
އެޕަލްގެ ސީއީއޯ ޓިމް ކުކް 2017 ވަނަ އަހަރު ޗައިނާ ޑިވެލޮޕްމަންޓް ފޯރަމްގައި ބައިވެރިވެވަޑައިގަންނަވަނީ.
ސަރުކާރުގައި އައިފޯނު ބޭނުންކުރުން މަނާކޮށްފައި ނުވާނެ ކަމަށް ޗައިނާއިން ބުނެފި
ބޭރު ކުންފުނިތަކުން އުފައްދާފައިވާ ފޯނުތައް ގަތުމާއި ބޭނުންކުރުން ސަރުކާރު މުވައްޒަފުންނަށް މަނާކޮށްފައި ނުވާނެ ކަމަށް ޗައިނާގެ ހާރިޖީ ވުޒާރާއިން އިއްޔެ ބުނެފި އެވެ.
"އެޕަލް ފަދަ ބޭރުގެ ބްރޭންޑުތަކުގެ މޮބައިލް ފޯނެއް ގަތުން އަދި ބޭނުންކުރުން މަނާކުރުމަށް ޗައިނާއިން އެއްވެސް ގާނޫނެއް އަދި ގަވާއިދެއް ނެރެފައެއް ނުވާނެ،" އާންމުކޮށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗައިނާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނެއް ވިދާޅުވި އެވެ.
ޗައިނާ ސަރުކާރު މުވައްޒަފުންނަށް އައިފޯނު ބޭނުންކުރުން މަނާކޮށްފައިވާ ކަމަށް މިދިޔަ ހަފްތާގައި އެމެރިކާގެ ވޯލް ސްޓްރީޓް ޖާނަލް ނޫހުން ރިޕޯޓުކުރުމާ ގުޅިގެން އެޕަލް ކުންފުނީގެ ހިއްސާގެ އަގު %4 ދަށަށް ދިޔަ އެވެ. އަދި ބްލޫމްބާގް ނޫހުން ވަނީ ޖެހިގެން އައި ދުވަހު ޗައިނާގެ ސަރުކާރުގެ މި ނިންމުން ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ވެސް ހިނގާނެ ކަމަށް ރިޕޯޓުކޮށްފަ އެވެ.
މި ދެ ނޫހުން ވެސް މިގޮތަށް ރިޕޯޓުކޮށްފައި ވަނީ މިކަމާ ބެހޭ މައުލޫމާތު ލިބިފައިވާ ފަރާތްތަކާ ހަވާލާދީ އެވެ. އެގޮތުން ޖާނަލްގައިވާ ގޮތުން ޗައިނާ ސަރުކާރުން މުވައްޒަފުންނަށް މިކަން އަންގާފައި ވަނީ އަނގަ ބަހުންނާއި، ޗެޓު ގްރޫޕުތަކުގަ އެވެ. މިކަމާ ބެހޭ ރަސްމީ އެއްވެސް ލިޔުމެއް ނެރެފައެއް ނެތެވެ.
މިފަދައިން ނުރަސްމީ ސިފައެއްގައި ސަރުކާރުން މުވައްޒަފުންނަށް މިފަދަ އިރުޝާދެއް ދީފައިވާނޭތޯ ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލު ކުރުމުން އެކަމަށް ހާރިޖީ ވުޒާރާގެ ފަރާތުން ޖަވާބެއް ދީފައެއް ނުވެ އެވެ.
ނަމަވެސް ތަފްސީލެއް ނުދެއްވައި، އައިފޯނާ ގުޅޭ "ސެކިއުރިޓީ ހާދިސާތަކެއް" ހުރި ކަމަށް ތަރުޖަމާނު ވަނީ ވިދާޅުވެފަ އެވެ.
"ގިނަ މީޑިއާތަކެއްގައި ޖަހާފައި ހުރި އެޕަލް މޯބައިލް ފޯނުތަކާ ގުޅޭ ސެކިއުރިޓީ ހާދިސާތަކެއް އަހަރެމެންނަށް ވަނީ މިފަހުން ފާހަގަ ކުރެވިފައި. މައުލޫމާތާއި ނެޓްވޯކް ސެކިއުރިޓީއަށް ޗައިނާ ސަރުކާރުން ބޮޑު އަހައްމިއްޔަތުކަމެއް ދޭ،" ހާރިޖީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވި އެވެ.
ކޮމެންޓް