Majlis 2024

ފޭސްބުކްގެ ވެރި މެޓަ ކުންފުނީގެ ލޯގޯ

ކަސްޓަމަރުންގެ ޑޭޓާއަށް ފަރުވާކުޑަ ކޮށްގެން 1.3 ބިލިއަން ޑޮލަރުން މެޓަ ޖޫރިމަނާކޮށްފި

މިއީ ޔޫރަޕުގެ ޖީޑީޕީއާރް ގާނޫނުގެ ދަށުން މިހާތަނަށް ކުރި އެންމެ ބޮޑު ޖޫރިމަނާ

ޔޫރަޕާއި އެމެރިކާއާ ދެމެދު ކަސްޓަމަރުންގެ މައުލޫމާތުތައް ބަދަލުކުރުމުގައި ފަރުވާކުޑަކުރުމުގެ ސަބަބުން ފޭސްބުކްގެ ވެރި މެޓަ ކުންފުނި 1.2 ބިލިއަން ޔޫރޯ (1.3 ބިލިއަން ޑޮލަރު) އިން ޖޫރިމަނާކޮށްފި އެވެ. 

އަޔަލެންޑުގެ ޑޭޓާ ޕްރޮޓެކްޝަން ކޮމިޝަން (ޑީޕީސީ) އިން އެޅި މި ފިޔަވަޅަކީ ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ޖެނެރަލް ޑޭޓާ ޕްރޮޓެކްޝަން ރެގިއުލޭޝަން ޕްރައިވެސީ (ޖީޑީޕީއާރް) ގާނޫނުގެ ދަށުން މިހާތަނަށް ކަނޑައެޅި އެންމެ ބޮޑު ޖޫރިމަނާގެ އަދަދެވެ. 

އީޔޫ ކަސްޓަމަރުންގެ މައުލޫމާތު އެހެން ސަރަހައްދަކަށް ބަދަލުކުރާ ނަމަ އެކަން ކުރަންޖެހޭ ގޮތުގެ ގަވާއިދުތަކެއް ޖީޑީޕީއާރް ގާނޫނުގެ ދަށުން އޮންނަނީ ކަނޑައަޅާފަ އެވެ.

މެޓައިން ވަނީ މި ޖޫރިމަނާ އިސްތިއުނާފު ކުރާނެ ކަމަށާއި މިއީ "ހައްގު ނޫން އަދި ބޭކާރު" ނިންމުމެއް ކަމަށް ބުނެފަ އެވެ.

ޔޫރަޕުގެ ކަސްޓަމަރުންގެ ޒާތީ އަދި އެހެނިހެން މައުލޫމާތުތައް އީޔޫގެ ސަރަހައްދުން ބޭރަށް ގެންދާއިރު ވަކި ގަވާއިދުތަކަކަށް އަމަލުކުރުމަށް އީޔޫ ކޮމިޝަނުން ކަނޑައަޅާފައި ވަނީ އާންމުން ރައްކާތެރި ކުރުމަށެވެ. މީގެ ތެރޭގައި އެމެރިކާ ފަދަ އެކުވެރި ގައުމުތަކުގެ ޖާސޫސީ އިދާރާތަކުން ވެސް ރައްޔިތުން ރައްކާތެރި ކުރުން ހިމެނެ އެވެ.

މީގެ 10 އަހަރު ކުރިން 2013 ވަނަ އަހަރު އެމެރިކާގެ ގައުމީ ސެކިއުރިޓީ އެޖެންސީގެ ކޮންޓްރެކްޓަރަކަށް ހުރި އެޑްވަޑް ސްނޯޑެން ވަނީ އެމެރިކާގެ އިދާރާތަކުން ތަކުރާރުކޮށް ފޭސްބުކް އާއި ގޫގުލް މެދުވެރިކޮށް ކަސްޓަމަރުންގެ މައުލޫމާތުތައް ބަލާފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި ފޭސްބުކް އިން ކަސްޓަމަރުންގެ މައުލޫމާތުތައް ޔޫރަޕުން އެމެރިކާއަށް ބަދަލުކުރުމުން، ކަސްޓަމަރުންގެ ޕްރައިވެސީ އަށް ކެމްޕެއިން ކުރާ އޮސްޓްރިއާގެ މެކްސް ޝްރެމްސް ވަނީ ފޭސްބުކް ގޮވައިގެން 2015 ވަނަ އަހަރު ކޯޓަށް ގޮސްފަ އެވެ. 

މެޓަ 1.3 ބިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމާ ގުޅޭ (ވީޑިއޯ/ފްރާންސް 24 އިންގްލިޝް)

ޔޫރަޕު މީހުންގެ މައުލޫމާތުތައް ރައްކާތެރި ކުރެވޭނެ ގާނޫނީ ވަރުގަދަ ވެއްޓެއް އެމެރިކާގައި ނެތް ކަމަށް ޔޫރަޕުގެ އެންމެ މަތީ ކޯޓުން ވަނީ ތަކުރާރުކޮށް ބުނެފަ އެވެ. އަދި 2020 ވަނަ އަހަރު އެ ކޯޓުން ވަނީ ޔޫރަޕުން އެމެރިކާއަށް މައުލޫމާތު ބަދަލުކުރުމަށް ހަދާފައިވާ އެއްބަސްވުން އުވާލާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް