ޗައިނާގައި ހުންނަ ޓެސްލާ ކާރުހާނާގައި ތައްޔާރުކޮށް ނިންމާފައި ހުރި މޮޑެލް 3 މަރުކާގެ ކާރުތަކެއް
އަގު ހެޔޮކުރާކަން އިއުލާން ކުރުމާ އެކު ޓެސްލާގެ ހިއްސާގެ އަގު ވެއްޓިއްޖެ
ޗައިނާގައި ވިއްކަމުން އަންނަ ކާރުތަކުގެ އަގު ހެޔޮކުރާނެކަން އިއުލާން ކުރުމާ އެކު ޓެސްލާ ކުންފުނީގެ ހިއްސާގެ އަގު %3 ވެއްޓިއްޖެ އެވެ.
ޗައިނާގައި ވިއްކާ މޮޑެލް ވައިގެ ދެ މޮޑެލުން 2،000 ޑޮލަރު ކުޑަކުރާކަން ޓެސްލާއިން ޗައިނާގެ ސޯޝަލް މީޑިއާ ވެއިބޯ ޕްލެޓްފޯމުގައި ހާމަކުރީ އާދީއްތަ ދުވަހުގެ ރެ އެވެ.
އަދި ޓެސްލާއިން ވަނީ މޮޑެލް-3 ގަންނަ ކަސްޓަމަރުން އިންޝުއަރެންސް އަށް ދައްކަން ޖެހޭ 1،100 އެމެރިކާ ޑޮލަރު ވެސް އަންނަ މަހުގެ ނިޔަލާ ހަމައަށް ދައްކަން ނުޖެހޭ ގޮތް ހަދާފަ އެވެ.
ޗައިނާގެ އިލެކްޓްރިކް އުޅަނދު މާކެޓުގައި ޓެސްލާއާ އެކު ޗައިނާގެ ބީވައިޑީ، ނިއޯ އަދި އެކްސްޕެންގް ކުންފުނިން އަންނަނީ ވަރުގަދައަށް ވާދަކުރަމުންނެވެ. މި ސަބަބާ ހުރެ މިދިޔަ ކުއާޓަރުގައި ޓެސްލާއަށް ލިބުނު ފައިދާ ވެސް ވަނީ ވަރަށް ބޮޑުތަން ދަށަށް ގޮސްފަ އެވެ.
ޗައިނާގެ ކުންފުނިތަކުން ޓެސްލާގެ މައްޗަށް ކުރިއެރުންތަކެއް ހޯދަމުން އައި ނަމަވެސް ޓެސްލާއިން ވަނީ ޝަންހާއީގައި ހުންނަ ގިގަފެކްޓަރީގައި އުފައްދާ އުޅަނދުތަކުގެ އަދަދު މައްޗަަށް ޖައްސާފަ އެވެ.
ހުރި ކާރުތައް ވިއްކާ ހުސްކޮށް ޑެލިވަރީތައް އިތުރު ކުރުމަށްޓަކައި ޓެސްލާއިން ވަނީ މި އަހަރާއި މިދިޔަ އަހަރު އެކި ފަހަރު މަތިން އެކި މާކެޓުތަކުގައި އަގުތައް ހެޔޮކޮށްފަ އެވެ.