މެޓަ.

ސޯޝަލް މީޑިއާ

ޗައިނާގެ ނުފޫޒު ފަތުރާ 4،800 އެކައުންޓު މެޓައިން ބްލޮކުކޮށްފި

ހުޅަނގުގެ ސިޔާސީ ކަންކަމަށް ނުފޫޒު ފޯރުވުމަށް ޗައިނާ އާއި ރަޝިޔާ އިން ސޯޝަލް މީޑިއާ ބޭނުންކުރާ ކަމަށް މެޓަ އިން ބުނޭ

އެމެރިކާގެ ސިޔާސީ ކަންކަމަށް ނުފޫޒު ފޯރުވަމުންދިޔަ، ޗައިނާއާ ގުޅުން އޮންނަ 4،800 އެކައުންޓެއް މެޓައިިން ބްލޮކު ކޮށްފި އެވެ. 

ފޭސްބުކް އާއި އިންސްޓަގްރާމް ހިންގާ މެޓައިން އިއްޔެ ނެރުނު ރިޕޯޓެއްގައިވާ ގޮތުން ނުފޫޒު ފޯރުވުމަށް ހިންގަމުންދިޔަ ޗައިނާއަށް ނިސްބަތްވާ ދެ ކެމްޕެއިނެއް މިދިޔަ ކުއާޓަރުގައި ވަނީ ފާހަގަ ކުރެވިފަ އެވެ.

މެޓައިން މިހާތަނަށް ފިޔަވަޅު އަޅާފައި ވަނީ މިއިން އެއް އޮޕަރޭޝަން އަށެވެ.

"މި ހަރަކާތުގެ ފަހަތުގައި ތިބި މީހުން ވަނީ އިނގިރޭސި ބަހުން އެމެރިކާގެ ސިޔާސީ ކަންކަމާއި އެމެރިކާ-ޗައިނާ ގުޅުމާ ބެހޭ ވާހަކަތައް ޕޯސްޓުކޮށްފައި. އަދި ސޯޝަލް މީޑިއާ އެކްސްގައި މީހުން ސިޔާސީ ކަންކަމުގެ އެކި ކޮޅުކޮޅަށް ދައްކާފައި ހުރި ވާހަކަތައް މެޓަގެ ޕްލެޓްފޯމުތަކުގައި އެމީހުން ދަނީ ކޮޕީ ކުރަމުން،" މެޓައިން ބުނެފައި ވެ އެވެ.

"ނަމަވެސް މި ހަރަކާތުގެ ބޭނުމަކީ ސިޔާސީ ފިކުރުތަކުގެ މެދުގައި ނުތަނަވަސްކަން އުފެއްދުން ކަމެއް، ނުވަތަ ސިޔާސީ ސަޕޯޓަރުންގެ ބަޔަކު ދަމައިގަތުން ކަމެއް، ނުވަތަ ފޭކު އެކައުންޓުތައް ސައްހަ ކަމަށް ދައްކަން މަސައްކަތް ކުރުން ކަމެއް ޔަގީނެއް ނުވޭ."

މި އަހަރު އެކަނި ވެސް، ނުފޫޒު ފޯރުވުމަށް ޗައިނާއިން ހިންގަމުން ދިޔަ ފަސް ކެމްޕެއިނެއް ހުއްޓުވާފައިވާކަން މެޓަގެ ރިޕޯޓުގައި ފާހަގަކޮށްފައި ވެ އެވެ. ނަމަވެސް މި ކެމްޕެއިންތަކުގެ ފަހަތުގައި ވަނީ ޗައިނާ ސަރުކާރު ކަމެއް ނުވަތަ ގްރޫޕެއް ކަމެއް ނުވަތަ ވަކި މީހަކު ކަމެއް މެޓައިން ހާމަކޮށްފައެއް ނުވެ އެވެ.

މީގެ އިތުރުން ރަޝިޔާ-ޔޫކްރެއިނު ހަނގުރާމައާ ގުޅޭގޮތުން ދޮގު ވާހަކަތަކެއް ފަތުރަމުން ދިޔަ އަދި ފޭކު "މީޑިއާ" ބްރޭންޑުތަކެއް ހިންގަމުން ދިޔަ ރަޝިޔާއަށް ނިސްބަތްވާ ކެމްޕެއިންތަކެއް ވެސް ހުއްޓުވާފައިވާ ކަމަށް މެޓަގެ ރިޕޯޓުގައި ވެ އެވެ.

މެޓަގެ ރިޕޯޓު ނެރެފައި މިވަނީ އެމެރިކާގައި އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް އެކްސް އާއި ފޭސްބުކް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގެ ނާޖާއިޒު ފައިދާ ނަގާފާނެ ކަމުގެ ކަންބޮޑުވުންތައް ތިލަވެފައިވާ ދަނޑިވަޅެއްގަ އެވެ. 

މެޓައިން ޗައިނާގެ ނުފޫޒު ފޯރުވާ ކެމްޕެއިންތައް ހުއްޓުވުމާ ގުޅޭ (ވީޑިއޯ/ވިއޯން)

ބޭރު ގައުމުތަކަށް ނިސްބަތްވާ އަދާވާތްތެރިން "ސަރުކާރުގެ އިދާރާތަކަށާއި އިޖުތިމާއީ ގުޅުމަށާއި އަދި ޑިމޮކްރެޓިކް ނިޒާމުތަކުގެ އިތުބާރު ނަގާލުމަށް" އާޓިފިޝަލް އިންޓެލިޖެންސް ފަދަ ފަހުގެ ޓެކްނޮލޮޖީތައް ބޭނުން ކުރަމުންދާ ކަމަށް އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީން ވަނީ ސެޕްޓެމްބަރު މަހު އިންޒާރު ދީފަ އެވެ.

އެމެރިކާގައި 2016 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވާ، އާންމުންގެ މެދުގައި ބައިބައިވުން އުފެއްދުމަށް ރަޝިޔާއިން ސޯޝަލް މީޑިއާ ބޭނުންކޮށްފައިވާ ކަން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހާއި ސްޕެޝަލް ކައުންސެލަކުން ހިންގި ތަހްގީގެއްގެ ރިޕޯޓެއްގައި ފާހަގަކޮށްފައި ވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް