ލަވަކިޔުންތެރިޔާ ސޭމް ސްމިތު ސްޕޮޓިފައިގެ އިވެންޓެއްގައި.

ޓެކްނޮލޮޖީ

ސްޕޮޓިފައި އިން 1،500 މުވައްޒަފުން މަދުކުރަނީ

މުވައްޒަފުން މަދުކުރަނީ ކުންފުނީގެ ހަރަދު ކުޑަކުރުމަށް ކަމަށް ސްޕޮޓިފައި އިން ބުނޭ

ސްވީޑެންގެ މިއުޒިކް ސްޓްރީމިން ކުންފުނި ސްޕޮޓިފައި އިން ކުންފުނީގެ ހަރަދު ކުޑަކުރުމަށް މުވައްޒަފުންގެ %17 ނުވަތަ 1،500 ވަޒީފާ އުވާލަން ނިންމައިފި އެވެ.

ސްޕޮޓިފައިގެ ޗީފް އެގްޒެކެޓިވް ޑެނިއެލް އެކް ވިދާޅުވިގޮތުގައި މި "އުނދަގޫ" ފިޔަވަޅު އަޅަން ނިންމީ އިގްތިސާދީ ކުރިއެރުން ވަރަށް ބޮޑަށް މަޑުޖެހުމާ ގުޅިގެންނެވެ. 

ސްޕޮޓިފައިގައި ވަޒީފާ އަދާކުރާ 9،000 މުވައްޒަފުން ތިބި އިރު، އެކް ވިދާޅުވީ، ކުންފުނިން ވިޔަފާރި އަމާޒުތައް ހާސިލް ކުރުމަށް ހަރަދުތަކަށް ބޮޑު ބަދަލެއް ގެންނަން ޖެހިފައިވާ ކަމަށެވެ. 

އަދި ވަޒީފާތައް މަދުކުރުމަށް އަޅަން ނިންމި ފިޔަވަޅުގެ ސަބަބުން "ޓީމަށް ވަރަށް އަސަރު ކުރާނެކަން" ގަބޫލު ކުރައްވާ ކަމަށް ވެސް އެކް ވިދާޅުވި އެވެ.

"އަގުހުރި ހިދުމަތްތަކެއް ކޮށްދިން ގިނަ އަދަދެއްގެ މުވައްޒަފުންނަށް މީގެ ސަބަބުން އަސަރު ކުރާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަން. ތެދު ތެދަށް ބުނަނީ ނަމަ ވިސްނުން ތޫނު، ހުނަރުވެރި އަދި ބުރަ މަސައްކަތް ކުރާ ގިނަ ބަޔަކު އަހަރެމެންނާ ވަކިވެގެން ދާނެ،" އެކް ވިދާޅުވި އެވެ.

ސްޕޮޓިފައި އިން ވަނީ މިދިޔަ ޖޫން މަހު ވެސް 200 މުވައްޒަފުން ވަކިކޮށްފަ އެވެ.

ސެޕްޓެމްބަރު މަހަށް ނިމުނު މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ސްޕޮޓިފައިއަށް ވަނީ 65 މިލިއަން ޔޫރޯގެ ފައިދާއެއް ލިބިފަ އެވެ. އަދި މިއީ އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ކުންފުންޏަށް ފައިދާވި ފުރަތަމަ ކުއާޓަރެވެ. 

ސްޕޮޓިފައި އިން މުވައްޒަފުން މަދުކުރުމާ ގުޅޭ (ވީޑިއޯ/ސީޕީ24)

ސްޕޮޓިފައި އިން ވަނީ ކުރިއަށް އޮތް ހަ އަހަރު ދުވަހުގެ ތެރޭގައި އެއް ބިލިއަން ކަސްޓަމަރުން ހޯދުމަށް އަމާޒު ހިފާފަ އެވެ. ފާއިތުވެދިޔަ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ސްޕޮޓިފައި ބޭނުންކުރާ ކަސްޓަމަރުންގެ އަދަދު ވަނީ 345 މިލިއަނުން 601 މިލިއަނަށް އަރާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް