އެކްސް

އެކްސް އިން ދެ ގައުމެއްގެ އާ ކަސްޓަމަރުންގެ އަތުން 1 ޑޮލަރު ޗާޖުކުރަން ފަށައިފި

އެކްސްގެ ހުރިހާ ކަސްޓަމަރުން އަތުން ފީއެއް ނެގުމަށް އީލޮން މަސްކު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުން
18 އޮކްޓޯބަރު 2023

އީލޮން މަސްކުގެ އެކްސް ޕްލެޓްފޯމް އިން ކުރަމުން އަންނަ އާ ޓެސްޓުތަކެއްގެ ދަށުން ނިއު ޒީލެންޑް އާއި ފިލިޕީންސްގެ އާ ކަސްޓަމަރުންނަށް އަހަަރަކު 1 ޑޮލަރު ޗާޖުކުރަން ފަށައިފި އެވެ. 

އާ ކަސްޓަމަރުން ޓުވީޓު ކުރުމަށާއި ރީޓުވީޓުކޮށް ޕޯސްޓުތަކަށް ލައިކް ދީ އަދި ރިޕްލައި ކުރުމަށް މިއަދަދު ދައްކަން ޖެހެ އެވެ. އަދި މިއަދަދު ނުދައްކާ ކަސްޓަމަރުންނަށް ކުރެވޭނެ ހަމަ އެކަނި ކަމަކީ ޕޯސްޓުތައް ކިޔުމާއި ވީޑިއޯތައް ބެލުމާއި އެކައުންޓްތައް ފޮލޯ ކުރުމެވެ.

އެކްސް އިން ބުނި ގޮތުގައި މި ޓެސްޓުތައް ކުރަމުން މިދަނީ އެ ޕްލެޓްފޯމްގައި "ސްޕޭމް މަދުކޮށް، ޕްލެޓްފޯމަށް އޮޅުވާލާ ބޮޓުތަކުގެ ހަރަކާތްތައް ނައްތާލު" މަށެވެ.

އެކްސްގައި އުފައްދާ އާ އެކައުންޓްތައް ވެރިފައި ކުރުމަށް މިހާރު ފޯނު ނަމްބަރެއް ވެސް ބޭނުންވާނެ އެވެ. އެހެން ނަމަވެސް "ރީޑް އޮންލީ" (ހަމައެކަނި އެހެން ޓުވީޓުތަކާއި މައުލޫމާތުތައް ބެލުމަށް ހަދާ) އެކައުންޓުތައް ހުޅުވުމަށް ދެންވެސް ފައިސާ ދައްކަން ނުޖެހޭނެ ކަމަށް އީލޮން މަސްކު ވަނީ ވިދާޅުވެފަ އެވެ.

އެކްސްގައި އުޅޭ ހުރިހާ ކަސްޓަމަރުން ފައިސާ ދައްކަން ޖެހިދާނެ ކަމުގެ އިޝާރާތެއް މަސްކު ވަނީ މިދިޔަ މަހު ދެއްވައިފަ އެވެ.

މިދިޔަ އަހަރު 44 ބިލިއަން ޑޮލަރަށް އެކްސް ކުންފުނި މަސްކު ބައްލަވައިގެންނެވި ފަހުން އެކުންފުންޏަށް ލިބެމުން އަންނަ އާމްދަނީ ދަނީ ދުވަހެއް ދުވަހަކަށް ދަށްވަމުންނެވެ.

އެހެން ކަމުން ކަސްޓަމަރުން އަތުން ފައިސާ ޗާޖުކުރުމަކީ އެކްސް އަށް ފައިދާ ކުރާނޭ ކަމަށް ވީ ނަމަވެސް މިފިޔަވަޅު އެޅުމުގެ ހަމަ އެކަނި ބޭނުމަކީ ބޮޓުތައް ހުއްޓުވުން ކަމަށް މަސްކު ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

ކުންފުނީގެ މާލީ ހާލަތު ރަނގަޅު ކުރުމަށް އެކްސް އިން ވަނީ އިސްތިރާކު ދައްކަން ޖެހޭ ޕްރިމިއަމް ހިދުމަތެއް މަހަކު 8 ޑޮލަރަށް މިފަހުން ފައްޓައިފަ އެވެ. މި އަގު އެކި ގައުމުތަކުގައި އެކި ވަރަށް ހުރި ނަމަވެސް، މި ހިދުމަތް ލިބިގަންނަ ކަސްޓަމަރުންނަށް ދިގު ޕޯސްޓުތައް ކުރުމާއި އެހެނިހެން ފީޗާތަކެއް ލިބިގެންދެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް