އެޕަލް އައިފޯން 14 ޕްލަސް

ޗައިނާ ސަރުކާރުގައި އައިފޯނު މަނާކުރުމާ އެކު އެޕަލްގެ ހިއްސާ ދަށަށް ގޮސްފި

ޓެކްނޮލޮޖީގެ ރޮނގުން އެމެރިކާ އާއި ޗައިނާ އިން އަންނަނީ ވަރުގަދަ ހަނގުރާމައެއް ކުރަމުން
8 ސެޕްޓެމްބަރު 2023

ޗައިނާ ސަރުކާރުގައި މަސައްކަތް ކުރާ މުވައްޒަފުން އައިފޯނު ބޭނުންކުރުން މަނާކޮށްފައިވާ ކަމުގެ ރިޕޯޓުތަކާ އެކު އެޕަލް ކުންފުނީގެ ހިއްސާ ދެ ވަނަ ދުވަހަކަށް ދަށަށް ގޮސްފި އެވެ.

އެޕަލް ކުންފުނީގެ އަގު ވަނީ ފާއިތުވެ ދިޔަ ދެ ދުވަސް ތެރޭ %6 ނުވަތަ 200 ބިލިއަން ޑޮލަރު ވެއްޓިފަ އެވެ.

އެޕަލްއަށް ލިބޭ އާމްދަނީގެ %18 ހިއްސާކުރާ ޗައިނާ މާކެޓަކީ އެ ކުންފުނީގެ ތިން ވަނައަށް އެންމެ ބޮޑު މާކެޓެވެ. އަދި މީގެ އިތުރުން ވެސް އެޕަލްގެ އުފެއްދުންތައް އެންމެ ގިނަ އަދަދަކަށް ތައްޔާރު ކުރަމުން އަންނަނީ ވެސް ޗައިނާގަ އެވެ.

ޗައިނާގެ މައި ސަރުކާރުގެ އޮފިޝަލުން އައިފޯނުތައް އޮފީހަށް ގެނައުން މަނާކޮށް، މަސައްކަތް ކުރުމަށް އައިފޯނުތައް ބޭނުން ނުކުރުމަށް ބެއިޖިންގް އިން އަމުރުކޮށްފައިވާ ކަމަށް ދަ ވޯލް ސްޓްރީޓް ޖާނަލުން ރިޕޯޓުކުރީ ބުދަ ދުވަހު އެވެ. އަދި ޗައިނާ ސަރުކާރު ހިއްސާ އޮންނަ ކުންފުނިތަކާއި ސަރުކާރުގެ އެޖެންސީތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެސް އައިފޯނު މަނާކޮށްފައިވާ ކަމަށް ބުރާސްފަތި ދުވަހު ބްލޫމްބާގް ނިއުސް އިން ވަނީ ރިޕޯޓުކޮށްފަ އެވެ.

ޗައިނާއިން އެޕަލްއާ ދެކޮޅަށް ފިޔަވަޅު އަޅާކަމުގެ ރިޕޯޓުތައް ތިލަވެފައި މިވަނީ އެޕަލް ކުންފުނިން މިމަހުގެ 12 ވަނަ ދުވަހު އައިފޯނު 15 ލޯންޗުކުރާނެކަމަށް ބެލެވިފައި ވަނިކޮށެވެ.

އެމެރިކާގެ ނޫސްތަކުން ކޮށްފައިވާ މި ރިޕޯޓުތަކަށް ޗައިނާ ސަރުކާރުން އަދި ރަސްމީ ބަހެއް ބުނެފައެއް ނުވެ އެވެ. ޗައިނާ ސަރުކާރުން އެޕަލް މަނާކުރާ ކަމުގެ ރިޕޯޓުތަކާ ގުޅިގެން އެޕަލްގެ ބައެއް ސަޕްލަޔަރުންގެ ހިއްސާގެ އަގު ވެސް ވަނީ ވެއްޓިފަ އެވެ.

ގާތްގަނޑަކަށް 2.8 ޓްރިލިއަން ޑޮލަރުގެ މާކެޓު އަގެއް ހުރި އެޕަލް ކުންފުންޏަކީ މިވަގުތު ދުނިޔޭގައިވާ އެންމެ އަގުބޮޑު ކުންފުންޏެވެ.

ޗައިނާ ސަރުކާރުން އެޕަލް އައިފޯނު މަނާކުރުމާ ގުޅޭ (ވީޑިއޯ/ސީއެންބީސީ ޓެލެވިޝަން)

ޓެކްނޮލޮޖީގެ ރޮނގުން އެމެރިކާ އާއި ޗައިނާ އިން އަންނަނީ ވަރުގަދަ ހަނގުރާމައެއް ކުރަމުން ނެވެ. އެގޮތުން މިއަހަރު ތެރޭ ވޮޝިންޓަނުން ވަނީ އެކުވެރި ޖަޕާނާއި ނެދަލޭންޑްސްއާ ގުޅިގެން ޗައިނާ އަށް ޗިޕު އުފެއްދުމަށް ބޭނުންވާ ބައެއް ޓެކްނޮލޮޖީތައް ފޯރުކޮށްދިނުން މަނާކޮށްފަ އެވެ. މިކަމަށް ރައްދު ދިނުމުގެ ގޮތުން ބެއިޖިންގް އިން ވަނީ  ޗިޕު އުފެއްދުމަށް ބޭނުންކުރާ ބައެއް މެޓީރިއަލްތައް ބޭރަށް އެކްސްޕޯޓު ކުރުން މަނާކޮށްފަ އެވެ.

އަދި ޗައިނާގައިވާ ޗިޕު އުފައްދާ ސިނާއަތް ވަރުގަދަ ކުރުމަށް 40 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ފަންޑެއް ބެއިޖިންގް އިން ތައްޔާރުކުރަމުން އަންނަ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް