މަގާމުން ވަކިކުރި އޯޕެންއޭއައި ކުންފުނީގެ ސީއީއޯ ސޭމް އޯލްޓްމަން
ޗެޓްޖީޕީޓީ އުފެއްދި އޯޕެންއޭއައި ކުންފުނީގެ ސީއީއޯ މަގާމުން ވަކިކޮށްފި
ކުންފުނި ހިންގިދާނެކަމުގެ ގާބިލުކަމާ މެދު އޮތް އިތުބާރު ގެއްލި އޯޕެންއޭއައިގެ ބޯޑުން އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ސޭމް އޯލްޓްމަން މަގާމުން ވަކިކޮށްފި އެވެ.
މަޝްހޫރު އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ހިދުމަތް ޗެޓްޖީޕީޓީ އީޖާދުކުރި އޯޕެންއޭއައި ކުންފުނީގެ ބޯޑުން ބުނީ އޯލްޓްމަން މަގާމުން ވަކިކުރުމުގެ ސަބަބުތަކުގެ ތެރޭގައި އޭނާއާ މުވާސަލާތުކުރުން އުނދަގޫވުން ހިމެނޭ ކަމަށެވެ. މިއާ އެކު އޭނާ އަދާކުރަން ޖެހޭ ޒިންމާތަކަށް ހުރަސް އެޅޭކަމަށް ވެސް ބޯޑުން ބުންޏެވެ.
މީގެ އަށް އަހަރު ކުރިން 2015ގައި އޯޕެންއޭއައި ލޯންޗުކުރުމަށް މިހާރު 38 އަހަރުގެ އޯލްޓްމަން ވަނީ ބޮޑު ދައުރެއް އަދާކުރައްވައިފަ އެވެ.
އޯޕެންއޭއައިގެ ބޯޑުން ނެރެނު ބަޔާނުގައި ބުނީ އޯލްޓްމަންގެ މަސައްކަތްތަކަށް ޝުކުރު އަދާކުރާ ކަމަށާއި ކުންފުންޏަށް އާ ލީޑާޝިޕެއް ބޭނުންވާ ކަމަށެވެ.
މަގާމުން ވަކިކުރުމާ ގުޅޭ ގޮތުން އޯލްޓްމަން ސޯޝަލް މީޑިއާގައި ވިދާޅުވި ގޮތުގައި ކުންފުނީގައި ހޭދަކުރެއްވި ވަގުތު ވަރަށް އުފާވެރި އެވެ.
"އަހަންނަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައި [މި ތަޖުރިބާއިން]، އަދި އުއްމީދު ކުރަނީ ދުނިޔެއަށް ވެސް ބަދަލުތަކެއް ކުޑަކޮށް އަންނާނެ ކަމަށް. އެންމެ ހިތްހަމަ ޖެހުނީ ހުނަރުވެރިންނާ އެކު މަސައްކަތް ކުރުން،" އޯލްޓްމަން ލިޔުއްވި އެވެ.
އޯލްޓްމަން ވަކިކުރި ބޯޑު ބައްދަލުވުމުގައި އޯޕެންއޭއައި އުފެއްދުމުގައި ބައިވެރިވި އަނެއް ބާނީ ކަމުގައިވާ ގްރެގް ބްރޮކްމަން ވެސް ވަނީ ކުންފުނީގެ ބޯޑުން ވަކިކޮށްފަ އެވެ.
އޭއައި ސިނާއަތުގެ ރޭހުގައި އެންމެ ކުރީގައި ވާދަކުރަމުން އަންނަ އޯޕެންއޭއައިގެ އޯލްޓްމަން އާންމުންގެ މެދުގައި މަގްބޫލުވެފައި ވަނީ އޭއައި ސިނާއަތުގެ މޫނުގެ ގޮތުގަ އެވެ. އޭނާ ވަނީ އޭއައިއާ ބެހޭ ގޮތުން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި އޮތް ބައްދަލުވުމުގައި ވެސް ވާހަކަ ދައްކަވައިފަ އެވެ.
އޯޕެންއޭއައިގެ އެންމެ ބޮޑު އިންވެސްޓަރު ކަމުގައިވާ މައިކްރޮސޮފްޓުން ވަނީ އެ ކުންފުންޏަށް ބިލިއަނުން ހޭދަކޮށްފަ އެވެ. އަދި އެ ކުންފުނީގެ ހިއްސާ ވިއްކުމުގެ ވާހަކަތަކެއް މި ފަހުން ތިލަވެގެން ދިޔަ އިރު ކުންފުނީގެ އަގު 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ވެސް ލަފާކުރި އެވެ.