ސެމީކޮންޑަކްޓާ ޗިޕެއް.
ޓައިވާނުގެ ޗިޕު ކުންފުންޏަކުން ޖަޕާނުގައި ކާރުހާނާއެއް އަޅަނީ
ޓައިވާނުގެ ޕަވާޗިޕް ސެމީކޮންޑަކްޓާ މެނުފެކްޗަރިންގް ކޯޕަރޭޝަން (ޕީއެސްއެމްސީ) އާއި ޖަޕާނުގެ އެސްބީއައި ހޯލްޑިންގްސް އިން ޖަޕާނުގައި 5.3 ބިލިއަން ޑޮލަރުގެ ޗިޕު އުފައްދާ ކާރުހާނާއެއް އެޅުމަށް ނިންމާފައިވާ ކަމަށް އިއުލާނުކޮށްފި އެވެ.
ޖަޕާނުގެ އުތުރުގައިވާ މިޔާގީ ޕްރީފެކްޗާގައި ގާއިމު ކުރާ މި ކާރުހާނާގެ ބިނާކުރުމުގެ ފުރަތަމަ މަރުހަލާގައި 3 ބިލިއަން ޑޮލަރާ ގާތް ކުރާ އަދަދަކަށް ހަރަދު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
އަދި މި ފައިސާގެ ދެބައި ކުޅަ އެއްބައި ޕީއެސްއެމްސީ އާއި އެސްބީއައި ހޯލްޑިންގް އިން އިންވެސްޓު ކުރުމަށް ނިންމާފައިވާ އިރު، ބާކީ ފައިސާ އިންވެސްޓް ކުރަނީ އެތެރެ އާއި ބޭރުގެ އިންވެސްޓަރުން ކަމަށާއި ސަރުކާރުގެ އެހީތެރިކަން ވެސް ލިބޭ ކަމަށް މި ދެ ކުންފުނިން ވަނީ ބުނެފަ އެވެ.
ޖަޕާނުގެ ސެމީކޮންޑަކްޓާ ސިނާއަތް ވަރުގަދަ ކުރުމަށް ޓޯކިޔޯގެ ސަރުކާރުން އަންނަނީ މަސައްކަތްތަކެއް ކުރަމުން ނެވެ. އަދި ބައިނަލްއަގްވާމީ ގޮތުން ގައުމުތަކުގެ މެދުގައި ޗިޕު ޓެކްނޮލޮޖީއާ ގުޅޭ ވާދަވެރިކަން ވަނީ ވަރަށް ބޮޑުވެފަ އެވެ. އެގޮތުން އެެމެރިކާއިން އިން ވެސް އަންނަނީ އެގައުމުގެ ޗިޕު އުފައްދާ ސިނާއަތް ވަރުގަދަ ކުރުމަށް މަސައްކަތްތަކެއް ކޮށް، އެކަމާ ބެހޭ ޓެކްނޮލޮޖީތައް ޗައިނާ ފަދަ ވާދަވެރި ގައުމުތަކަށް ބޭރު ނުވާނެ ގޮތަށް ފިޔަވަޅުތައް ބައްޓަން ކުރަމުން ނެވެ.
ޖަޕާނުގައި އަލަށް ގާއިމުކުރުމަށް ނިންމާފައިވާ މި ކާރުހާނާގައި 28، 40 އަދި 55 ނެނޯމީޓަރުގެ ޗިޕުތައް ތައްޔާރު ކުރާނެ އެވެ. މި ކެޓަގަރީތަކުގެ ޗިޕުތަކަކީ ސްމާޓްފޯނު ފަދަ އާލާތްތަކަށް ބޭނުންވާ މިންގަނޑަށް ވުރެ ދަށް ފެންވަރުގެ ޗިޕުތަކެއް ނަމަވެސް އޮޓޮމޯޓިވް ސިނާއަތުގެ ކާރު އުފައްދާ ކުންފުނިތަކަށް މި ޗިޕުތައް ބޭނުން ކުރެވޭނެ އެވެ.
ޖަޕާނަކީ ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް ކާރު އުފައްދާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ހޮންޑޯ އާއި ޓޮޔޯޓާ ކުންފުނި ނިސްބަތްވާ ގައުމެވެ.
އެކި ސިނާއަތްތަކާ ގުޅޭ ކާރުހާނާތައް ޖަޕާނުގައި ގިނަ ކުރުމަށް ޓޯކިޔޯގެ ސަރުކާރުން އަންނަނީ އިންވެސްޓު ކުރަން ބޭނުންވާ ފަރާތްތަކަށް ލުއިތަކެއް ދެމުން ނެވެ.
އެގޮތުން އެމެރިކާގެ މެމޮރީ ޗިޕު އުފައްދާ މައިކްރޮން ކުންފުނިން ވަނީ ކުރިއަށް އޮތް މަދު އަހަރެއްގެ ތެރޭ ޖަޕާނުގައި 3 ބިލިއަން ޑޮލަރު އިންވެސްޓް ކުރާނެކަމަށް މިއަހަރުގެ މޭ މަހު އިއުލާނުކޮށްފަ އެވެ.