ފޯޓްނައިޓް
ފޯޓްނައިޓް އުފައްދާ އެޕިކް ގޭމްސް އިން ގޫގުލް ގޮވައިގެން ކޯޓަށް ހިނގައްޖެ
މަޝްހޫރު ވީޑިއޯ ގޭމް ފޯޓްނައިޓް އުފައްދާ އެޕިކް ގޭމްސް އިން ގޫގުލްއާ ދެކޮޅަށް ކޯޓަށް މައްސަލައެއް ވައްދައިފި އެވެ.
ގޫގުލްގެ ޕްލޭ ސްޓޯރުގައި އެޕްލިކޭޝަންތަކަށް ކަސްޓަމަރުން ހަރަދު ކުރާ ފައިސާގެ %30 ގޫގުލް އިން ނަގައި، މޮނޮޕޮލީއެއް ގޮތަށް އަމަލު ކުރަމުންދާ ކަމަށް އެޕިކް ގޭމްސް އިން ވަނީ ތުހުމަތު ކޮށްފަ އެވެ.
އަދި 1998 ވަނަ އަހަރު ގޫގުލް އުފެދިގެން އައި އިރު އެ ކުންފުނިން ގެންގުޅުނު "ނުލަފާ ނުވާށޭ" މޮޓޯ ދޫކޮށްލާފައިވާ ކަމަށް ވެސް އެޕިކް ގޭމްސް އިން ތުހުމަތުކޮށްފައިވެ އެވެ.
ރައްދުގައި ގޫގުލް އިން ބުނީ އެންޑްރޮއިޑް ފޯނުތަކަށް އެޕްލިކޭޝަންތައް ޑައުންލޯޑް ކުރެވިދާނެ ބައިވަރު ގޮތްތަކެއް ހުރި ކަމަށެވެ.
މޮނޮޕޮލީއެއް ގޮތަށް އަމަލު ކުރަމުންދާ ކަމަށް ކުރާ ތުހުމަތުތަކަށް ރައްދުދީ ގޫގުލް އިން ވަނީ އެޕްލިކޭޝަން ސްޓޯރު ވިޔަފާރީގައި އެޕަލްއާ ވާދަކުރަމުންދާ ކަމަށް ތަކުރާރުކޮށް އަހަރުތަކެއް ވަންދެން ބުނަމުން އައިސްފަ އެވެ.
އެޕިކް އިން ކޯޓަށް ހުށައެޅި މައްސަލައިގެ އިތުރުން އިންޓަނެޓް ސާޗު ކުރުމުގައި ވެސް ގޫގުލް އިން މޮނޮޕޮލީއެއް ގޮތަށް އަމަލު ކުރަމުންދާ ކަމަށް ތުހުމަތުކޮށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އަންނަނީ ވޮޝިންޓަންގެ ކޯޓެއްގައި ގޫގުލްއާ ދެކޮޅަށް މައްސަލައެއް ކުރިއަށް ގެންދަމުން ނެވެ.
ގޫގުލްއާ ދެކޮޅަށް ކޯޓަށް ވެއްދި މައްސަލައާ ދާދި އެއްގޮތް މައްސަލައެއް އެޕިކް ގޭމްސް އިން ވަނީ އެޕަލް އާ ދެކޮޅަށް ވެސް 2021 ވަނަ އަހަރު ކޯޓަށް ވައްދައިފަ އެވެ.
އެ މައްސަލާގައި އެޕަލް އިން މޮނޮޕޮލީއެއް ގޮތަށް އަމަލު ކުރަމުންދާ ކަމަށް ސާބިތު ނުވި ނަމަވެސް، އެޕްލިކޭޝަންތަކުގެ ވެބްސައިޓަށް ދެވޭނެ ފުރުސަތު ކަސްޓަމަރުންނަށް ފަހިކޮށްދެވިދާނެ ކަމަށް ގާޒީ ވަނީ ނިންމަވާފަ އެވެ.
މިއާ އެކު ކަސްޓަމަރުންނަށް އެޕަލްގެ އެޕް ސްޓޯރުން ބޭރުވެ އެޕްލިކޭޝަންތަކުގެ އަމިއްލަ ވެބްސައިޓު މެދުވެރިކޮށް ފައިސާ ދައްކާނެ ފުރުސަތު ފަހިވެގެން ގޮސްފައިވެ އެވެ.