
ފޭސްބުކް އާއި އެކްސް.
ރަޝިޔާ ޕްރޮޕަގަންޑާއަށް ފިޔަވަޅު އަޅަން ޓެކް ކުންފުނިތަކުން ވަނީ ފޭލުވެފައި: އީޔޫ
https://www.bbc.com/news/technology-66693156
ޔޫކްރެއިނު ހަނގުރާމަ ފެށުނު ފަހުން ދޮގު މައުލޫމާތު ފެތުރުމަށް ރަޝިޔާއިން ސޯޝަލް މީޑިއާގައި ހިންގަމުން އަންނަ ކެމްޕެއިނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޓެކްނޮލޮޖީ ކުންފުނިތަކުން ފޭލުވެފައިވާ ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ބުނެފި އެވެ.
އީޔޫ ކޮމިޝަނުން ނެރެފައިވާ ރިޕޯޓެއް ބުނާ ގޮތުން "ކްރެމްލިންއާ ގުޅުން އޮންނަ އެކައުންޓުތަކުން ނެރެމުން އަންނަ މައުލޫމާތުތައް ފޯރަމުން އަންނަ މީހުންގެ ނިސްބަތާއި އެ އެކައުންޓުތަކުގެ ނުފޫޒު" މިއަހަރު ވަނީ އިތުރުވެގެން ގޮސްފަ އެވެ.
އަދި މިދިޔަ އަހަރު އީލޮން މަސްކު ޓުވިޓާ ކުންފުނި ބައްލަވައިގެންނެވި ފަހުން އެ ޕްލެޓްފޯމުގައި ރަޝިޔާއިން ފަތުރަމުން އަންނަ ދޮގު މައުލޫމާތުގެ ކެމްޕެއިން ވަރުގަދަ ވެފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ފާހަަގަކޮށްފައި ވެއެވެ.
އީޔޫ ކޮމިޝަނުން ބުދަ ދުވަހު ނެރުނު މިރިޕޯޓުގައި މައިގަނޑު ގޮތެއްގައި ބަލާލާފައި ވަނީ ކްރެމްލިން އިން އިސްވެ ހުރެ ފަތުރަމުން އަންނަ ދޮގު މައުލޫމާތުތައް ހުއްޓުވުމަށް ކުރެވެމުން އަންނަ މަސައްކަތްތަކަށެވެ. އަދި ކްރެމްލިން އިން ހިންގާ މި ކެމްޕެއިން އެހާ ބޮޑަށް ވަރުގަދަވެފައި ވަނީ އެކްސް (ކުރީގެ ޓުވިޓާ)ގެ ސަލާމަތީ މިންގަނޑުތައް އުވާލުމާ ގުޅިގެން ކަމަށް ވެސް އެ ރިޕޯޓުގައި ލަފާކޮށްފައިވެ އެވެ.
ކްރެމްލިން އަށް ތާއީދުކޮށް ހިންގަމުން އަންނަ އެކައުންޓުތަކުން ފަތުރަމުން އަންނަ ދޮގު މައުލޫމާތުތައް އެންމެ ގިނަ އަދަދަކަށް ފޯރަނީ މެޓަ ކުންފުނީގެ ދަށުން ހިންގަމުން އަންނަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައިވާ ކަސްޓަމަރުންނަށެވެ. އަދި ޓެލެގްރާމްގައި މިފަދަ މައުލޫމާތުތައް ފޯރަމުން އަންނަ ކަސްޓަމަރުންގެ އަދަދު ތިން ގުނައަށް ވުރެ އިތުރުވެފައިވާ ކަމަށް ވެސް އީޔޫގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
މިފަދަ ކަންކަން ހުއްޓުވުމަށް އީޔޫއިން ވަނީ ޑިޖިޓަލް ސާވިސަސް އެކްޓް ގާނޫނެއް ހަދާ މިމަހު އެއަށް އަމަލުކުރަން ފައްޓާފަ އެވެ. މި ގާނޫނުގެ ދަށުން އެންމެ ބޮޑެތި ޕްލެޓްފޯމުތަކުން ކޮންޓެންޓުތައް މޮޑެރޭޓު ކުރުމަށް ހަރުކަށި މިންގަނޑުތަކެއް ގެންގުޅުމަށް މަޖުބޫރު ކުރުވަ އެވެ. މީގެ ތެރޭގައި ދޮގު މައުލޫމާތާއި ނަފުރަތު އުފޭ ފަދަ ގޮތަށް ހުންނަ ޕޯސްޓުތައް ހުއްޓުވުން ހިމެނެ އެވެ.
ކޮމެންޓް