ނޮކިއާ އިން ހަރަދު ކުޑަކުރުމަށް 14،000 ވަޒީފާ މަދުކުރަނީ
ޓެލެކޮމިއުނިކޭޝަންސް ސިނާއަތުގައި ވަރުގަދަ ފިންލެންޑުގެ ނޮކިއާ ކުންފުނިން 2026ގެ ނިޔަލަށް 9،000 އާއި 14،000އާ ދެމެދުގެ އަދަދަކަށް ވަޒީފާ މަދުކުރުމަށް ނިންމައިފި އެވެ.
ނޮކިއާ އިން މިކަން އިއުލާނުކޮށްފައި ވަނީ، ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރު މަހަށް ނިމުނު ކުއާޓަރުގެ އާމްދަނީ %20 ދަށަށް ގޮސްފައިވާކަން ހާމަ ކުރަމުންނެވެ.
އާމްދަނީ ދަށްވި ސަބަބުތަކުގެ ތެރޭގައި ނޮކިއާ އިން ފާހަގަކޮށްފައި ވަނީ އުތުރު އެމެރިކާ ބައްރު ފަދަ މާކެޓުތަކުގައި 5ޖީ އިކުއިޕްމަންޓަށް އޮތް ޑިމާންޑު ދަށްވުމެވެ. މީގެ ސަބަބެއް ކަމަށް ނޮކިއާ އިން ބުނީ އިންފްލޭޝަން އާއި އިންޓްރެސްޓް ރޭޓުތައް މަތިވުމެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތް ކުރާ ނޮކިއާގެ 86،000 މުވައްޒަފުން އެބަތިއްބެވެ. އެ ކުންފުނިން 2015 ވަނަ އަހަރުން ފެށިގެން ގެންދަނީ ގިނަ އަދަދަކަށް މުވައްޒަފުން މަދު ކުރަމުންނެވެ.
ނޮކިއާ އިން ބުނި ގޮތުގައި ކުރިއަށް އޮތް ތިން އަހަރު ތެރޭ އެ ކުންފުނިން އަމާޒު ހިފާފައި ވަނީ ހަރަދުތަކުން 800 މިލިއަން ޔޫރޯ އާއި 1.2 ބިލިއަން ޔޫރޯއާ ދެމެދުގެ އަދަދެއް މަދުކުރުމަށެވެ.
މުވައްޒަފުން މަދުކުރުމަށް ނިންމުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނޮކިއާގެ ޗީފް އެގްޒެކެޓިވް ޕެއްކާ ލުންޑްމާކް ވިދާޅުވީ، ކްލައުޑް ކޮމްޕިއުޓިން އާއި އާޓިފިޝަލް އިންޓެލިޖެންސްގެ ބޭނުންތަކަށް ނެޓްވޯކުތަކުގެ ގާބިލުކަން ވަރުގަދަ ކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް އިގްތިސާދީ ހުރަސްތަކާ ގުޅިގެން މިގޮތަށް މިކަން ވަމުން ނުދާތީ މުވައްޒަފުން މަދުކުރަން ނިންމީ ކަމަށް އޭނާ ވިދާޅުވި އެވެ.
ނޮކިއާ އިން ބުނީ މިއީ "އުނދަގޫ ވިޔަފާރި ނިންމުމެއް" ނަމަވެސް ދުރު މުސްތަގްބަލްގެ ފައިދާ އާއި ވާދަވެރިކަމުގެ އަމާޒުތަކަށް ވާސިލުވުމަށް މަޖުބޫރު ފިޔަވަޅެއް ކަމަށެވެ.
"ނޮކިއާގައި ތިބީ ވަރަށް ވެސް ހުނަރުވެރި މުވައްޒަފުން. އަދި މި ނިންމުމުގެ ސަބަބުން އަސަރުކުރާ ހުރިހާ ފަރާތްތަކަށް އަހަރެމެން އެހީތެރިވެދޭނަން،" ނޮކިއާގެ ތަރުޖަމާނެއް ވިދާޅުވި އެވެ.