މޮނޮޕޮލީއެއް ގޮތަށް އަމަލު ކުރަމުން އަންނަ ކަމަށް ތުހުމަތުކޮށް މަޝްހޫރު ފޯޓްނައިޓް އުފައްދާ އެޕިކް ގޭމްސް ކުންފުނިން ކޯޓަށް މައްސަލަ ހުށައެޅީ 2020 ގަ އެވެ.
ގޫގުލްގެ އެންޑްރޮއިޑް ސޮފްޓްވެއާ އަޅާފައި ހުންނަ ފޯނުތައް ބޭނުން ކުރާ އެތައް ސަތޭކަ މިލިއަން ކަސްޓަމަރުން ގޫގުލްގެ އެޕް ސްޓޯރު ބޭނުން ކުރަމުންދެ އެވެ.
ކޯޓުގެ ނިންމުން އިސްތިއުނާފު ކުރާނެ ކަމަށް ގޫގުލް އިން ވަނީ ބުނެފަ އެވެ.
"އެހެން ބޮޑެތި ޕްލެޓްފޯމްތަކާ ބަލާފައި ގޫގުލް ޕްލޭ [ސްޓޯރު] އިން ދޭ ފުރުސަތުތައް ގިނަވެފައި، ހުޅުވާލެވިފައިވާ މިންވަރު ބޮޑުވާނެ،" ގޫގުލްގެ ސަރުކާރުގެ ކަންތައްތަކާއި އާންމު ސިޔާސަތާ ބެހޭ ނާއިބު ރައީސް ވިލްސަން ވައިޓް ވިދާޅުވި އެވެ.
"މި ޝަރީއަތުން ސާފުވެގެން ދިޔައީ އެޕަލް އާއި އެމީހުންގެ އެޕް ސްޓޯރާއި އަދި އެންޑްރޮއިޑް އާލާތްތަކާއި ގޭމިންގް ކޮންސޯލްތަކުގައިވާ އެހެނިހެން އެޕް ސްޓޯރުތަކާ އަހަރުމެން ވަރުގަދައަށް ވާދަކުރަމުން އަންނަކަން.
"އެންޑްރޮއިޑް ވިޔަފާރި މޮޑެލް ދިފާއު ކުރުމުގައި އަހަރުމެން ދެމިތިބޭނަން. އަދި އެންޑްރޮއިޑް ނިޒާމަށާއި ޕާޓްނަރުންނަށާއި އަދި ކަސްޓަމަރުންނަށް ހިދުމަތް ދިނުމުގައި ދެމިތިބޭނަން." ވައިޓް ވިދާޅުވި އެވެ.
"ގޫގުލްގެ މައްޗަށް ކާމިޔާބީއެއް. ހަތަރު ހަފްތާގެ ތަފްސީލީ ކޯޓު އަޑުއެހުންތަކަށް ފަހު ކެލިފޯނިއާގެ ޖޫރީން މިވަނީ ފާހަގަކޮށްފައިވާ ހުރިހާ ހާލަތްތަކެއްގައި ގޫގުލް ޕްލޭ އިން މޮނޮޕޮލީއެއް ގޮތަށް އަމަލުކޮށްފައިވާ ކަމަށް ކަނޑައަޅާފައި،"އެޕިކްގެ ޗީފް އެގްޒެކެޓިވް ޓިމް ސްވީނީ ވަނީ އެކްސްގައި ޕޯސްޓު ކުރައްވާފައިވެ އެވެ.
އެންޑްރޮއިޑް އެޕްލިކޭޝަންތައް އުފައްދާ ޑެވެލޮޕަރުން އަތުން ގޫގުލް އިން ނަގަމުން އަންނަ %30 ފީގެ މައްސަލަ ވެސް އެޕިކް އިން ވަނީ މި ޝަރީއަތުގައި އަލިއަޅުވާލާފަ އެވެ.
"ހުށިޔާރު، ސިއްރު، ވާދަވެރިކަން ކަނޑުވާލާ އެގްރިމަންޓުތަކެއް" ބޭނުންކޮށް، "އުފެއްދުންތެރިކަން ދަށްކޮށް، އިހްތިޔާރީ ފުރުސަތުތައް" ގޫގުލް އިން މަދުކުރަމުން އަންނަ ކަމަށް އެޕިކްގެ ދައުވާގައިވެ އެވެ.
ގޫގުލް އިން ވާދަވެރިކަން ނައްތާލުމަށް މަސައްކަތް ކުރާކަމަށް ތުހުމަތުކޮށް މިއަހަރު ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ.
ގޫގުލްގެ މައްޗަށް އުފުލި ފަދަ މައްސަލައެއް އެޕިކް އިން ވަނީ 2020ގައި އެޕަލްގެ މައްޗަށް ވެސް އުފުލާފަ އެވެ. އެ މައްސަލައިގެ ބޮޑު ބައެއް ނިމިގެން ދިޔައީ އެޕަލް އިން ކާމިޔާބު ހޯދައިގެން ނެވެ.