
މިއަހަރުގެ މޭމަހު ޗައިނާގެ ވޫހާންގައި އޮތް އޮޓޯ ޝޯގައި ނިއޯ ކުންފުނީގެ އީޓީ5 ކާރު ދައްކާލާފައި.
ޓެސްލާއާ ވާދަކުރާ ޗައިނާގެ ނިއޯ ކުންފުނިން %10 މުވައްޒަފުން މަދުކުރަނީ
އިލެކްޓްރިކް ކާރު އުފައްދާ ޗައިނާގެ ނިއޯ ކުންފުނިން، "ވާދަވެރިކަން ބޮޑުވުމުގެ" ސަބަބުން %10 މުވައްޒަފުން މަދުކުރަން ނިންމާފައިވާ ކަމަށް އެ ކުންފުނީގެ ސީއީއޯ ވިލިއަމް ލީ އިއްޔެ ވިދާޅުވެއްޖެ އެވެ.
ނިއޯ އިން ވަޒީފާތައް މަދު ކުރުމަށް ނިންމާފައި ވަނީ މި މަހުގެ ނިޔަލަށެވެ.
ވަޒީފާތައް މަދުކުރާކަން ހާމަކުރައްވަމުން ނިއޯގެ ސީއީއޯ ލީ މުވައްޒަފުންނަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ، ކުރިއަށް އޮތް ދެ އަހަރު ކާރު އުފައްދާ ސިނާއަތުގައި އޮތް ވާދަވެރިކަމާއި ގޮންޖެހުންތައް ވަރަށް ބޮޑުވެގެން ދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރުދުވަހަށް ތައްޔާރުކޮށްފައިވާ އޮޕަރޭޓިން ޕްލޭން ކުންފުނިން ބަލަމުން ގޮސްފައިވާ ކަމަށާއި، ވިޔަފާރިއަށް އެންމެ ފައިދާ ކުރާނެ ގޮތްތައް ދެނެގަނެވިފައިވާ ކަމަށް ލީ ވިދާޅުވި އެވެ.
ކުރިއަށް އޮތް ތިން އަހަރުދުވަހު ކުންފުނީގެ މާލީ ހިސާބުތަކަށް ފައިދާ ނުކުރާނެ ހުރިހާ ޕްރޮޖެކްޓުތަކެއް ދޫކޮށްލައި ކުންފުނީގެ މައިގަނޑު އުފެއްދުންތައް ތާވަލުކޮށްފައިވާ ވަގުތަށް މާކެޓަށް ނެރެ، ޓެކްނޮލޮޖީއަށް އިންވެސްޓު ކުރުމަށް އަމާޒު ހިފާފައިވާކަން ލީ ފާހަގަކުރައްވާފައިވެ އެވެ.
"މި ބަދަލުތަކާ ގުޅިގެން އަސަރު ކުރާނެ މުވައްޒަފުންގެ ފަރާތުން މައާފަށް އެދެން. ވާދަވެރިކަން ބޮޑުވުމުގެ ސަބަބުން މިއީ އުނދަގޫ، އެކަމަކު ވެސް އަޅަން މަޖުބޫރު ފިޔަވަޅެއް،" އެ ސިޓީގައިވެ އެވެ.
ޗައިނާގައި އޮޕަރޭޓު ކުރަމުން އަންނަ ގިނަ އިލެކްޓްރިކް ވެހިކަލް ކުންފުނިތަކެކޭ އެއްގޮތަށް ނިއޯގެ ވިޔަފާރިއަށް ވެސް ވަނީ ޑިމާންޑު ދަށްވުމުގެ އަސަރުކޮށްފަ އެވެ. އަދި ޓެސްލާގެ ވެރިޔާ އީލޮން މަސްކު އެ ކުންފުނީގެ ކާރުގެ އަގުތައް ދަށްކުރަން ފެށުމުގެ ސަބަބުން މި ސިނާއަތުގައި ވާދަވެރިކަން ވަނީ ވަރަށް ބޮޑުވެފަ އެވެ.
ޑިމާންޑު މަތިކުރުމަށް މަސްކު ޓެސްލާގެ ކާރުތަކުގެ އަގުތައް ދަށް ކުރަން ފައްޓަވާފައި ވަނީ މިދިޔަ އަހަރު އެވެ. އެއާ އެކު، ވާދަވެރި ކުންފުނިތަކަށް ވެސް ވަނީ ކާރުގެ އަގުތައް ދަށް ކުރުމަށް މަޖުބޫރުވެފަ އެވެ.
ނިއޯ ކުންފުންޏަށް އަދި ފައިދާއެއް ވެފައި ނުވި ނަމަވެސް، މިދިޔަ މަހު އެ ކުންފުނިން ވަނީ 16،074 ކާރު ޑެލިވަރީކޮށްފަ އެވެ. މިއީ އޭގެ ކުރީ މަހާ އަޅާބަލާއިރު ތަންކޮޅެއް މަތި އަދި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާ އަޅާބަލާއިރު %60 އިތުރު އަދަދެކެވެ.