
އާމްގެ ކޮމްޕޯނަންޓުތަކެއް ދައްކުވައިދޭ ބޯޑެއް
ޗިޕު ޑިޒައިން ކުރާ އާމް ކުންފުންޏާ އެކު އެޕަލް އިން ޑީލެއް ހަދައިފި
އެޕަލް ކުންފުންޏާ އެކު 2040 ވަނަ އަހަރާ ހަމައަށް ޑީލެއް ހަދާފައިވާ ކަމަށް ޗިޕު ޑިޒައިން ކުރާ އާމް ކުންފުނިން އަންގާރަ ދުވަހު ބުނެފި އެވެ.
މި ހަބަރާ އެކު އެޕަލްގެ އައިފޯނުތަކާއި މެކު ކޮމްޕިއުޓަރުތަކުގައި ބޭނުންކުރާ އާމު ކުންފުނީގެ ޓެކްނޮލޮޖީތައް ކުރިއަށް އޮތް އެތައް އަހަރެއް ވަންދެން ލިބޭނެކަން ވަނީ ކަށަވަރު ވެގެން ގޮސްފަ އެވެ.
ޖަޕާނުގެ ސޮފްޓްބޭންކުގެ ކުންފުންޏެއް ކަމުގައިވާ އާމް އިން ނަސްދާގް ހިއްސާގެ ބާޒާރުގައި ހިއްސާ ވިއްކުމަށް އަންނަނީ ތައްޔާރުވަމުން ނެވެ. އަދި އެ ކުންފުނީގެ އަގު ގާތްގަނޑަކަށް 52 ބިލިއަން ޑޮލަރަށް އަރާނޭ ކަމަށް ވަނީ ލަފާ ކުރެވިފަ އެވެ.
ހިއްސާގެ ބާޒާރުގައި ލިސްޓު ކުރުމާ އެކު އާމް ކުންފުނީގެ ހިންގުމަށް ބަދަލުތަކެއް އަންނާނެ ކަމަށް ވަނީ ބެލެވިފަ އެވެ. ނަމަވެސް އެޕަލްގެ ޑީލާ ގުޅިގެން ކުންފުނީގެ ހިންގުން ބަދަލުވި ނަަމަވެސް އާމްގެ އެންމެ ބޮޑު އެއް ޕާޓްނަރު ދެމިއޮންނާނޭކަމުގެ ޔަގީންކަން އިންވެސްޓަރުންނަށް ލިބިގެންދާނެ އެވެ.
"މީގެ އިތުރުން ވެސް އަހަރުމެން އެޕަލް އާ އެކު 2040 ވަނަ އަހަރުގެ ފަހަށް ވެސް އެއްބަސްވުމެއްގައި ސޮއިކޮށްފިން. މިއާ އެކު އެޕަލްއާ އެކު އޮތް އަހަރުމެންގެ އޮތް ޒަމާންވީ ގުޅުން ދަމަހައްޓާ، އެޕަލް އަށް އާމްގެ އާކިޓެކްޗާއަށް އެކްސެސް ލިބުމުގެ ފުރުސަތު އޮންނާނެ،" އެމެރިކާގެ ސެކިއުރިޓީސް އެކްސްޗޭންޖް ކޮމިޝަނަށް އާމް އިން ހުށައަޅާފައިވާ ލިޔުންތަކުގައިވެ އެވެ.
ގާތްގަނޑަކަށް ހެން ހުރިހާ ސްމާޓްފޯނު ޗިޕުތަކެއްގައި ވެސް އާމްގެ ޓެކްނޮލޮޖީ އަންނަނީ ބޭނުން ކުރަމުން ނެވެ. މީގެ ތެރޭގައި އެޕަލްގެ އޭ ސީރީސް ފޯނުތައް ވެސް ހިމެނެ އެވެ.
މީގެ 30 އަހަރު ކުރިން 1990ގައި ވުޖޫދުވި އާމް ކުންފުނި ވަރުގަދައަށް ހިނގައިގަންނަން ފެށީ 2007 ވަނަ އަހަރު އެޕަލް އިން އައިފޯނު ލޯންޗުކުރުމާ އެކު ސްމާޓްފޯނުތައް އުފެއްދުމަށް ވާދަވެރި ފޯނު އުފައްދާ ކުންފުނިތަކުން ހަކަތަ ބޭނުންކުރާ މިންވަރު މަދު ޗިޕުތަކެއް ހޯދަން ފެށުމާ ގުޅިގެން ނެވެ.
ކޮމެންޓް