
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕު.
ޖޯޖިޔާގައި ހައްޔަރުވުމާ އެކު ޒަމާންތަކަކަށް ފަހު ޓްރަމްޕް ޓުވީޓު ކުރައްވައިފި
އެމެރިކާގެ ރިޔާސީ އިންތިހާބުގެ ވޯޓުގެ ނަތީޖާ އޮޅުވާލަން މަސައްކަތް ކުރިކަމަށް ތުހުމަތުކޮށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ހައްޔަރުވެވަޑައިގަތުމަށް ފަހު ޓްރަމްޕު އަނެއްކާ ވެސް ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް (ކުރީގެ ޓުވިޓާ) ބޭނުން ކުރައްވަން ފައްޓަވައިފި އެވެ.
ޓްރަމްޕުގެ ޓުވިޓާ އެކައުންޓް ސަސްޕެންޑު ކޮށްފައި ވަނީ 2020 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބަށް ފަހު އޭނާގެ ސަޕޯޓަރުންތަކެއް އެމެރިކާގެ ގާނޫނު ހަދާމަޖިލިހުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ނެވެ. އޭރު ޓްރަމްޕުގެ އެކައުންޓުތައް ސަސްޕެންޑު ކުރާ ސަބަބެއް ކަމުގައި ޓުވިޓާ އާއި ފޭސްބުކް އިން ބުނެފައި ވަނީ ހަމަނުޖެހުން ހިންގުމަށް ޓްރަމްޕު ހިތްވަރު ދެއްވުމެވެ.
މިއާ އެކު ޓްރަމްޕު ވަނީ ޓްރޫތު ސޯޝަލްގެ ނަމުގައި އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމު ލޯންޗު ކުރައްވައި، އެ ބޭނުންކުރައްވަން ފައްޓަވާފަ އެވެ. އަދި މިދިޔަ އަހަރު ފަހުކޮޅު އީލޮން މަސްކު ޓުވިޓާ ކުންފުނި ބައްލަވައިގަތުމަށް ފަހު ޓްރަމްޕުގެ ޓުވިޓާ އެކައުންޓްގެ ސަސްޕެންޝަން އުވާލެއްވުމުން ވެސް ޓްރަމްޕު އެ ޕްލެޓްފޯމު ބޭނުން ކުރައްވާފައެއް ނުވެ އެވެ.
ނަމަވެސް އެއީ މިހާތަނާ ޖެހެން ދެންނެވެ.
އެމެރިކާގެ ޖޯޖިޔާ ސްޓޭޓުން ޓްރަމްޕާ ދެކޮޅަށް އުފުލާފައިވާ އިންތިހާބުގެ ނަތީޖާ އޮޅުވާލުމަށް މަސައްކަތް ކުރިކަމުގެ ދައުވާގައި ފުލުހުންނާ އަމިއްލަފުޅަށް ހަވާލުވުމަށް ފަހު ފުލުހުން ނެގި ފޮޓޯ ޓްރަމްޕު ވަނީ އެކްސްގައި ޕޯސްޓުކުރައްވާ "ދުވަހަކު ވެސް އަމާން ނުދޭތި ލިޔުއްވާފަ އެވެ. އަދި މި ޕޯސްޓުގައި ޓްރަމްޕުގެ ރިޔާސީ ކެމްޕެއިން ވެބްސައިޓުގެ ލިންކު ވެސް ހިމަނާފައިވެ އެވެ.
އެކްސްގެ ވެރިޔާ މަސްކު ވަނީ ޓްރަމްޕުގެ ޕޯސްޓު ރީޕޯސްޓު ކުރައްވާ "ޖެހިގެން އޮތް ލެވެލް" ކަމަށް ވިދާޅުވެފަ އެވެ.
އެމެރިކާގެ ރައީސްކަމުގެ ދައުރުގައި އާއި އޭގެ ކުރިން ވެސް ޓްރަމްޕް އަކީ ކޮންމެ ދުވަހަކު ވެސް އެތައް ފަހަރަކު ޓުވީޓު ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. އާންމުކޮށް ރައީސުން އަމަލުކުރައްވާ ގޮތް ކަމުގައިވާ ނޫސްވެރިން މެދުވެރިކޮށް ސަރުކާރުގެ މުހިންމު ހަބަރުތަކާ ސިޔާސަތުތައް އިއުލާނު ކުރުމުގެ ބަދަލުގައި ޓްރަމްޕު ގިނަ ފަހަރަށް ބޭނުން ކުރައްވާފައި ވަނީ ޓުވިޓާ އެވެ.
"ޓުވިޓާ އަކީ އަހަންނަށް ވަރަށް ކަމުދާ އެއްޗެއް. ސަބަބަކީ ދޭން ބޭނުންވާ މެސެޖުތައް ފޮނުވޭތީ [އެތައް ބަޔަކަށް]. އަހަރެންގެ ބަސްތައް ތެދުވެރިކަމާ އެކު ފޯރުކުރެވޭނެ ގޮތެއް ނެތް ނަމަ ރައީސެއްގެ ހައިސިއްޔަތުން މިތާ ހުރެ ވާހަކަ ދެއްކުުގެ ފުރުސަތު އަހަންނަށް ނުލިބުން ވެސް އެކަށީގެންވޭ،" ވެރިކަމުގައި ހުންނަވާ 2017 ގައި ޓްރަމްޕު ވިދާޅުވެފައިވެ އެވެ.
ޓްރަމްޕުގެ އެކްސް އެކައުންޓު ސަސްޕެންޑު ކުރެވުނު އިރު އޭނާ ފޮލޯކުރާ 80 މިލިއަނަށް ވުރެ ގިނަ އެކައުންޓުތައް ހުއްޓެވެ. އަދި ދެ އަހަރާ ބަޔަށް ފަހު އެކްސްގައި ޓްރަމްޕު ޖެއްސެވި ފުރަތަމަ ޕޯސްޓަށް 3 ގަޑިރަށް ވުރެ މަދު އިރުކޮޅެއް ތެރޭ 530،000 ލައިކް އާއި 36 މިލިއަން ވިއުސް ލިބިފައިވެ އެވެ.