ފުރާ އުމުރުގެ ޒުވާނުންތަކެއް ފޯނަށް ގެއްލިފައި.
ފުރާ އުމުރު ކުދިންގެ މެދުގައި ޔޫޓިއުބްގެ މަގުބޫލުކަން މައްޗަށް
އެމެރިކާގެ ފުރާ އުމުރުގެ ކުދިންގެ މެދުގައި ނެޓްފްލިކްސްއަށް ވުރެ ޔޫޓިއުބް މަގުބޫލު ވެފައިވާ ކަމަށް އިންވެސްޓްމަންޓް ބޭންކް ޕައިޕާ ސޭންޑްލާ އިން ކުރިއަށް ގެންދިޔަ ސާވޭގެ ނަތީޖާތަކުން ދައްކައިފި އެވެ.
މި ސާވޭގައި ބައިވެރިވި %29.1 ކުދިން ބުނެފައިވާ ގޮތުގައި، އެ މީހުން ކޮންމެ ދުވަހަކު ވީޑިއޯ ބެލުމަށް ބޭނުންކުރަނީ ޔޫޓިއުބް އެވެ. މިއީ މި ސާވޭއިން %28.7 ހޯދި ނެޓްފްލިކްސްގެ މައްޗަށް ޔޫޓިއުބް ކުރި ހޯދި ފުރަތަމަ ފަހަރެވެ.
މި ސާވޭއިން އިތުރަށް ދެއްކި ގޮތުގައި، ޒުވާނުން ޔޫޓިއުބްގައި ހޭދަކުރަމުން އަންނަ ވަގުތު ވެސް ވަނީ އިތުރުވެފަ އެވެ. މިއާ ހިލާފަށް ނެޓްފްލިކްސްގައި ޒުވާނުން ހޭދަކުރަމުން އަންނަ ވަގުތު ވަނީ ދަށަށް ގޮސްފަ އެވެ.
މި ނަތީޖާތަކުން ސްޓްރީމިން ސިނާއަތުގައި ވާދަވެރިކަން އިތުރުވަމުން އަންނަ މިންވަރު ދައްކުވައިދެ އެވެ. އަދި ހިލޭ ވީޑިއޯ ބެލުމުގެ ފުރުސަތު ފަހިކޮށްދޭ ޔޫޓިއުބް އިން މި ސިނާއަތުގައި އަދި ވަކިން ހާއްސަކޮށް ޒުވާނުންގެ މެދުގައި ހޯދާފައިވާ ކުރިއެރުން ފާހަގަ ވެގެންދެ އެވެ.
"އަހަރެމެން ހިތަށް އަރާ މިއީ ވީޑިއޯ އާއި މައުލޫމާތު ނަގައިގަތުމުގެ އާދަތައް ވަކި ގޮތަކަށް ބަދަލުވުން ބާއޭ ނުވަތަ ގާއިމުވެފައި އޮތް ވަކި ކޮޅަކަށް ބަދަލުވެގެން ދިޔުން ބާއޭ. ހާއްސަކޮށް ޔޫޓިއުބް އިން އަންނަނީ ކޮންޓެންޓުތައް ރަނގަޅު ކުރަމުން އަދި ސްޓްރީމިން ސިނާއަތް އަންނަނީ ހަލުވިކަމާ އެކު ވާދަވެރިވަމުން،" ޕައިޕާ ސޭންޑްލާގެ އެނަލިސްޓުން ލިޔުއްވާފައިވެ އެވެ.
އެމެރިކާގެ ފުރާ އުމުރުގެ ކުދިންގެ މެދުގައި އެންމެ މަގުބޫލު ގެޖެޓް، ކާބޯތަކެތި، ރެސްޓޯރަންޓް އަދި މިއުޒިކް ބޭންޑު ފަދަ މައުލޫމާތުތައް ދެނެގަތުމަށް ޕައިޕާ ސޭންޑްލާ ބޭންކުން އަންނަނީ 2001 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު 2 ފަހަރު ސާވޭއެއް ނަގަމުން ނެވެ. އަދި އެންމެ ފަހުން ނެގުނު ސާވޭގައި 9،000އަށް ވުރެ ގިނަ ޒުވާނުންގެ ވަނީ ސާވޭގައި ބައިވެރިވެފަ އެވެ. މި ސާވޭގެ ބައިވެރިންގެ އެވްރެޖް އުމުރު ހުރީ 16 އަހަރުގަ އެވެ.
ޕައިޕާ ސޭންޑްލާއިން ނެގި މި ސާވޭގައި ޔޫޓިއުބް އާއި ނެޓްފްލިކްސް އަދި ޓިކްޓޮކްގެ އަދަދުތަކާ އަޅާ ކިޔާފައެއް ނުވެ އެވެ. ސަބަބަކީ އެ ބޭންކުން ޓިކްޓޮކް ގިންތިކޮށްފައި ވަނީ ސޯޝަލް މީޑިއާ އެޕެއްގެ ގޮތުގަ އެވެ. މި ސާވޭގައި ބައިވެރިވި ޒުވާނުންގެ %38 ބުނެފައި ވަނީ އެ މީހުންނަށް އެންމެ ކަމުދާ ސޯޝަލް މީޑިއާާ ޕްލެޓްފޯމަކީ ޓިކްޓޮކް އެވެ.
މި ސާވޭއިން އިތުރަށް ދައްކާފައިވާ ގޮތުގައި، ފުރާ އުމުރުގެ ކުދިން އަންނަނީ ދުވާލަކު ސޯޝަލް މީޑިއާގައި އެވްރެޖްކޮށް 4 ގަޑީރާ 30 މިނެޓް ހޭދަކުރަމުން ނެވެ. މިއީ ކުރީ ފަހަރު މިއަދަދު ހުރި މިންވަރާ އަޅާ ބަލާއިރު އިތުރުވުމެކެވެ.