ސްޕައިޑަ-މޭން 2

ގޭމިން

އެންމެ ހަލުވިކަމާ އެކު ވިކުނު ޕްލޭސްޓޭޝަން ގޭމަކަށް ސްޕައިޑަ-މޭން 2 ވެއްޖެ

މި ގޭމަށް ގިނަ ކަސްޓަމަރުން ވަނީ ތައުރީފުކޮށްފައި
27 އޮކްޓޯބަރު 2023

ޕްލޭސްޓޭޝަން އިން މިހާތަނަށް ނެރުނު އެންމެ ހަލުވިކަމާ އެކު ވިކުނު ގޭމަކަށް މިފަހުން ރިލީޒްކުރި ސްޕައިޑަ-މޭން 2 ވެއްޖެ ކަމަށް ސޮނީ އިން ބުނެފި އެވެ.

ސްޕައިޑަ-މޭން 2 ނެރުނުތާ 24 ގަޑިއިރު ތެރޭ އެ ގޭމުގެ 2.5 މިލިއަން ކޮޕީ ޑިޖިޓަލް ކޮށް ވިކިފައިވާ ކަމަށް ބްލޮގް ޕޯސްޓެއްގައި ސޮނީ އިން ވަނީ ބުނެފަ އެވެ.

ޕްލޭސްޓޭޝަންގެ ދަށުން ހިންގަމުން އަންނަ އިންސޮމްނިއެކް ގޭމްސް އިން ހަދައި މިދިޔަ ހުކުރު ދުވަހު ނެރުނު މި ގޭމަށް ކަސްޓަމަރުން އަންނަނީ ވަރަށް ބޮޑަށް ތައުރީފު ކުރަމުންނެވެ. 

ނަމަވެސް މި ގޭމުގެ މައިގަނޑު ވާހަކަ ދިގުވެ، އެ ނިންމުމަށް 15 ގަޑި އިރު ނަގާތީވެ ބައެއް ކަސްޓަމަރުން ވަނީ އެކަމަށް ފާޑުކިޔާފަ އެވެ. މައިގަނޑު ވާހަކަ ނުހިމަނާ މި ގޭމުގައި ސައިޑް ކޮންޓެންޓުގެ ގޮތުގައި 40 ގަޑިއިރު ހިމެނެ އެވެ. މިއީ ވީޑިއޯ ގޭމެއްގައި އާންމުކޮށް ހުންނަ ދިގުމިނެވެ. 

ނަމަވެސް މި އަހަރު ނެރުނު ބަލްދޫރްސް ގޭޓް 3 ފަދަ ބައެއް މަދު ގޭމެއް އެތައް ސަތޭކަ ގަޑި އިރެއް ވަންދެން ކުޅެވިދާނެ އެވެ.

އިންސޮމްނިއެކް ގޭމްސް އިން ހުކުރު ދުވަހު ނެރުނު ގޭމަށް ސްޕައިޑަމޭން-2ގެ ނަންދީފައިވީ ނަމަވެސް މިއީ މި ސީރީސްގެ ތިންވަނަ ގޭމެވެ. މި ސީރީސްގެ ފުރަތަމަ ދެ ބައި ރިލީޒްކޮށްފައި ވަނީ 2018 އަދި 2020ގަ އެވެ.

ކުރީގެ ގޭމުތަކެކޭ އެއްގޮތަށް މިފަހަރުގެ ވާޝަންގައި ވެސް ދައްކުވައިދެނީ އެމެރިކާގެ ނިއު ޔޯކް އެވެ. ނަމަވެސް ކުރިއާ ހިލާފަށް މިފަހަރު ކަސްޓަމަރުން ބޭނުމިއްޔާ މައި ކެރެކްޓާގެ ގޮތުގައި ޕީޓާ ޕާކާ ނުވަތަ މައިލްސް މޮރާލެސް އިހްތިޔާރު ކުރެވިދާނެ އެވެ. 

ސްޕައިޑަ-މޭން 2ގެ ޓްރެއިލާ (ވީޑިއޯ/ޕްލޭސްޓޭޝަން)

"ގޭމު ކުޅޭ ތަޖުރިބާ އީޖާދުކުރުވަނިވި ޝައުގުވެރިވާ ގޮތަކަށް ގެނެސް ދިނުމަށް އިންސޮމްނިއެކް ގޭމްސް އިން ވަރަށް މަތީ ފެންވަރުގެ ހަރުފަތްތަކެއްގައި ހިފަަހައްޓާ،" ޕްލޭސްޓޭޝަން ވިޔަފާރީގެ އޮޕަރޭޝަންތަކުގެ ވެރިޔާ އެރިކް ލެމްޕެލް ވިދާޅުވި އެވެ.

"އަހަރެން ފޭނުންނަށް ޝުކުރު އަދާކުރަން ބޭނުން. އަހަރެމެން ހަގީގަތުގައި ވެސް އުއްމީދު ކުރަން ޕީޓާ އާއި މައިލްސްއާ އެކު މި ގޭމު ކުޅުމަށް ތިޔަ ބޭފުޅުން ހިތްއެދޭނެ ކަމަށް." 

އިތުރު އާޓިކަލް

އިތުރު އާޓިކަލް