ޓިކްޓޮކް.

އީޔޫއިން ޓިކްޓޮކް 368 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ޓިކްޓޮކް އިން ކުޑަކުދިން ނުރައްކަލެއްގެ ތެރެއަށް ވައްޓާލިކަމަށް އީޔޫއިން ވަނީ ބުނެފައި
16 ސެޕްޓެމްބަރު 2023

ޕްރައިވެސީ ގާނޫނުތަކާ ހިލާފުވެފައި ވާތީ ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ޕްރައިވެސީ ކަންތައްތަކާ ބެހޭ މައި އިދާރާއިން ސޯޝަލް މީޑިއާ ކުންފުނި ޓިކްޓޮކް 368 މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފި އެވެ.

ޔޫރަޕުގައި އަމަލުކުރަމުން އަންނަ ހަރުކަށި ޕްރައިވެސީ ގާނޫނުތަކާ ހިލާފުވެފައިވާ ކަމަށް ބުނެ ޓިކްޓޮކް ޖޫރިމަނާކުރި މިއީ ފުރަތަމަ ފަހަރެވެ. 

އަޔަލެންޑުގެ ޑޭޓާ ޕްރޮޓެކްޝަން ކޮމިޝަނަރު (ޑީޕީސީ) އިން ހުކުރު ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުން 31 ޖުލައި 2020އިން ފެށިގެން އެ އަހަރުގެ ނިޔަލަށް ޓިކްޓޮކް އިން ވަނީ އީޔޫގެ ގިނަ ޕްރައިވެސީ ގާނޫނުތަކާ ހިލާފުވެފަ އެވެ.

ޑީޕީސީގެ ތަހްގީގުން ހޯދިފައިވާ ގޮތުގައި 2020ގެ ފަހު ފަސް މަސް ދުވަހު ފުރާ އުމުރުގެ ކުޑަކުދިން ޓިކްޓޮކް އެކައުންޓެއް ހުޅުވުމުން އެކުދިންގެ އެކައުންޓުތައް ހުރީ ކޮންމެ މީހަކަށް ބެލޭނެ ގޮތަށް އާންމުކޮށް ހުޅުވާލައިފަ އެވެ. އަދި މި ސެޓިންގްގެ ސަބަބުން ޓިކްޓޮކް ބޭނުންކުރުން މަނާކޮށްފައި އޮންނަ 13 އަހަރުން ދަށުގެ ކުދިން ވެސް ނުރައްކަލަށް ހުށައެޅުނު ކަމަށް އެ ތަހްގީގުން ފެނުނެވެ.

ޓިކްޓޮކް ބޭނުންކުރާ ކުޑަކުދިންގެ ބެލެނިވެރިންނަށް ދީފައި އޮތް 'ފެމިލީ ޕެއަރިންގް' ފީޗާގައި ހިމަނާފައިވާ ސެޓިންތައް ހަރުކަށި ވާން ޖެހޭ މިންވަރަށް ހަރުކަށި ނޫން ކަމަށާއި، އުމުރުން 16 އާއި 17 އަހަރުގެ ކުޑަކުދިންނަށް މެސެޖު ކުރުމުގެ ފުރުސަތު ބޮޑެތި މީހުންނަށް އޮތް ކަމަށް ވެސް ޑީޕީސީގެ ހޯދުންތަކުން އެނގުނެވެ. 

ޑީޕީސީއިން ޓިކްޓޮކް ޖޫރިމަނާ ކުރަން ނިންމި ނިންމުމަށް އެއްބަސް ނުވާކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. އެއްބަސްނުވާ ސަބަބެއް ކަމަށް ޓިކްޓޮކް އިން ބުނީ ޑީޕީސީގެ މި ތަހްގީގު ސެޕްޓެމްބަރު 2021ގައި ފެށުމުގެ ކުރިން އެ ކުންފުނިން މި ކަންތައްތައް ރަނގަޅުކޮށްފައި ހުރުމެވެ. އަދި މީގެ އިތުރުން ވެސް ޖޫރިމަނާ ދައްކަން ޖެހޭ އަދަދު ބޮޑުވުމަކީ ޑީޕީސީގެ ނިންމުމާ މެދު އެއްބަސް ނުވެވޭ ސަބަބެއް ކަމަށް ޓިކްޓޮކް އިން ބުންޏެވެ.

ޓިކްޓޮކް އިން ކުޑަކުދިންގެ ބެލެނިވެރިންނަށް އިތުރު ހަރުކަށި ބާރުތަކެއް ދީފައި ވަނީ ނޮވެމްބަރު 2020ގަ އެވެ. އަދި 16 އަހަރުން ދަށުގެ ކުދިން އެކައުންޓުތައް ހުޅުވުމުން އެ އެކައުންޓުތައް އޮޓޮމެޓިކުން ޕްރައިވެޓް މޯޑަށް ލާފައި ހުންނަ ގޮތް ޓިކްޓޮކް އިން ހަދާފައި ވަނީ ޖެނުއަރީ 2021ގަ އެވެ.

އީޔޫއިން ޓިކްޓޮކް ޖޫރިމަނާ ކުރުމާ ގުޅޭ (ވީޑިއޯ/އީބީސީ7)

މި މައްސަލައިގެ އިތުރުން ވެސް ޑީޕީސީ އިން އަންނަނީ ޓިކްޓޮކްއިން އީޔޫ ކަސްޓަމަރުންގެ މައުލޫމާތު ޗައިނާއަށް ރައްކާކުރަން ފޮނުވުމާ ގުޅޭ ތަހްގީގެއް ހިންގަމުންނެވެ. ހުޅަނގުގެ ގައުމުތަކުގެ ކަސްޓަމަރުންގެ މައުލޫމާތުތައް ޓިކްޓޮކް އިން ޗައިނާ ސަރުކާރަށް  ފޯރުކޮށްދީފާނެ ކަމާ މެދު ގިނަ ގައުމުތަކަކުން ކަންބޮޑުވުން ފާޅުކުރެ އެވެ.

ޓިކްޓޮކްގެ އިތުރުން ވެސް ފާއިތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ޑީޕީސީއިން ޖޫރިމަނާ ދޫކޮށްފައިވާ ކުންފުނިތަކުގެ ތެރޭގައި އިންސްޓަގްރާމް، ވަޓްސްއެޕް ހިމެނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް