
ޓެސްލާގެ ކާރުހާނާއެއްގައި ކާރު އުފައްދަނީ
ޓެސްލާއިން ދެ ކާރެއްގެ އަގުހެޔޮ މޮޑެލްތަކެއް ލޯންޗުކޮށްފި
އިލެކްޓްރިކް އުޅަނދުތައް އުފައްދާ ވިޔަފާރިތަކުގެ މެދުގައި އޮތް ވާދަވެރިކަން ބޮޑުވަމުން އަންނަ ދަނޑިވަޅެއްގައި ޓެސްލާއިން ވިއްކާ މަގުބޫލު ދެ ކާރު މޮޑެލެއްގެ އަގުހެޔޮ ވާޝަންތަކެއް ލޯންޗުކޮށްފި އެވެ.
ޓެސްލާގެ ވެބްސައިޓުގައިވާ ގޮތުން މޮޑެލް އެކްސް އަދި މޮޑެލް ވައިގެ އާ ދެ ވާޝަންގެ އަގު ކުރިއަށް ވުރެ 10،000 ޑޮލަރު (154.000ރ.) ހެޔޮވާނެ އެވެ. އެގޮތުން މޮޑެލް އެކްސް ސްޓޭންޑަޑް ރޭންޖް 88،490 ޑޮލަރު (1.3 މިލިއަން ރުފިޔާ)އަށް ލިބެން ހުރި އޭގެ އަގުބޮޑު ވައްތަރު ލިބެން ހުރީ 98،490 ޑޮލަރު (1.5 މިލިއަން ރުފިޔާ) އަށެވެ.
އޮރިޖިނަލް މޮޑެލްއާ ބަލާފައި އަލަށް ލޯންޗުކުރި ސްޓޭންޑަޑް ވާޝަންގައި ފުލް ޗާޖަކުން ދުއްވޭނީ 330 މޭލުގެ ބަދަލުގައި 255 މޭލަށް ކަމަށް ވެސް ޓެސްލާ ވެބްސައިޓުގައި ވެ އެވެ.
މޮޑެލް ވައިގެ ސްޓޭންޑަޑް ވާޝަން 78،490 ޑޮލަރު (1.2 މިލިއަން ރުފިޔާ)އަށް ލިބެން ހުރި އިރު މި ކާރުގެ ފުލް ޗާފް ރޭންޖް އުޅެނީ 298 މޭލުގަ އެވެ. ނިސްބަތުން ބަލާ އިރު 88،490 ޑޮލަރު (1.3 މިލިއަން ރުފިޔާ)އަށް ލިބޭ ވައިގެ އޮރިޖިނަލް މޮޑެލް ފުލް ޗާޖުގައި ދުއްވެނީ 375 މޭލަށެވެ.
މިދިއަ ކުއާޓަރުތަކުގައި ޓެސްލާއިން އަންނަނީ ބޮޑު ފައިދާއެއް ހޯދުމުގެ ބަދަލުގައި ވިޔަފާރި ރަނގަޅު ކުރަން ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ޖޫން މަހުގެ ނިޔަލަށް ނިމުނު އެ ކުންފުނީ އެންމެ ފަހު މާލީ ކުއާޓަރުގައި ފައިދާގެ މިންވަރު ހުރީ %9.6 ގަ އެވެ. މިއީ ފާއިތުވެދިޔަ ފަސް ކުއާޓަރުގެ ތެރޭގައި އެ ކުންފުނީގެ ފައިދާގެ ނިސްބަތް މިހާ ދަށްވި ފުރަތަމަ ފަހަރެވެ.
ޓެސްލާއިން އަގުތައް ދަށްކޮށް ވިޔަފާރި ފުޅާކުރަން މަސައްކަތް ކުރަމުން މި އަންނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކާރު އުފައްދާ ގިނަ ކުންފުނިތަކުން އިލެކްޓްރިކް އުޅަނދުތައް އުފައްދަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ.
ޓެސްލާއިން ވަނީ މިދިއަ އާދިއްތަ ދުވަހު ޗައިނާގެ މާކެޓުގައި ވިއްކަމުން އަންނަ މޮޑެލް ވައި އާއި މޮޑެލް 3ގެ އަގުތައް ވެސް ދަށްކޮށްފަ އެވެ. އެ ކުންފުނީގެ އެންމެ ދުވަސްވީ މި ދެ މޮޑެލްގެ އަގު ހެޔޮކުރީ އެ މޮޑެލްތަކުގެ ވިޔަފާރި އަލުން ދިރުވަން ކަމަށް ބެލެވެ އެވެ.