ވަޓްސްއެޕް.

މެސެޖުތައް އެޑިޓުކުރާނެ ފުރުސަތު ވަޓްސްއެޕުން ހުޅުވާލަނީ

މި ހިދުމަތް ކުރިއަށް އޮތް މަދު ހަފްތާތަކެއްގެ ތެރޭ ހުރިހާ ކަސްޓަމަރުންނަށް ހިލޭ ލިބިގެން ދާނެ

ކަސްޓަމަރުން މެސެޖުތައް ފޮނުވުމަށް ފަހު އެ މެސެޖުތައް އެޑިޓު ކުރާނެ ފުރުސަތު ހުޅުވާލުމަށް ވަޓްސްއެޕް އިން ނިންމައިފި އެވެ.

ވަޓްސްއެޕް އިން މައުލޫމާތު ދިން ގޮތުގައި މެސެޖުތައް އެޑިޓުކުރުމުގެ ފުރުސަތު މެސެޖު ފޮނުވާ ފަހުން 15 މިނެޓާ ހަމައަށް ލިބޭނެ އެވެ. 

މިއީ މިހާރު ވެސް ޓެލެގްރާމް އާއި ސިގްނަލް ފަދަ ވާދަވެރި އެޕްލިކޭޝަންތަކުން ފޯރުކޮށްދެމުން އަންނަ ހިދުމަތެކެވެ. 

ފޭސްބުކް އާއި އިންސްޓަގްރާމް ފަދައިން ވަޓްސްއެޕްގެ ވެރި ކުންފުންޏަކީ ވެސް މެޓަ އެވެ.

ވަޓްސްއެޕް އިން މައުލޫމާތު ދޭ ގޮތުގައި ވަޓްސްއެޕް ބޭނުންކުރަމުން އަންނަ ދެ ބިލިއަން ކަސްޓަމަރުންނަށް ކުރިއަށް އޮތް މަދު ހަފްތާތަކެއް ތެރޭގައި މެސެޖުތައް އެޑިޓު ކުރެވޭނެ ފުރުސަތު ހުޅުވިގެން ދާނެ އެވެ. ވަޓްސްއެޕް އެންމެ ގިނަ އަދަދަކަށް ބޭނުން ކުރަމުން އަންނަނީ އަވަށްޓެރި އިންޑިއާގަ އެވެ. އެގައުމުގައި މި އެޕްލިކޭޝަން ބޭނުންކުރާ 487 މިލިއަން ކަސްޓަމަރުން ތިބެ އެވެ.

އެކުންފުނިން ހޯމަ ދުވަހު ނެރެފައިވާ ބްލޮގް ޕޯސްޓެއްގައި ބުނެފައި ވަނީ އާދައިގެ ސްޕެލިންގް ކުށެއް ރަނގަޅުކުރުމުން ފެށިގެން ގޮސް މެސެޖަށް އިތުރު ފުރިހަމަކަން ގެނެސްދިނުމާ ހަމައަށް ޗެޓުތަކުގެ މައްޗަށް ކަސްޓަމަރުންނަށް އިތުރު ކޮންޓްރޯލެއް ދެވޭތީ ވަޓްސްއެޕުގެ ޓީމުން އުފާކުރާ ކަމަށެވެ.

"ހަމަ އެކަނި ކުރަން ޖެހޭ ކަމަކީ މެސެޖަކަށް ފިއްތާލަންވީ އިރުކޮޅަކަށް، ދެން އަރާ މެނޫ އިން އެޑިޓް އަށް ފިއްތާލެވޭނެ 15 މިނެޓާ ހަމައަށް،" އެ ބްލޮގް ޕޯސްޓުގައި ލިޔެފައިވެ އެވެ. އަދި އެޑިޓުކޮށްފައިވާ މެސެޖުތަކުގެ ތިރީގައި އެޑިޓުކޮށްފައިވާކަން އެނގެން ހުންނާނެ ކަމަށް އެ ޕޯސްޓުގައި ބުނެފައިވެ އެވެ.

ވަޓްސްއެޕް މެސެޖު އެޑިޓް.

މިދިޔަ އަހަރު ޓުވިޓާއިން ވެސް ވަނީ ޓުވީޓުތައް އެޑިޓު ކުރުމުގެ ފުރުސަތު އެ ހިދުމަތަށް އިސްތިރާކު ދައްކަމުން އަންނަ ކަސްޓަމަރުންނަށް ހުޅުވާލާފަ އެވެ. ނަމަވެސް ވަޓްސްއެޕްއާ ހިލާފަށް ޓުވީޓުތައް އެޑިކުރުމުގެ ފުރުސަތު 30 މިނެޓާ ހަމައަށް ލިބެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް