ބައިޓްޑާންސް.

ޓިކްޓޮކް ހިންގާ ބައިޓްޑާންސް ކުންފުނިން ގޭމިންގް ވަޒީފާތައް މަދުކުރަނީ

ގޭމިންގް ސިނާއަތުގައި ބައިޓްޑާންސް އަށް މާ ބޮޑު ކުރިއެރުންތަކެއް ހޯދިފައެއް ނުވޭ
28 ނޮވެމްބަރު 2023

ޓިކްޓޮކް ހިންގަމުން އަންނަ ބައިޓްޑާންސް ކުންފުނިން ގޭމިންގް ޑިވިޝަންގެ ވަޒީފާތައް މަދުކުރަން ނިންމާފައިވާކަން އިއުލާނުކޮށްފި އެވެ.

ގޭމިންގް ސިނާއަތުގައި ފައި ހިއްޕާލާފައިވާ ވަރުގަދަ ޓެންސެންޓް ކުންފުންޏާ ވާދަކުރުމަށް ބެއިޖިންގް އަށް ނިސްބަތްވާ ބައިޓްޑާންސް ކުންފުނިން އެ ސިނާއަތަށް ވަދެފައި ވަނީ 2019 ގަ އެވެ. ނަމަވެސް ގޭމިންގް މާކެޓުގައި ބައިޓްޑާންސް އަށް މާ ބޮޑު ކުރިއެރުންތަކެއް ލިބިފައެއް ނުވެ އެވެ.

ގޭމިންގް ޑިވިޝަންގެ ވަޒީފާތައް މަދުކޮށް މިހާތަނަށް ލޯންޗުކޮށްފައި ނުވާ ގޭމުތައް ކުރިއަށް ނުގެންދިޔުމަށާއި 'ކްރިސްޓަލް އޮފް އެޓްލަން އެންޑް އާތު، ރިވައިވަލް' ފަދަ މިހާރު ވެސް ކަސްޓަމަރުން ކުޅެމުން އަންނަ ގޭމުތައް ކުރިއަށް ގެންދިޔުމަށް ބައިޓްޑާންސް އިން ވަނީ ނިންމައިފަ އެވެ. 

އަދި މި ނިންމުންތަކުގެ ސަބަބުން ކުންފުނީގެ އެތައް ސަތޭކަ މުވައްޒަފުންނަށް އަސަރު ކުރާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

ބީބީސީ މައުލޫމާތު ދެއްވި ބައިޓްޑާންސް ކުންފުނީގެ ތަރުޖަމާނެއް ވިދާޅުވީ އެ ކުންފުނިން އަބަދު ވެސް ވިޔަފާރި މުރާޖާ ކުރަމުން އަންނަ ކަމަށާއި، "ގޭމިންގް ވިޔަފާރިއަށް ބަދަލުތައް ގެނައުމުގެ އުނދަގޫ ނިންމުން" ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

ބައިޓްޑާންސް ކުންފުނިން ގޭމިންގް ޑިވިޝަނަށް ބަދަލުތައް ގެނައުމާ ގުޅޭ (ވީޑިއޯ/ޓިކްޓޮކް)

ގްރޭންޑް ވިއު ރިސާޗް ކޮންސަލްޓިން ކުންފުނިން ކުރިއަށް ގެންދިޔަ ދިރާސާއެއް ދެއްކި ގޮތުގައި، ދުނިޔޭގެ އޮންލައިން ވީޑިއޯ ގޭމް މާކެޓުގެ އަގު މިދިޔަ އަހަރު ހުރީ 217 ބިލިއަން ޑޮލަރުގަ އެވެ.

މީގެ 11 އަހަރު ކުރިން 2012ގައި ވުޖޫދުވި ބައިޓްޑާންސް ކުންފުނީގެ އެންމެ މަގުބޫލު ވިޔަފާރި އަކީ ކޮންމެ މަހަކު 1.1 ބިލިއަން ކަސްޓަމަރުން ބޭނުން ކުރަމުން އަންނަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓިކްޓޮކް އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް