އެމެޒޯންގެ އިދާރާ މައި އޮފީސްގެ ލޮބީ.
އެމެޒޯންގެ ވިޔަފާރި ރަނގަޅުވެ އާމްދަނީ %13 މައްޗަށް ޖެހިލައިފި
މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި އެމެޒޯންއަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރާ އަޅާބަލާއިރު %13 އިތުރުވެ، 143.1 ބިލިއަން ޑޮލަރަށް އަރައިފި އެވެ.
އާމްދަނީ އިތުރުވުމުގެ އިތުރުން ކުންފުންޏަށް ލިބުނު ފައިދާ ވެސް އަންދާޒާތަކަށް ވުރެ އިތުރުވެ 9.9 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް އެމެޒޯން އިން ވަނީ ރިޕޯޓުކޮށްފަ އެވެ.
އެމެޒޯންގެ ދަށުން ހިންގަމުން އަންނަ އެކި ވިޔަފާރިތަކުގެ ތެރެއިން އަބަދުވެސް އެންމެ ބޮޑު ފައިދާއެއް ހޯދާ އެމެޒޯން ވެބް ސާވިސަސްގެ އާމްދަނީ ތިން ވަނަ ކުއާޓަރުގައި ވަނީ %12 ކުރިއަރައި 23.1 ބިލިއަން ޑޮލަރަށް އިތުރުވެފަ އެވެ. އަދި މިދިޔަ އަހަރާ އަޅާ ބަލާއިރު، އިޝްތިހާރުކޮށްގެން މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި ލިބުނު އާމްދަނީ ވަނީ %26 އިތުރުވެ 12.1 ބިލިއަން ޑޮލަރަށް އަރާފަ އެވެ.
އެމެޒޯންގެ ވިޔަފާރި އެންމެ ރަނގަޅު އުތުރު އެމެރިކާ ބައްރުގެ މާކެޓުގެ އާމްދަނީ ވެސް ވަނީ ކުރީ އަހަރާ އަޅާބަލާއިރު %11ގެ ކުރިއެރުމެއް ހޯދައި 87.9 ބިލިއަން ޑޮލަރަށް އަރާފަ އެވެ.
އެމެޒޯން އިން ތިން ވަނަ ކުއާޓަރުގެ މާލީ ހިސާބުތައް އާންމުކުރުމާ އެކު، ކުންފުނީގެ ހިއްސާގެ އަގު ވަނީ ބުރާސްފަތި ދުވަހު %3 މައްޗަށް ޖެހިލާފަ އެވެ. މި އަހަރު އެކަނި ވެސް އެމެޒޯންގެ ހިއްސާގެ އަގު ވަނީ %40 މައްޗަށް އަރާފަ އެވެ.
އެމެޒޯންގެ ވިޔަފާރި ރަނގަޅުވެފައި މިވަނީ މިދިޔަ އަހަރު ޓެކްނޮލޮޖީ ސިނާއަތަށް ހީނަރުކަން ކުރިމަތިވެ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުން ހަރަދު ކުޑަކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައި ވަނިކޮށެވެ.
އެމެޒޯން އިން އެކަނި ވެސް ހަރަދުތައް މަދު ކުރުމަށް މިދިޔަ ޖެނުއަރީ މަހު 18،000 މުވައްޒަފުން އަދި މާޗު މަހު 9،000 މުވައްޒަފުން ވަކިކުރާނެ ކަމަށް އިއުލާނުކޮށްފައިވެ އެވެ.