ސްނެޕްޗެޓްގެ އޭއައި ޗެޓްބޮޓް.
އޭއައި ޗެޓުބޮޓު ސްނެޕްގެ ހުރިހާ ކަސްޓަމަރުންނަށް ދޫކޮށްލައިފި
ސްނެޕްޗެޓް އެޕްލިކޭޝަންގެ ވެރި ސްނެޕް ކުންފުނިން "މައި އޭއައި ޗެޓްބޮޓް"ގެ ނަމުގައި ކަސްޓަމައިޒް ކުރެވޭ އޭއައި ޗެޓްބޮޓެއްގެ ހިދުމަތް ހުރިހާ ކަސްޓަމަރުންނަށް ހުޅުވާލައިފި އެވެ.
މަޝްހޫރު އޭއައި ޗެޓްޖީޕީޓީގެ މައްޗަށް ބިނާކޮށްފައިވާ މި ހިދުމަތަކީ ކުރިން ހަމަ އެކަނި ސްނެޕް ޕްލަސްގެ ކަސްޓަމަރުންނަށް ލިބެމުން އައި ހިދުމަތެކެވެ. މި ހިދުމަތުން ކަސްޓަމަރުންނަށް ހިޔާލު ހޯދުމަށާއި ސުވާލުތަކަށް ޖަވާބު ދިނުމަށާއި އަދި ސިކުންތުކޮޅެއް އެކި އެކި ކަންކަން ކުރުމަށް މަގުފަހިކޮށްދޭނެ ކަމަށް ސްނެޕް އިން ބުނެ އެވެ.
އަދި ރަހުމަތްތެރިންނާ އެކު ދައްކާ ވާހަކަތަކުގައި "@މައިއޭއައި" ޖެހުމުން އެ ވާހަކަތަކުގެ ތެރޭގައި މި ހިދުމަތް ބޭނުން ކުރެވޭނެ ކަމަށް ވެސް ސްނެޕް އިން ބުންޏެވެ. މީގެ އިތުރުން ވެސް ކަސްޓަމަރަކު ބޭނުންވެއްޖެ ނަމަ މި ހިދުމަތަށް ނުވަތަ ބޮޓަށް ނަމެއް ދީ ކަސްޓަމައިޒް ވެސް ކުރެވޭނެ އެވެ.
ސްނެޕް އިން މި ހިދުމަތް ހުރިހާ ކަސްޓަމަރުންނަށް ދޫކޮށްލާފައި މިވަނީ ޗެޓްޖީޕީޓީ އުފެއްދި އޯޕެންއޭއައި ކުންފުނިން އެކުންފުނީގެ ޗެޓުބޮޓު ބޭނުން ކުރުމުގެ ފުރުސަތު ހުރިހާ ވިޔަފާރިތަކަށް ހުޅުވާލިތާ މަހަކަށް ވުރެ ގިނަ ދުވަސް ފަހުން ނެވެ. އަދި ސްނެޕްގެ އިތުރުން އިންސްޓަކާޓް، ކުއިޒްލެޓް ފަދަ މަގުބޫލު ގިނަ އޮންލައިން ވިޔަފާރިތަކަކުން ވެސް ވަނީ މި ހިދުމަތް ވަރަށް ކުރީކޮޅު ޓެސްޓުކޮށް ހަދައިފަ އެވެ.
ޗެޓްޖީޕީޓީ އެންމެ ކުރީކޮޅު ބޭނުން ކުރަން ފަށާފައިވާ ކުންފުނިތަކުން މި ހިދުމަތް އެ ކުންފުނިތަކުގެ ހިދުމަތްތަކާއި ވިޔަފާރިތަކުގައި ހިމަނަމުން އަންނަނީ އެކި އެކި ބޭނުންތަކަށެވެ. އަދި ކަސްޓަމަރުންނަށް ފޯރުކޮށްދެވޭ މިހުރިހާ ހިދުމަތްތަކެއްގައި ޗެޓްޖީޕީ ބޭނުން ކުރުމުން އޭއައިގެ ހުރި ހަގީގީ ބޭނުންތެރިކަން އެކި އެކި ރޮނގުތަކުން ފާހަގަވެގެން ދާނެ އެވެ.
ނަމަވެސް ޗެޓްޖީޕީޓީގެ ފީޗާތައް ބޭނުންކުރުމުން ގޮންޖެހުންތަކެއް ވެސް ކުރިމަތިވުމުގެ ބިރު އެބައޮތެވެ. ސަބަބަކީ އޮންލައިންކޮށް އެތައް މައުލޫމާތެއް ބަލައި ހޯދުމަށް ފަހު ޗެޓްޖީޕީޓީ އިން ނެރޭ މައުލޫމާތުތައް ގޯސްވުމަކީ ނުވަތަ ކަމު ނުދިޔުމަކީ އެކަށީގެންވާ ކަމެކެވެ.
ސްނެޕް އިން އަލަށް ލޯންޗުކުރި އޭއައި ޗެޓުބޮޓްއާ ބެހޭގޮތުން އެކުންފުނިން ނެރެފައިވާ ބްލޮގްޕޯސްޓެއްގައި އެ ހިދުމަތް އެންމެ ފުރިހަމަ ނޫންކަމަށް އެކުންފުނިން ވަނީ ލިޔެފަ އެވެ. ނަމަވެސް އޭއައި އިން ދެމުން އަންނަ ޖަވާބުތަކުގެ %99.5 ގަވާއިދުތަކަށް ފެތޭކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ.