މީހަކު ފޯނުން ވަޓްސްއެޕް ބޭނުންކުރަނީ.

ވަޓްސްއެޕް އިން ވީޑިއޯ މެސެޖު ތައާރަފްކޮށްފި

ޗެޓު ކުރަމުން 1 މިނެޓުގެ ވީޑިއޯ ރެކޯޑުކޮށް ފޮނުވާލެވޭ މި ފީޗާ އެޕްލިކޭޝަން އަޕްޑޭޓު ކުރުމުން ލިބޭނެ

ވަޓްސްއެޕް އެޕްލިކޭޝަނުގެ ޗެޓުތަކުގައި މިހާރު ވީޑިއޯ ރެކޯޑުކޮށް ފޮނުވޭނެ ކަމަށް، މެޓައަށް ނިސްބަތްވާ ވަޓްސްއެޕް ކުންފުނިން ބުނެފި އެވެ.

އެ ޕްލެޓްފޯމް އިން މިދިޔަ ހަފްތާގައި ބުނި ގޮތުގައި، އެޕްލިކޭޝަންގެ ތެރެއިން މިހާރު ވަގުތުން 60 ސިކުންތުގެ ވީޑިއޯއެއް ރެކޯޑު ކުރުމަށް ފަހު ފޮނުވާލެވޭނެ އެވެ. މިގޮތަށް ފޮނުވާ ވީޑިއޯ ވެސް ވަޓްސްއެޕްގެ ޗެޓުތަކެކޭ އެއްގޮތަށް ހުންނާނީ އެންކްރިޕްޓު ކުރެވިފަ އެވެ. 

"އަހަރެމެންނަށް ހީވާ ގޮތުގައި ވީޑިއޯ އިން ލިބޭ ހުރިހާ އަސަރުތަކާ އެކު މިވެގެން ދާނީ ވަގުތުތައް ހިއްސާކޮށްލުމަށް މަޖާ ގޮތަކަށް، އެއީ މީހަކަށް އުފަންދުވަހުގެ ތަހުނިޔާ ފޮނުވަން ވިޔަސް، ޖޯކަކަށް ހޭން ވިޔަސް، ނުވަތަ އުފާވެރި ހަބަރެއް ހިއްސާކޮށްލަން ވިޔަސް،" ވަޓްސްއެޕް އިން މިދިޔަ ބުރާސްފަތި ދުވަހު ޝާއިއުކުރި ބްލޮގް ޕޯސްޓެއްގައިވެ އެވެ.

އަލަށް ތައާރަފުކުރި މި ފީޗާ، މިހާރު ވެސް އެ ޕްލެޓްފޯމުގައި ކަސްޓަަމަރުން ބޭނުންކުރަމުން އަންނަ ވޮއިސް މެސެޖު ފީޗާއާ އެއްގޮތް ވާނެ ކަމަށް ވަޓްސްއެޕް އިން ބުނެ އެވެ. އަދި އަތް ނުލާ ވީޑިއޯ ރެކޯޑު ކުރެވެން ހުންނާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.

ވަޓްސްއެޕް އިން އަލަށް ތައާރަފްކުރި މި ފީޗާ ކުރިއަށް އޮތް ހަފްތާތަކުގައި އެ އެޕްލިކޭޝަން އަޕްޑޭޓު ކުރުމުން ކަސްޓަމަރުންނަށް ބޭނުން ކުރެވޭނެ އެވެ.

ވަޓްސްއެޕް އިން އަލަށް ތައާރަފް ކުރި ފީޗާއާ ބެހޭ (ވީޑިއޯ/ޒީ ބިޒްނަސް)

މި އަހަރުގެ ކުރީ ކޮޅު ވަޓްސްއެޕް އިން ވަނީ ފޮނުވާފައިވާ މެސެޖެއް ރަނގަޅު ކުރަން ބޭނުން ނަމަ ފޮނުވިތާ 15 މިނެޓު ތެރޭގައި އެ މެސެޖު ރަނގަޅު ކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފަހިކޮށްދީފަ އެވެ.

ވަޓްސްއެޕް އިން އާ ފީޗާއެއް ލޯންޗުކޮށްފައި މި ވަނީ އެ ކުންފުނީގެ ބެލެނިވެރި ކުންފުނި ކަމަށްވާ މެޓަގެ މި އަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ވަރަށް ބޮޑުތަން ރަނގަޅުވެފައި ވަނިކޮށެވެ. މިދިޔަ އަހަރު މެޓަ ކުންފުނީގެ ހިއްސާގެ އަގު ވަރަށް ބޮޑުތަން ދަށަށް ދިޔަ ނަމަވެސް، މި އަހަރު ފެށުނު ފަހުން ކުންފުނީގެ ހިއްސާގެ އަގު ވަނީ %150 މައްޗަށް ޖެހިލާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް