ގޫގުލް

ގޫގުލް

ވާދަކުރުމާ ގުޅޭ ގާނޫނުތަކާ ހިލާފުވިކަމުގެ ތުހުމަތުގައި ޖަޕާނުން ގޫގުލް ތަހްގީގުކުރަނީ

ނަހަމަ ގޮތުގައި އެންޑްރޮއިޑްގެ މަގުބޫލުކަން ބޭނުން ކުރަމުންދާ ކަމަށް އެކި ގައުމުތަކުން ގޫގުލްގެ މައްޗަށް ތުހުމަތުކޮށްފައިވޭ
23 އޮކްޓޯބަރު 2023

މޯބައިލް ޕްލެޓްފޯމްތަކުގައި ސާޗު ކުރުމާ ގުޅޭ ކަންކަން ގޫގުލް އިން ބައްޓަންކޮށްފައި ވަނީ އެންޓިޓްރަސްޓް ގާނޫނުތަކާ ހިލާފަށް ކަމަށް ޖަޕާނުގެ ވިޔަފާރީގެ ވާދަވެރިކަމާ ބެހޭ ވުޒާރާއިން މިއަދު ތުހުމަތުކޮށްފި އެވެ.

ފޯނު އުފައްދާ ކުންފުނިތަކުން ވާދަވެރި ސާޗް އިންޖީންތައް އެންޑްރޮއިޑް ފޯނުތަކުގައި ނުހިމަނާ ނަމަ އިޝްތިހާރުކޮށްގެން ލިބޭ އާމްދަނީގެ ބައެއް އެ ކުންފުނިތަކާ ހިއްސާކުރުމަށް ގޫގުލް އިން އެއްބަސްވުންތަކެއް ހަދާފައިވާ ކަމަށް ކުރެވޭ ތުހުމަތު ތަހްގީގު ކުރަމުން އަންނަ ކަމަށް ޖަޕާން ފެއާ ޓްރޭޑް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އެންޑްރޮއިޑް ފޯނުތަކުގައި ގޫގުލްގެ ހިދުމަތްތައް ހާއްސަކޮށްފައިވޭތޯ ވެސް އެ ކޮމިޝަނުން އަންނަނީ ބަލަމުންނެވެ.

އަދި ތިންވަނަ ޕާޓީތަކުން މިކަމާ މެދު ދެކޭގޮތް 22 ނޮވެމްބަރުގެ ކުރިން ކޮމިޝަނަށް އެންގުމަށް ވެސް ޖަޕާނުގެ އެފްޓީސީއިން ވަނީ އެދިފަ އެވެ.

މި ތަހްގީގަށް ރައްދުދީ ގޫގުލް އިން ބުނީ އެންޑްރޮއިޑް އަކީ "އެކި ވައްތަރުތަކުގެ" ޕާޓްނަރުންނާއި އާލާތްތައް އުފައްދާ ފަރާތްތަކަށް "ހުޅުވާލާފައިވާ ޕްލެޓްފޯމްއެއް" ކަމަށެވެ. އަދި ބްރައުޒް ކުރުމާއި، ސާޗު ކުރުމާއި، އެޕްތައް ޑައުންލޯޑު ކުރުމަށް ކޮންމެ ކަސްޓަމަރަކު ބޭނުން ކޮންމެ ހިދުމަތެއް އިހްތިޔާރު ކުރެވިދާނެ ކަމަށް ވެސް ގޫގުލްގެ ތަރުޖަމާނެއް ސީއެންބީސީއަށް ފޮނުއްވި އީމެއިލްއެއްގައި ބުންޏެވެ.

ގޫގުލްގެ އެންޑްރޮއިޑަކީ ދުނިޔޭގެ އެންމެ ގިނަ އާލާތްތަކެއްގައި ބޭނުންކުރަމުން އަންނަ މޯބައިލް އޮޕަރޭޓިން ސިސްޓަމް އެވެ. ސްމާޓްފޯނު މާކެޓުގައި އެންޑްރޮއިޑްގެ ހިއްސާ އުޅޭނީ ގާތްގަނޑަކަށް %80ގަ އެވެ.

ގޫގުލް އިން ގެންގުޅޭ ވިޔަފާރީގެ އުކުޅުތަކާ ގުޅިގެން، ދުނިޔޭގެ އެކި ގައުމުތަކުގެ ރެގިއުލޭޓަރުން ވަނީ ފާއިތުވެދިޔަ އަހަރުތަކުގައި ގޫގުލްއަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. 

އަދި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަނީ އެންޑްރޮއިޑްގެ ބާރު ގޫގުލް އިން ނަހަމަ ގޮތުގައި ބޭނުންކުރާ ކަމަށް ނިންމައި 2018 ވަނަ އަހަރު ރެކޯޑު 4.6 ބިލިއަން ޑޮލަރުން ގޫގުލް ޖޫރިމަނާކޮށްފަ އެވެ.

ޖޫރިމަނާގެ މި އަދަދު އީޔޫގެ ކޯޓަކުން ޖެހިގެން އައި އަހަރު ތަންކޮޅެއް ދަށް ކޮށްދިން ނަމަވެސް ގޫގުލް އިން ވަނީ އީޔޫގެ ތަހްގީގުތަކުން ހޯދިފައިވާ ތުހުމަތުތަކަށް އިއުތިރާފްވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް