އާޓިފިޝަލް އިންޓެލިޖެންސް.

އާޓިފިޝަލް އިންޓެލިޖެންސަކީ ކޮބާ؟

އޭއައިގެ ސަބަބުން އިންސާނިއްޔަތަށް އޮތް ފުރުސަތުތައް ގިނަ އިރު، ނުރައްކާތައް ވެސް ބޮޑު ކަމަށް މާހިރުން ދެކޭ

ޒަމާނީ ދިރިއުޅުމާ ގުޅިފައިވާ ގިނަ ކަންތައްތަކަކަށް އިންގިލާބެއް ގެނުވަމުން އަންނަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ ދާއިރާ އަންނަނީ ހަލުވި ސްޕީޑެއްގައި ތަރައްގީވަމުންނެވެ. ނަމަވެސް، މި ޓެކްނޮލޮޖީ ނުބައި ކަންކަމަށް ބޭނުންކޮށްފާނެތީ އާއި ގިނަ ބައެއްގެ ވަޒީފާތައް ނެތި ކޮށްލަފާނެތީ މާހިރުން ކަންބޮޑުވެ އެވެ. 

އޭއައި އަކީ ކޮބާ؟

އޭއައި އިން ކޮމްޕިއުޓަރަކަށް ވިސްނާ ފިކުރުކޮށް، އަމަލުކޮށް އަދި ޖަވާބުދާރީ ވުމުގެ ފުރުސަތުތައް އިންސާނެއް ފަދައިން ފޯރުކޮށް ދެ އެވެ.

ކޮމްޕިއުޓަރަކަށް ގިނަ އަދަދެއްގެ މައުލޫމާތުތަކެއް އަޅައި އެ މައުލޫމާތުތަކުން އެކި ކަހަލަ ގުޅުން ހުރި ކަންކަން ހޯދުމަށް އެއަށް ތަމްރީނު ދެވިދާނެ އެވެ. މިސާލަކަށް، ކަންކަން ވުމުގެ ފުރުސަތު އޮތް މިންވަރާއި ކަމެއް ހައްލު ކުރާނެ ގޮތާ އަދި ކޮމްޕިއުޓަރު އަމިއްލައަށް ގޯސްކޮށް ނިންމާ ކަންކަން ދެން ފަހަރަކުން ރަނގަޅު ކުރާނެ ގޮތް ވެސް ދަސްކޮށްދެވިދާނެ އެވެ. 

ޑޭޓާ (މައުލޫމާތު)ގެ އިތުރުން އޭއައި ބަރޯސާ ވަނީ ގަވާއިދުތަކަށެވެ. ކަމެއް ހާސިލު ކުރުމަށް ނުވަތަ ރަނގަޅު ޖަވާބެއް ހޯދުމަށް ވަކި ގަވާއިދުތަކަކަށް އަމަލު ކުރުމަށް ކޮމްޕިއުޓަރަށް އެންގިދާނެ އެވެ. ޕްރޮގްރާމު ކުރެވިދާނެ އެވެ. 

މިހާރު ވެސް އަހަރެމެން ގެންގުޅޭ ފޯނުތަކާއި އެހެނިހެން އާލާތްތަކުގައިވާ 'ސިރީ' އާއި 'އެލެކްސާ' ފަދަ ޕްރޮގްރާމުތަކަކީ މި ޓެކްނޮލޮޖީ އެވެ. މި ޓެކްނޮލޮޖީ ބޭނުންކޮށް ސްޕޮޓިފައި އާއި ޔޫޓިއުބް ފަދަ ހިދުމަތްތަކުން ކަސްޓަމަރުން ދެން ބަލައި ނުވަތަ އަޑުއަހަން ބޭނުންވާ ލަވަތައް ލަފާކޮށް، ކަސްޓަމަރަށް ދައްކަ އެވެ. އަދި ފޭސްބުކް އާއި ޓުވިޓާ ފަދަ ހިދުމަތްތަކުން ކަސްޓަމަރަށް ދައްކާނެ ޕޯސްޓުތައް ނިންމަނީ ވެސް މި ޓެކްނޮލޮޖީ ބޭނުންކޮށްގެންނެވެ. ބޭނުމަކީ ކަސްޓަމަރުންގެ ސަމާލުކަން ހޯދުމެވެ.

އެމެޒޯން ފަދަ އޮންލައިން ވިޔަފާރި ވެބްސައިޓުތަކުގައި ކަސްޓަމަރަކު ގަންނާނެހެން ހީވާ އުފެއްދުންތައް ދައްކާލަދެ އެވެ. އަދި ބޭންކު ފަދަ ތަންތަނުން ލޯނެއް ތައާރަފް ކުރުމުގެ ކުރިން އެފަދަ ލޯނަކަށް އެދޭނެ ކަސްޓަމަރުންގެ އަދަދުތައް އަންދާޒާކުރެ އެވެ. ސަރުކާރާއި ކުންފުނިތަކުގެ މާލީ ހިސާބުތައް ހުރީ ކަންބޮޑުވާން ޖެހޭ ފަދަ ހާލަތެއްގައިތޯ ވެސް ލަފާކުރެ އެވެ.

މި ހުރިހާ ކަމެއް ވެސް ކުރަނީ މިހާތަނަށް އެއްކޮށްފައި ހުރި އެތައް ބިލިއަން ނުވަތަ ޓްރިލިއަން މައުލޫމާތުތަކެއް ބޭނުންކޮށްގެން، ކަންކަން ހިނގަމުން އައިސްފައި ހުރި ގޮތާ އަޅާބެލުމަށް ފަހު ހިސާބުތަކެއް ޖަހައި އަންދާޒާތަކެއް ކޮށްގެނެވެ. ދެން ނުކުންނާނެ އެންމެ ކައިރި ނަތީޖާ ދައްކުވައިދީގެންނެވެ. ސުވާލަކަށް ދޭންވީ އެންމެ އެކަށީގެންވާ ޖަވާބު އުފައްދައިގެންނެވެ. 

ޗެޓްޖީޕީޓީ އާއި ސްނެޕްޗެޓުގެ މައި އޭއައި އަކީ ކޮބާ؟

ފާއިތުވެދިޔަ މަދު މަސްތަކެއްގެ ތެރޭ އެންމެ މަޝްހޫރު ވެގެން ގޮސްފައިވާ އޭއައިގެ އެންމެ ބާރުގަދަ ދެ ހިދުމަތަކީ ޗެޓްޖީޕީޓީ އާއި ސްނެޕްޗެޓްގެ މައި އޭއައި ފީޗާ އެވެ.

މިއީ 'ޖެނެރޭޓިވް' އޭއައި އެވެ. ދިވެހިން ބުނަނީ ނަމަ، އަމިއްލައަށް އުފެއްދުމުގެ ބާރު ލިބިފައިވާ އޭއައިތަކެވެ. ކުރަން ހަވާލުކުރެވޭ ކަންކަމުން ނުކުންނަ ނަތީޖާތައް ދަމައިގަނެ (ސޭވްކޮށް)، އިންސާނުން އެ ނަތީޖާއާ މެދު ދޭ އިރުޝާދުތައް ދެވަނަ ފަހަރަކަށް ދަސް ކުރާ ނިޒާމުތަކެކެވެ. މިފަދަ ނިޒާމުތަކުން ނަތީޖާތައް ނެރެނީ އޮރިޖިނަލް ކޮށެވެ. މީގެ މާނައަކީ ކުރިން އެއްވެސް ގޮތަކަށް މީހަކު ދީފައި ނުވާ ޖަވާބުތަކެއް، ފޮޓޯތަކެއް ނުވަތަ ވީޑިއޯތަކެއް އުފެއްދުމެވެ. އިންސާނަކު އުފައްދާފައިވާ އެއްޗެއް ފަދައިންނެވެ. އެ ފެންވަރުގަ އެވެ. އެތައް ބިލިއަން ނުވަތަ ޓްރިލިއަން މައުލޫމާތުތަކެއްގެ މައްޗަށް ބަރޯސާވެ، އެފަދަ މައުލޫމާތުތަކުގައި ހުރި ދަމައިގަނެވޭނެ އެއްގޮތް ކަންކަމުގެ މައްޗަށް ބިނާކޮށެވެ.

މިފަދަ އޭއައި ޓެކްނޮލޮޖީއެއް 'ޗެޓްބޮޓް' ކިޔާ ކޮމްޕިއުޓަރު ޕްރޮގްރާމަކާ ގުޅާލުމުން އިންސާނުންނާ ލިޔުމުން 'ވާހަކަ' ދައްކަ އެވެ. މިފަދަ އެޕްލިކޭޝަންތަކުގައި ސުވާލުތަކަށް ޖަވާބު ދިނުމާއި ވާހަކަ ކިޔައިދިނުމާއި ކޮމްޕިއުޓަރު ކޯޑު ލިޔުމުގެ ގާބިލުކަން ހުރެ އެވެ. 

ނަމަވެސް، މި ދެ ވައްތަރުގެ ޕްރޮގްރާމްތަކުން ވެސް ބައެއް ފަހަރު ނުރަނގަޅު ޖަވާބުތައް ދިނުން އެކަށީގެންވެ އެވެ. އަދި ވަކި ވިސްނުމަކަށް ބުރަވާ، މިސާލަކަށް ވަކި ޖިންސަކަށް ނުވަތަ ނަސްލަކަށް ބުރަވާ ޖަވާބުތަކެއް ވެސް ދީފާނެ އެވެ. 

އޭއައިގެ ނުރައްކާ އެބައޮތްތަ؟

އޭއައި އަކީ އޮޕަރޭޓު ކުރަންވީ ގޮތުގެ ގަވާއިދުތައް އަމިއްލައަށް ބައްޓަން ކުރުމުގެ ގާބިލުކަން ލިބިފައިވާ ނިޒާމުތަކެކެވެ. އަދި މި ޓެކްނޮލޮޖީ ފައްކާ ކުރުމަށް ހަލުވިކަމާ އެކު  ކުންފުނިތަކުން މިހާރު ރޭސް ޖަހަމުން އަންނަ އިރު، އޭއައި ބޭނުންކުރާނޭ ގޮތުގެ މާ ފުރިހަމަ ގަވާއިދުތަކެއް އެއްވެސް ގައުމެއްގައި އަދި އެކުލަވާލާފައެއް ނެތެވެ. ސަބަބަކީ މިއީ އާ ކަމަކަށް ވުމެވެ. 

އެހެންކަމުން، ހަލުވި ސްޕީޑެއްގައި އޭއައި ނިޒާމުތައް ކުރިއަރައިގެން ދިޔުމަކީ ބިރުވެރި ކަމެއް ކަމަށާއި މި ދިރާސާތައް މަޑުޖައްސާލަން ޖެހޭ ކަމަށް ބައެއް މާހިރުން ވަނީ ގޮވާލާފަ އެވެ.

ވަރަށް އަވަހަށް އޭއައި ޗެޓުބޮޓުތައް އިންސާނުންނަށް ވުރެ ވިސްނުން ތޫނުވާނެ ކަމަށް ބުނެ، އޭއައި ޓެކްނޮލޮޖީގެ ބައްޕަގެ ގޮތުގައި މަޝްހޫރު ވެފައިވާ ޖޮފްރީ ހިންޓަން ވަނީ މިދިޔަ މަހު އޭނާ ގޫގުލްގައި އަދާކުރަމުން އައި ވަޒީފާއިން ވަކިވެފަ އެވެ.

ޓެކްނޮލޮޖީގައި މިވަގުތު އަރާ ތިބި މާހިރުންގެ ތާއީދާ އެކު އެމެރިކާގެ ސެންޓާ ފޮ އޭއައި އިން ވަނީ މިދިޔަ މަހު ފަހުކޮޅު ބަޔާނެއް ނެރެފަ އެވެ. މި ބަޔާނުގައި، އޭއައި ބޭނުންކޮށްގެން ދޮގު މައުލޫމާތުތައް އުފައްދައި މުޖުތަމައުއެއްގައި ހަމަނުޖެހުމާއި ފަސާދަ އުފެއްދުމުގެ ފުރުސަތު އޮތް ކަމަށް އެ މާހިރުން ވަނީ ފާހަގަކޮށްފަ އެވެ.  މިސާލަކަށް، ސިޔާސީ ލީޑަރުންގެ ވީޑިއޯ، ފޮޓޯ އަދި މި ނޫނަސް ކޮންމެވެސް އެހެން އެންމެ ފުރިހަމަ ކޮލިޓީގައި އޭއައި ބޭނުންކޮށް ހަދާލުމަކީ މާ ގިނަ އިރުތަކެއް ނަގާ ކަމެއް ނޫނެވެ. ދޮގާއި ފަސާދަ އުފެއްދުމުގެ ބޭނުމުގަ އެވެ. ނުވަތަ ވަކި މީހަކު މާ މޮޅު ކަމަށް ދެއްކުމުގެ ބޭނުމުގަ އެވެ.  

މި ބަޔާނުގައި އަލިއަޅުވާލާފައިވާ އެންމެ ބިރުވެރި ހާލަތަކީ އިންސާނުންނަށް ވުރެ އޭއައި ޓެކްނޮލޮޖީތައް އެތައް ގުނައެއް ވިސްނުން ތޫނުވެގެން ގޮސް، އިންސާނީ ދަރިފަސްކޮޅު ނެތިކޮށްލާ ހިސާބަށް ކަންކަން ދިޔުމެވެ. 

ނަމަވެސް، މިވަގުތު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އޭއައި ނިޒާމުތަކުން ވަކި ކޮޅަކަށް ބުރަ ވުމާއި ވަކި ފަރާތްތަކަކާ މެދު ތަފާތުކުރުންތައް ގެންގުޅުން ކަމަށް، ޔޫރަޕިއަން ޔޫނިއަންގެ ޓެކްނޮލޮޖީގެ ވެރިޔާ މާގެތެ ވެސްޓާޖާ ބީބީސީ ނޫހަށް ވިދާޅުވި އެވެ. ވަކިން ހާއްސަކޮށް، އޭއައި ނިޒާމުތަކުން މީހުންގެ ދިރިއުޅުމަށް ގެނުވަފާނޭ ބަދަލުތައް، މިސާލަކަށް ލޯނު އެޕްލިކޭޝަންތަކާ މެދު ގޮތްތައް ނިންމުމާއި އިންތިހާބުތަކަށް ނުފޫޒު ފޯރުވުން ފަދަ ކަންކަން ވެސްޓާޖާ ފާހަގަކުރެއްވި އެވެ.

އަނެއް ކޮޅުން ބަލާއިރު، އޭއައިގެ ގާބިލުކަމާ މެދު ބިނާކުރަނިވި ގޮތަކަށް ވިސްނާ މާހިރުން ވެސް އެބަ ތިއްބެވި އެވެ. މި ޓެކްނޮލޮޖީއާ މެދު އެންމެން މާ ބޮޑަށް ކަންބޮޑުވުމުގެ ބަދަލުގައި، ވިސްނުންތެރި ބިނާކުރަނިވި މަޝްވަރާތަކެއް ބޭއްވުމަށް ޓެކްނޮލޮޖީ މާހިރު ލޭން ފޮކްސް ވަނީ ބާރު އަޅުއްވާފަ އެވެ. 

އޭއައިއާ ގުޅޭ ފިޔަވަޅުތަކަކީ ކޮބާ؟

އޭއައި ގާނޫނީ އިމަކަށް ފައްތާނެ ގޮތަކާ މެދު ދުނިޔޭގެ އެކި ސަރުކާރުތަކުން މިވަގުތު ތިބީ ބޯ ކަހާށެވެ. ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ޕާލިމަންޓުން ވަނީ އާޓިފިޝަލް އިންޓެލިޖެންސްއާ ބެހޭ ގާނޫނެއް ހަދައި އެއަށް ވޯޓުދީ ފާސްކޮށްފަ އެވެ. މިއާ އެކު، އީޔޫގައި އޮޕަރޭޓު ކުރާ ކުންފުނިތަކުން އޭއައިއާ ގުޅޭ ހަރުކަށި ގާނޫނީ އިމަކަށް ފެތެން މަޖުބޫރުވެގެން ދެ އެވެ.

މާގެތެ ވެސްޓާޖާ ވިދާޅުވި ގޮތުގައި، އޭއައިއާ ގުޅޭ އެންމެ ބޮޑެތި ބިރުތަކުން ސަލާމަތްވުމަށް "ގާޑުރެއިލް ތަކެއް" (އިންތަކެއް) ހުންނަން ޖެހެ އެވެ. 

އީޔޫގެ މި ގާނޫނަށް އަމަލުކުރަން ފަށާނީ 2025 ވަނަ އަހަރު އެވެ. މި ގާނޫނުގައި، އޭއައި އެޕްލިކޭޝަންތައް ބަހާލާފައި ވަނީ ކަސްޓަމަރުންނަށް (އާންމުންނަށް) އޮތް ބިރުގެ މިންވަރުތައް ގިންތި ކޮށެވެ. މިސާލަކަށް، އޭއައި ބޭނުންކުރާ ވީޑިއޯ ގޭމުތައް ހިމަނާފައި ވަނީ އެންމެ ބިރު ކުޑަ ގިންތީގަ އެވެ. އެންމެ ނުރައްކާތެރި ގިންތީގައި ހިމަނާފައިވާ އޭއައި ބޭނުންކުރާ ހިދުމަތްތަކުގެ ތެރޭގައި، ކަސްޓަމަރުންނަށް ލޯނުތަކާއި ބޯހިޔާވަހިކަން ދިނުމާ މެދު ގޮތްތައް ނިންމާ ނިޒާމުތައް ހިމެނެ އެވެ. 

މި ގަވާއިދުތަކަށް އިނގިރޭސިވިލާތުގައި އަމަލެއް ނުކުރާނެ އެވެ. އިނގިރޭސި ސަރުކާރުން އޭއައިއާ ގުޅޭ ތަސައްވުރު ހާމަކޮށްފައި ވަނީ މިދިޔަ މާޗު މަހު އެވެ. މި ތަސައްވުރުގެ ދަށުން، އޭއައިއާ ބެހޭ ކަންކަން ބެލެހެއްޓުމަށް ވަކި ފަރާތެއް ކަނޑައެޅުމުގެ ބަދަލުގައި މިހާރު ހުރި އިދާރާތަކުން މިކަންކަން ބެހެލެއްޓުމަށް އިނގިރޭސި ސަރުކާރުން ވަނީ ނިންމާފަ އެވެ. 

އެމެރިކާގައި، މިހާރު ހުރި އިދާރާތަކަށް އޭއައިގެ ކަންކަން ބެހެލެއްޓިދާނެ ކަމާ މެދު އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އޭއައި ރޭހުގައި ވާދަކުރަމުން އަންނަ، ދުނިޔޭގެ އަނެއް ފަރާތުގައި އޮތް ޗައިނާގައި ކުންފުނިތަކުން އޭއައި ބޭނުންކުރާ ނަމަ ކަސްޓަމަރުންނަށް އެކަން އަންގަން ޖެހޭ ގޮތަށް ގަވާއިދުތަކެއް އެކުލަވާލުމަށް ބެއިޖިންގް އިން ދަނީ ވިސްނަމުންނެވެ.  

އޭއައިގެ ބިރު އޮތީ ކޮން ކަހަލަ ވަޒީފާތަކަކަށް؟

އޭއައިގެ ގާބިލުކަމުގެ ސަބަބުން މަސައްކަތުގެ މާހައުލަށް ބޮޑެތި އިންގިލާބުތަކެއް އަންނާނެ ކަމަށް ވަނީ ބެލެވިފަ އެވެ. މި ޓެކްނޮލޮޖީގެ ސަބަބުން ގެއްލިގެން ދާނީ ކޮންކަހަލަ ވަޒީފާތަކެއްތޯ މިހާރު ސުވާލު ވަނީ އުފެދިފަ އެވެ.

މިފަހުން ގޯލްޑްމަން ސެކްސް އިންވެސްޓްމަންޓު ބޭންކުން ނެރެފައިވާ ރިޕޯޓެއްގައިވާ ގޮތުން، ވަޒީފާތައް އޮޓޮމޭޓުވުމުގެ ސަބަބުން 300 މިލިއަނެއްހާ މީހުންގެ ވަޒީފާ ގެއްލޭނެ ކަމަށް ވަނީ ބެލެވިފަ އެވެ. މިއީ އެމެރިކާ އާއި ޔޫރަޕުގެ ވަޒީފާ އަދާކުރާ އާބާދީގެ %25 އެވެ. 

މި ރިޕޯޓުގައި ގެއްލޭނެ ކަމަށް ފާހަގަކޮށްފައިވާ ވަޒީފާތަކުގެ ތެރޭގައި އިދާރީ، ގާނޫނީ، އާކިޓެކްޗާ އަދި މެނޭޖްމަންޓު ވަޒީފާތައް ހިމެނެ އެވެ.

އަނެއްކޮޅުން ބަލާއިރު، އޭއައިގެ ސަބަބުން ގިނަ ދާއިރާތަކަކަށް ކުރިއެރުންތައް ލިބިގެންދާނެ ކަމަށާއި ދުނިޔޭގެ ޖީޑީޕީ %7 އިތުރުވެގެންދާނެ ކަމަށް ވެސް މި ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ސިއްހީ އަދި ސައިންސް ފަދަ ބައެއް ދާއިރާތަކުގައި އޭއައި ބޭނުންކޮށްގެން ޑޮކްޓަރުން އަންނަނީ އުރަމަތީގެ ކެންސަރު ދެނެގަތުމާއި އާ ވައްތަރުގެ އެންޓިބައޮޓިކްސް އުފެއްދުމަށް ކުރިއެރުންތަކެއް ހޯދަމުންނެވެ. 

އޯޕަންއޭއައި ކުންފުނީގެ އެކްސްޕެރިމަންޓެއް (ވީޑިއޯ/ޓޫމިނެޓް ޕޭޕާސް)

މަތީގައިވާ ވީޑިއޯ އިން ދައްކުވައި ދެނީ ސައިންވެރިން ކޮމްޕިއުޓަރު ލައްވާ ކުޅުވާ 'ހައިޑް އެންޑް ސީކް' (ފީކޯއި) ގޭމެކެވެ.

ސައިންވެރިން ވަނީ މި ގޭމުގެ ގަވާއިދުތަކާއި ހާސިލު ކުރަންވީ ނަތީޖާތައް އޭއައި ނިޒާމަށް ކިޔައިދީފަ އެވެ. އަދި ވަކި ވަގުތެއް ތެރޭ ނިންމަން ޖެހޭ މި ގޭމުގެ ކޮންމެ ބުރެއް ނިމުމުން އޭއައި ނިޒާމުން ވަނީ އެއް ފަހަރަށް ވުރެއް އަނެއް ފަހަރު ނަތީޖާތައް ރަނގަޅު ކުރުމަށް މަސައްކަތް ކޮށްފަ އެވެ.

ކޮންމެ ބުރެއް ނިމުމުން އޮޓޮމެޓިކުން އަނެއްކާވެސް ފެށޭ މި ގޭމު އޭއައި ނިޒާމުތަކުން އެތައް މިިލިއަން ފަހަރަކު ކުޅުމުން، އެ ނިޒާމުތަކުގައިވާ ސިހިގެންދާ ވަރުގެ ގާބިލުކަން ފާހަގަވެގެން ދެ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް