ފާއިތުވެދިޔަ 38 އަހަރު ކެމްބޯޑިއާގައި ވެރިކަން ކުރައްވާފައިވާ ހުން ސެން
ކެމްބޯޑިއާ ބޮޑުވަޒީރު އިންތިހާބާ ދިމާކޮށް ފޭސްބުކް ބަންދުކޮށްފާނޭ ކަމުގެ އިންޒާރު ދެއްވައިފި
ފޭސްބުކްގެ ކޮމިޓީއަކުން ކެމްބޯޑިއާގެ ލީޑަރު ހުން ސެން ބްލޮކު ކުރުމަށް ލަފާދިނުމުން، އެ ޕްލެޓްފޯމު ކެމްބޯޑިއާގައި ބްލޮކު ކޮށްފާނޭ ކަމުގެ އިންޒާރު ހުން ސެން ދެއްވައިފި އެވެ.
ކެމްބޯޑިއާގެ އިދިކޮޅު ލީޑަރުންނަށް ހަމަލާދީ ހަމަނުޖެހުންތައް ހިންގުމަށް ހުން ސެން ގޮވާލާ ވީޑިއޯއެއް މިދިޔަ ޖަނަވަރީ މަހުން ފެށިގެން ފޭސްބުކްގައި ދަނީ ދައުރުވަމުންނެވެ. މި ވީޑިއޯ މިހާތަނަށް 600،000 ފަހަރު ވަނީ ބަލާފަ އެވެ.
ފޭސްބުކް ބަންދުކޮށްފާނޭ ކަމުގެ އިންޒާރު ހުން ސެން ދެއްވާފައި މިވަނީ، އޭނާގެ ދިގު 38 އަހަރުވީ ވެރިކަން ދެމެހެއްޓުމަށް ކުރިއަށް އޮތް އިންތިހާބަށް ކެމްޕެއިން ކުރައްވަން ފައްޓަވަން މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށެވެ.
ފޭސްބުކްއާ ވަރަށް ރަހުމަތްތެރި ހުން ސެންގެ ޕޭޖު ފޮލޯ ކުރާ 14 މިލިއަން މީހުން އެބަ ތިއްބެވެ. ނަމަވެސް ބުރާސްފަތި ދުވަހު ފޭސްބުކް އިން ބޭރުވުމަށް ފަހު ހުން ސެން ވަނީ އެ ޕްލެޓްފޯމު މުޅި ކެމްބޯޑިއާގައި ވެސް ބަންދުކުރައްވަފާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.
ހުން ސެން ހުކުރު ދުވަހު ޕުރްސަތު ޕްރޮވިންސުގައި އަންނައުނު ސިނާއަތުގެ މަސައްކަތްތެރިންނާ ބައްދަލުކުރައްވާ ވިދާޅުވީ، އަރުވާލެވިގެން ތިބި އިދިކޮޅު ސިޔާސީ މީހުން ގައުމުގެ ރައްޔިތުންނާ ވާހަކަދެއްކުން ހުއްޓުވުމަށް ފޭސްބުކް ޕްލެޓްފޯމު "މަދު ވަގުތުކޮޅަކަށް ނުވަތަ ތާއަބަދަށް" ބަންދުކުރައްވަފާނެ ކަމަށެވެ.
"ބޮޑާނުވޭ. ކަލޭމެން ތި ތިބީ ގައުމުން ބޭރުގައި، ކަލޭމެން މުއާމަލާތު ކުރުމަށް ތި ބޭނުން ކުރަނީ ފޭސްބުކް، އަހަރެމެންނަށް ފޭސްބުކް ބްލޮކް ކުރެވިދާނެ،" ހުން ސެން އިންޒާރު ދެއްވި އެވެ.
ހުން ސެން ވަނީ ފޭސްބުކް ދޫކޮށް ޓެލެގްރާމާއި ޓިކްޓޮކް ފަދަ އެހެން ޕްލެޓްފޯމުތަކަށް ކެމްބޯޑިއާ ރައްޔިތުން ބަދަލުވުމަށް ބާރުއަޅުއްވާފަ އެވެ.
ފޭސްބުކް އިން އަމިއްލަފުޅަށް ނުކުމެވަޑައިގަތުމުގެ ކުރިން ހުން ސެން ވަނީ ޓެލެގްރާމް ޗެނަލެއް ހައްދަވައި 800،000 އެއްހާ ފޮލޮވަރުން އެއްކުރައްވާފަ އެވެ. ކެމްބޯޑިއާގައި ސިޔާސީ ކަންކަމަށް ބޭނުން ކުރަމުން އަންނަނީ ޓެލެގްރާމެވެ.
ހުން ސެން އަށް ފާޑުކިޔާ ފަރާތްތަކުން ގެންދަނީ އޭނާގެ ސޯޝަލް މީޑިއާގައި ފޮލޮވަރުން އެހާ ގިނައީ ފޭކް އެކައުންޓުތަކާއި ބޮޓުތަކުގެ ސަބަބުން ކަމަށް ތުހުމަތު ކުރަމުންނެވެ.
ފޭސްބުކްގެ ވެރި މެޓަ ކުންފުނީގެ ބޯޑަކުން ހުން ސެން ފޭސްބުކް އިން ބޭރުކުރުމަށް ލަފާދީފައި ވަނީ ހަ މަސް ދުވަހަށެވެ. ޖަނަވަރީ މަހުން ފެށިގެން ދައުރުވަމުންދާ ވީޑިއޯގައި އޭނާ އިންޒާރުދެއްވީ އިދިކޮޅު ލީޑަރުންނަށް އޮތީ "ގާނޫނީ ފިޔަވަޅާ ކޯޓުގެ ތެރެއިން ކުރިމަތިލުން، ނުވަތަ އަހަރެން [ކެމްބޯޑިއަން ޕީޕަލްސް ޕާޓީގެ] މީހުން އެއްކޮށް ހަމަނުޖެހުމެއް ހިންގާ ކަލޭމެންނާ މާރާމާރީ ހިންގުން" ކަމަށް ވިދާޅުވެ އެވެ.
ފޭސްބުކް އިން ހުން ސެން ބްލޮކު ކުރުމަށް ލަފާ ދިންތާ މާ ގިނަ އިރުތަކެއް ނުވަނީސް ހުން ސެން ވަނީ އޭނާގެ އެކައުންޓު ބަންދުކުރުމަށް އެސިސްޓަންޓަށް އަންގާފަ އެވެ.
ކެމްބޯޑިއާގެ ބޮޑުވަޒީރުކަން 38 އަހަރަށް ވުރެ ދިގު މުއްދަތަކަށް ކުރައްވަމުން ގެންދަވާ ހުން ސެން އަކީ ވެރިކަމުގައި އެންމެ ގިނަ ދުވަސްވީ ދުނިޔޭގެ ލީޑަރުންގެ ތެރެއިން އެއް ބޭފުޅާ އެވެ. އޭނާގެ ވެރިކަމުގައި އިންސާނީ ހައްގުތަކަށް އަރައިގަތުމާއި އިދިކޮޅު ފަރާތްތައް އެކީ ނައްތާލުމުގެ ތުހުމަތުތައް ތަކުރާރުކޮށް ފެންމަތިކޮށްފައިވެ އެވެ.
އެގޮތުން ހުން ސެންއާ އިދިކޮޅުން ވާދަކުރައްވާ ކެމް ސޮކްހާގެ މައްޗަށް ގައުމަށް ގައްދާރުވިކަމުގެ ތުހުމަތު އުފުލާ، އެ ކުށް ސާބިތުވެ، އޭނާ މިހާރު ހުންނެވީ 27 އަހަރުގެ ދިގު މުއްދަތަކަށް ގޭބަންދުގަ އެވެ. އަދި އެއަށް ފަހު ހުން ސެންއާ އެންމެ ގާތުން ވާދަކުރަމުން އައި ކެންޑަލްލައިޓް ޕާޓީގެ ކެންޑިޑޭޓް މިދިޔަ މޭ މަހު އިންތިހާބަށް ކުރިމަތިލުމުން، ލިޔެކިޔުންތަކުގައި މައްސަލަތަކެއް ހުރި ކަމަށް ބުނެ ކެމްބޯޑިއާގެ އިލެކްޝަންސް ކޮމިޝަނުން ވަނީ އޭނާ ޑިސްކޮލިފައި ކޮށްލާފަ އެވެ.
އެހެންކަމުން މި މަހު ކެމްބޯޑިއާގައި އޮންނަ އިންތިހާބުގައި ހުން ސެންއާ އިދިކޮޅަށް ވާދަކުރައްވަން ތިއްބެވި ވަރުގަދަ ދެ ލީޑަރަކު އިންތިހާބުގައި ބައިވެރިވެވަޑައެއްނުގަންނަވާނެ އެވެ.
މެޓަ ކުންފުނީގެ ފޭސްބުކް އާއި އިންސްޓަގްރާމް ދޫކޮށް ޓިކްޓޮކް އާއި ޓެލެގްރާމަށް ބަދަލުވުމަށް ހުން ސެން އާންމުންނަށް ބާރުއަޅުއްވަމުން ގެންދަވާއިރު، ކެމްބޯޑިއާގެ ހާރިޖީ ވިސްނުން ވެސް މިސްރާބު ޖަހާފައި ހުރީ މި ދެ ޕްލެޓްފޯމު އެންމެ ބޮޑަށް ބޭނުންކުރަމުންދާ ރަޝިޔާ އާއި ޗައިނާއާ ދިމާލަށެވެ.
ޗައިނާ އާއި ރަޝިޔާއާކީ ވެސް އާންމުން ހިޔާލު ފާޅު ކުރުމުގެ ހައްގަށް އިންތިހާއަށް ހުރަސް އަޅާ، އިދިކޮޅު ސިޔާސީ ފަރާތްތައް ޖަލަށްލާ، ވެރިކަމުގައި މިހާރު ތިއްބެވި ބޭފުޅުން ދިރިތިއްބާ އެ މަގާމުތަކުން ފައިބާނެ ކަމުގެ އެއްވެސް ހިލަމެއް ފެންނަން ނެތް ގައުމުތަކެވެ.