އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ (ކ) މިދިޔަ ޖޫން މަހު ވައިޓް ހައުސްގައި އެމެރިކާގެ ބޮޑެތި ކުންފުނިތަކުގެ ވެރިންނާ ބައްދަލު ކުރެއްވި އިރު އެޕަލްގެ ސީއީއޯ ޓިމް ކުކް (މ) މޯދީގެ އަރިހުގައި

އެޕަލް

އައިފޯން 15 އިންޑިއާގައި އުފައްދަން ފައްޓަނީ: ބްލޫމްބާގް

އައިފޯން 15 އަންނަ މަހު ލޯންޗުކުރުމަށް ވަނީ ހަމަޖެހިފައި

އެޕަލްގެ ސަޕްލަޔަރު ފޮކްސްކޮން އިން ޗައިނާއަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް އިންޑިއާގައި އައިފޯން 15 އުފައްދަން ފަށަން ތައްޔާރުވެފައިވާ ކަމަށް ބްލޫމްބާގް އިން ބުނެފި އެވެ.

ޗައިނާގެ ކާރުހާނާތަކުގައި އުފައްދާ އައިފޯނު 15ގެ ޝިޕްމަންޓުތަކާ އަޅާބަލާއިރު އިންޑިއާގެ ޝިޕްމަންޓުތައް ލަސްވާނީ މަދު ހަފްތާތަކެއް ކަމަށް، ނަން ނުޖަހާ ފަރާތަކާ ހަވާލާދީ ބްލޫމްބާގް އިން ވަނީ ރިޕޯޓުކޮށްފަ އެވެ.

އެމެރިކާ އާއި ޗައިނާގެ ގުޅުން ހީނަރުވަމުން ދިޔުމުގެ ސަބަބުން، ޗައިނާއަށް ބަރޯސާވުން ކުޑަކުރުމަށް އެޕަލް އިން މަސައްކަތް ކުރަމުން އަންނަތާ އަހަރުތަކެއް ވެއްޖެ އެވެ. އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ މިދިޔަ ޖޫން މަހު އެމެރިކާގެ ވައިޓް ހައުސްގައި ބައްދަލުކުރެއްވުމަށް ފަހު އެޕަލްގެ ސީއީއޯ ޓިމް ކުކް ވަނީ އިންޑިއާއިން ވަރަށް ބޮޑެތި ފުރުސަތުތަކެއް ރަމްޒުކޮށްދޭ ކަމަށް ވިދާޅުވެފަ އެވެ.

ޗައިނާ ސަރުކާރަށް އެމެރިކާގެ ބޮޑު ދެ ޕާޓީގެ ފާޑުކިޔުން އަމާޒުވެފައި ވާއިރު، ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ވަނީ އެމެރިކާގެ މުހިންމު ޓެކްނޮލޮޖީތަކާއި އިންވެސްޓްމަންޓުތައް ޗައިނާއަށް ދިޔުމުގެ ފުރުސަތުތައް ހަނިކުރައްވައިފަ އެވެ. އަދި ޗައިނާއިން ވެސް ވަނީ މިފަދަ ފިޔަވަޅުތަކެއް އެމެރިކާއާ ދެކޮޅަށް އަޅާފަ އެވެ.

މި ނުތަނަވަސްކަމާ އެކު އެޕަލް އިން ވަނީ އިންޑިއާގައި ތައްޔާރުކުރާ އެ ކުންފުނީގެ އުފެއްދުންތަކުގެ މިންވަރު މަތިކޮށްފަ އެވެ. މިދިޔަ މާލީ އަހަރު އެކަނި ވެސް އިންޑިއާގައި 7 ބިލިއަން ޑޮލަރުގެ އެޕަލް އުފެއްދުންތައް ތައްޔާރުކޮށްފައިވާ ކަމަށް ބްލޫމްބާގް އިން ވަނީ ކުރިން ރިޕޯޓުކޮށްފަ އެވެ. އަދި އުފައްދަމުން އަންނަ އައިފޯނުތަކުގެ %7 އުފައްދަނީ އިންޑިއާގައި ކަމަށް ވެސް ބްލޫމްބާގް އިން ބުނެފައިވެ އެވެ.

އެޕަލް އިން އޭޝިއާގައި ގެންގުޅެމުން އަންނަ ސިޔާސަތާ ގުޅޭ (ވީޑިއޯ/ސީއެންބީސީ ޓެލެވިޝަން)

އެޕަލް އިން އާންމުކޮށް އައިފޯނުގެ އާ މޮޑެލްތައް އިއުލާނު ކުރަނީ ސެޕްޓެމްބަރު މަހު އެވެ. މި އަހަރު ކެމެރާ އާއި ޕްރޮސެސާ އަޕްޑޭޓުތައް ޕްރޯ މޮޑެލްގައި ހިމެނޭނެެ ކަމަށް ބްލޫމްބާގް އިން ބުނެ އެވެ.

ފޮކްސްކޮންގެ ކާރުހާނާގެ އިތުރުން ޓާޓާ ގްރޫޕުން ގަނެފައިވާ ޕެގަޓްރޮން އާއި ވިސްޓްރޮން ކާރުހާނާގައި ވެސް އައިފޯނު 15 އުފައްދަން ވަރަށް އަވަހަށް ފައްޓާނޭ ކަމަށް ބްލޫމްބާގް ރިޕޯޓުގައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް