އެޕަލްގެ ސަޕްލަޔަރު ފޮކްސްކޮން އިން އިންޑިއާގެ ޓަމިލް ނާޑޫގައި ހިންގާ ފެކްޓަރީއެއް.

ޓެކްނޮލޮޖީ

ފޮކްސްކޮން އިން އިންޑިއާގައި 1.5 ބިލިއަން ޑޮލަރު އިންވެސްޓް ކުރަނީ

ފޮކްސްކޮން އިން މިހާރު ވެސް ބިޔަ އިންވެސްޓްމަންޓުތަކެއް އިންޑިއާގައި ކުރިއަށް އެބަގެންދޭ
28 ނޮވެމްބަރު 2023

"އޮޕަރޭޝަނަލް ބޭނުންތައް" ފުއްދުމަށް އިންޑިއާގެ ކޮންސްޓްރަކްޝަން ޕްރޮޖެކްޓަކަށް 1.5 ބިލިއަން ޑޮލަރު އިންވެސްޓް ކޮށްފައިވާކަން، އެޕަލް ކުންފުނީގެ އެންމެ ބޮޑު ސަޕްލަޔަރު ފޮކްސްކޮން ޓެކްނޮލޮޖީ އިން ހޯމަ ދުވަހު އިއުލާނުކޮށްފި އެވެ.

ފޮކްސްކޮން އިން އިންޑިއާގައި 1.541 ބިލިއަން ޑޮލަރު އިންވެސްޓްމަންޓެއް ކޮށްފައި ވަނީ މަހާރާޝްތުރަ ސްޓޭޓުގައި 2015 ވަނަ އަހަރު ރަޖިސްޓްރީ ކޮށްގެން ހިންގަމުން އަންނަ ފޮކްސްކޮންގެ ދަށުން އުފައްދާފައިވާ ހޮން ހައި ޓެކްނޮލޮޖީ އިންޑިއާ މެގަ ޑިވެލޮޕްމަންޓު ކުންފުނީގެ ދަށުންނެވެ.

މި އިންވެސްޓްމަންޓުގެ އަދަދަށްވާ ފައިސާ އިންޑިއާ ރުޕީސް އިން "އޮޕަރޭޝަނަލް ބޭނުންތައް" ފުއްދުމަށް ކޮންސްޓްރަކްޝަން ޕްރޮޖެކްޓަކަށް ހަރަދު ކުރުމަށް ހަމަޖެހިފައިވާ ކަމަށް، އިންޑިއާގެ އިދާރާތަކަށް ހޮން ހައި ޓެކްނޮލޮޖީ އިން ހުށައަޅާފައިވާ ލިޔެކިޔުންތަކުގައި ބުނެފައިވެ އެވެ. 

ޓައިވާނަށް ނިސްބަތްވާ ފޮކްސްކޮން އަކީ އެމެރިކާގެ އެޕަލް ކުންފުނީގެ އެންމެ މުހިންމު އެއް ސަޕްލަޔަރެވެ. ފޮކްސްކޮން އިން އެޕަލްގެ ގިނަ ސާމާނުތަކެއް އުފައްދަމުން އަންނަނީ ޗައިނާގައި ގާއިމުކޮށްފައިވާ ކާރުހާނާތަކުގަ އެވެ. ކޮވިޑް-19 ލޮކްޑައުންތަކާ ގުޅިގެން ފޮކްސްކޮންގެ ކާރުހާނާތަކަށް ގޮންޖެހުންތައް ކުރިމަތިވެ އެޕަލްގެ އައިފޯނު އުފެއްްދުމަށް ބޮޑެތި ހުރަސްތައް ކުރިމަތިވި އެވެ.

މި ގޮންޖެހުންތަކާއި ޗައިނާ-ޓައިވާނު މައްސަލައާ ގުޅިގެން ފޮކްސްކޮން ފަދަ އެޕަލްގެ ބޮޑެތި ސަޕްލަޔަރުން އަންނަނީ ޗައިނާއަށް ބަރޯސާވުމާ މެދު ވިސްނަމުންނެވެ. 

ފޮކްސްކޮން އިން އިންޑިއާގައި 1.5 ބިލިއަން ޑޮލަރު އިންވެސްޓް ކުރުމާ ގުޅޭ (ވީޑިއޯ/ވިއޯން)

ފޮކްސްކޮން އިން ވަނީ މިހާތަނަށް ގިނަ ޕްރޮޖެކްޓުތަކެއް އިންޑިއާގައި ފެށުމަށް އިއުލާނު ކޮށްފަ އެވެ. މީގެ ތެރޭގައި ކަރްނާޓަކާ ސްޓޭޓުގައި 600 މިލިއަން ޑޮލަރު އަދި ޓެލަންގާނާ ސްޓޭޓުގައި 500 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ހިމެނެ އެވެ.

ނަމަވެސް ފޮކްސްކޮން އިން ވަނީ އިންޑިއާގެ ކުންފުންޏަކާ އެކު ޗިޕު އުފެއްދުމަށް ހަދާފައި އޮތް 19.5 ބިލިއަން ޑޮލަރުގެ އެއްބަސްވުމަކުން މިފަހުން ވަކިވެފަ އެވެ. މި އެއްބަސްވުން ދޫކޮށްލީ ދެ ފަރާތުން ވެސް އެގޮތަށް ބޭނުންވެގެން ކަމަށާއި އިންޑިއާގައި ޗިޕު އުފެއްދުމަށް އަދިވެސް ޝައުގުވެރިކަން ހުރި ކަމަށް ފޮކްސްކޮން އިން ވަނީ ބުނެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް